ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މީޑިއާ ކޮންޓްރޯލު ކުރާ ކަމަށް ބުނެ ޕާކިސްތާން ސަރުކާރަށް ފާޑުކިޔުން
ދުނިޔެ

މީޑިއާ ކޮންޓްރޯލު ކުރާ ކަމަށް ބުނެ ޕާކިސްތާން ސަރުކާރަށް ފާޑުކިޔުން

އއިބްރާހީމްް ސަމީރު26 ފެބްރުއަރީ 2025
ޕާކިސްތާނުގެ މީޑިއާ ދާއިރާ މިހާރު ވަނީ ސަރުކާރުން ފާސްކޮށްފައިވާ އައު ސައިބަރ ކްރައިމްއާ ބެހޭ ޤާނޫނަކާ ދެކޮޅަށް ނިކުމެފައެވެ. އަދި ޤައުމުގެ އެންމެ އިސް ނޫސްވެރިންގެ ޔޫނިއަނުން މި ޤާނޫނު ސިފަކޮށްފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ އަދި ޑިމޮކްރަސީއަށް އަމާޒުކޮށްފައިވާ ހަންޖަރެއްގެ ގޮތުގައެވެ. ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް (ޕީއެފްޔޫޖޭ) އިން ވަނީ އިލެކްޓްރޯނިކް ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް (ޕެކާ) އަށް ގެނެވުނު އިސްލާހުތަކަށް "ނޫސްވެރިކަމަށް އަމާޒުކޮށްފައިވާ މާޝަލް ލޯއެއް، ކަމަށާއި އަދި އެއީ، މީޑިއާ ދެކެ ބިރުގަނެފައިވާ ސަރުކާރަކުން ސިއްރުން ފާސްކުރި" ގާނޫނެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ފާޑުކިޔުން އައިސްފައި ވަނީ އިސްލާމާބާދުގައި ބޭއްވި ތިން ދުވަހުގެ މަންދޫބުންގެ ބައްދަލުވުމުން، ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ ގުޅިފައިވާ ސަރުކާރާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތަކުންނެވެ. ޕީއެފްޔޫޖޭ އިން ނުރުހުން ފާޅުކޮށްފައި ވަނީ ހަމައެކަނި ޕެކާ ޤާނޫނާ ދޭތެރޭގައެއް ނޫނެވެ. އެމީހުން ވަނީ ސަރުކާރުގެ ނުބައި ރޭވުންތަކާއި ނޫސްވެރިންނަށް ތުރާ ކުރުމާ މެދުވެސް ފާޑު ކިޔާފައެވެ. އަދި ޚާއްޞަކޮށް މީޑިއާއަށް ދޭ އިޝްތިހާރުގެ ފައިސާ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލު ކުރުމަށް ކުރާ މަސައްކަތަށްވެސް ފާޑު ކިޔާފައެވެ. ޕާކިސްތާނުގެ އިނގިރޭސި ނޫސްތަކުގެ އެންމެ ދުވަސްވީ ނޫސްކަމުގައިވާ ޑޯން ނޫހުން ވަނީ މިކަމުގައި މެދުނުކެނޑި ސަރުކާރަށް ފާޑުކިޔާފައެވެ. "ހަޤީޤަތް ބުނަން ކެރުނީތީ ޑޯން ބަނޑަށް ޖައްސަނީ" އިޝްތިހާރު ކަނޑާލުމާ ގުޅިގެން ފާސްކުރި ޤަރާރުގައި ރުޅިވެރިކަމާއެކު ބުނެފައިވެއެވެ. ޑޯން ނޫހުން ވަނީ ފަސްޖެހުމަކާ ނުލައި ސަރުކާރާ ދެކޮޅަށް ރިޕޯޓުތައް ކޮށް ވަރުގަދަ އެޑިޓޯރިއަލްތަކަށް ޝާއިއުކޮށްފައެވެ. ޕާކިސްތާނު ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރާ ޕެކާ ގާނޫނު ފާސްކޮށްފައި ވަނީ "ދޮގު ޚަބަރު" ހުއްޓުވުމަށް ކަމަށް ބުނެ އެވެ. މި ޤާނޫނަކީ އަށް އަހަރު ވަންދެން އިދިކޮޅު ޚިޔާލުތަކަށް ހުރަސްއެޅުމުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މަސައްކަތްތައް އިތުރަށް ވަރުގަދަ ކޮށް ހަދާފައިވާ ގާނޫނެއް ކަމަށް އެމީހުން ބުނެއެވެ. ޕާކިސްތާނުގައި ގިނަ އަދަދަކަށް ނޫސްވެރިން މަރުވުމުގެ މައްސަލައަށްވެސް ނޫސްވެރިންގެ ޖަމުއިއްޔާއިން އަލިއަޅުވާފައި ވެއެވެ.ޕާކިސްތާނުގައި މިދިޔަ އަހަރު އެކަނިވެސް ދިހަ ނޫސްވެރިން މަރުވެފައިވާ ކަމަށް އެމީހުން ބުނެއެވެ. އަދި ފުލުހުން ވަނީ މި ޖަރީމާ ހިންގި މީހުން ހޯދުމުގައި ނުކުޅެދިފައެވެ. ނުވަތަ އެމީހުން ހޯދަން ބޭނުމެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު