ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޑީޕްސީކްގެ ކުރިއެރުމާއެކު ސަލާމަތީ އަދި ޕްރައިވެސީގެ ކަންބޮޑުވުންތައް
ދުނިޔެ

ޑީޕްސީކްގެ ކުރިއެރުމާއެކު ސަލާމަތީ އަދި ޕްރައިވެސީގެ ކަންބޮޑުވުންތައް

އއިބްރާހީމްް ސަމީރު11 ފެބްރުއަރީ 2025
ޗައިނާގެ ހެންގްޒޫ ގައި ހުންނަ ޑީޕްސީކް އިން ތަރައްގީކޮށްފައިވާ އޭއައި (މަބް) ޗެޓްބޮޓް ވަނީ ދުނިޔޭގެ އެޕް ޗާޓްތަކުގައި އޮޕަންއޭއައިގެ ޗެޓްޖީޕީޓީ ފަހަނައަޅައި ގޮސް، އެންމެ މަތީ މަގާމު ހޯދާފައެވެ. ނަމަވެސް މި ކުރިއެރުމާއެކު ޕްރައިވެސީއާއި ސަލާމަތީ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޑީޕްސީކްގެ މޮޅުކަމުން ސަމާލުކަން ލިބިފައިވަނީ ހަމައެކަނި އޭގެ ޓެކްނިކަލް ގާބިލްކަމުގެ ސަބަބުން ނޫނެވެ. ޗައިނާ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޖަވާބުދާރީވުމާއި، ނާޒުކު މައުޟޫއުތަކުގައި ސަރުކާރުގެ ސްޓޭންޑް ވަރުގަދަކުރުމަށް މި ޗެޓްބޮޓުން މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. ޓައިވާން، ޓިއަނަންމެން ސްކުއަރ، އަދި ޝިންޖިއާން ފަދަ ސިޔާސީ ގޮތުން ނާޒުކު މައްސަލަތަކުގައި މި ޗެޓްބޮޓް ޖަވާބުދާރީވަނީ ޗައިނާ ސަރުކާރުގެ އިރުޝާދުތަކާއި ޗައިނާއިން އެކަންކަމުގައި ވާހަކަދައްކާ ގޮތާ އެއްގޮތަށެވެ. ޕްރައިވެސީގެ ރޮނގުން ބަލާއިރު، ޑީޕްސީކް އިން ޔޫޒަރުންގެ އައިޕީ އެޑްރެސް، ފޯނު ނަންބަރު އަދި ޗެޓް ހިސްޓްރީ ފަދަ އަމިއްލަ މަޢުލޫމާތު އެއްކުރާކަން ވަނީ ފާހަގަކުރެވިފައެވެ. "މި މަޢުލޫމާތަކީ ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނުތަކުގެ ދަށުން ޖާސޫސީ އިދާރާތަކަށް ލިބިދާނެ މަޢުލޫމާތު" ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. މީގެއިތުރުން، ސައިބަރ ސެކިއުރިޓީގެ ހާދިސާއެއްގައި މިލިއަނަކަށްވުރެ ގިނަ ލޮގް އެންޓްރީތައް ހާމަވެގެން ދިއުމަކީ އިތުރު ކަންބޮޑުވުމެކެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެމެރިކާގެ ޓެކްސަސްއާއި ނޭވީ އާއި ކޮންގްރެސް އޮފީސްތަކުން ޑީޕްސީކް ބޭނުން ނުކުރުމަށް އަންގާފައިވާއިރު، އިޓަލީން ވަނީ ޑޭޓާ ޕްރޮޓެކްޝަންގެ ކަންބޮޑުވުންތަކާ ގުޅިގެން އެ އެޕް މުޅިން މަނާކޮށްފައެވެ. ޑީޕްސީކްގެ މި ހަލުވި ކުރިއެރުމަކީ ބައިނަލްއަގުވާމީ ޓެކްނޮލޮޖީގެ މައިދާނުގައި އޭއައި ގަވަރނަންސް އާއި ޑޭޓާ ސެކިއުރިޓީއާ ގުޅިގެން އުފެދިފައިވާ ޓެންޝަންތައް ދައްކުވައިދޭ މިސާލެއް ކަމުގައި ބެލެވެއެވެ.

ގުޅުންހުރި ޚަބަރު