ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އިންޑިއާގެ ޑިޖިލޮކަރއަކީ މީހާގެ ޑޮކިއުމެންޓުތައް ރައްކާ ކޮށްދޭ އަރުޝީފް
ދުނިޔެ

އިންޑިއާގެ ޑިޖިލޮކަރއަކީ މީހާގެ ޑޮކިއުމެންޓުތައް ރައްކާ ކޮށްދޭ އަރުޝީފް

އއިބްރާހީމްް ސަމީރު26 ފެބްރުއަރީ 2025
މަގުމަތީގައި ޓްރެފިކަށް ހުއްޓުވާއިރު ޑިޖިޓަލް ލައިސަންސް ކާޑު ދެއްކުމަކީ މިހާރު ވަރަށް ގިނަ ގައުމުތަކުގައި އާންމު ކަމެކެވެ. ނަމަވެސް ސަރުކާރާއި އަމިއްލަ އިދާރާތަކުން ގަބޫލުކުރާ ފެންވަރަށް ތިމާގެ ސެޓިފިކެޓްތަކާއި ޝަރުއީ ސައްހަ ލިޔުންތައް އެ ގޮތަށް ދެއްކޭނެ ކަމުގެ ފަސޭހަކަން ޚިޔާލަށް ގެންނާށެވެ. އޯލެވެލް އަދި އޭލެވެލްއާއި ޔުނިވާސިޓީން ދޫކޮށްފައިވާ ޑިގްރީން ފެށިގެން ކާރު އިންޝުއަރެންސް އާއި ކައިވެންޏާއި ވަރިއާއި އުފަންދުވަހުގެ ސެޓްފިކެޓާއި ގޭގެ ރަޖިސްޓްރީއާއި ކޯޓު ލިޔުންތަކާ ހަމައަށް ހުރިހާ ޑޮކިއުމެންޓެއް އެއްތަނަކުން ދެއްކޭނެ ނަމަ ކިހާ ފަސޭހައެއް ވާނެ ހެއްޔެވެ؟ އަދި ނޯޓަރައިޒް ނުކޮށް، ވަކީލަކު ކައިރިއަށް ނު ގޮސް އަދި ފޮޓޯ ކޮޕީ ހެއްދުމެއްވެސް ނެތި މި ޑޮކިއުމެންޓުތައް ރައްކާތެރި ކަމާއެކު ބަދަލު ކުރެވޭނެ ނަމަ ދޯއެވެ! އިންޑިއާގައި ޑޮކިއުމެންޓެއް ފޮޓޯ ކޮޕީ ހައްދާކަށެއް ނުޖެހެއެވެ. އަދި ވަކީލަކު ލައްވައި އެޓެސްޓު ކުރުވާކަށެއްވެސް ނުޖެހެއެވެ. އިންޑިއާގެ ރައްޔިތުންގެ ރަސްމީ ލިޔެކިޔުންތައް ބެލެހެއްޓުމަށް އިންގިލާބީ ބަދަލެއް ގެނަސްދީފައި ވަނީ، ސަރުކާރުން އުފައްދާފައިވާ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ޑިޖިލޮކަރ އިންނެވެ. މިއީ ދިހަ އަހަރު ވަންދެން ކާމިޔާބު ކަމާއެކު މަޅިއެއް އެރުމަކާ ނުލައި ހިނގަމުން އަންނަ ޑިޖީލޮކަރެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މައި ޑިޖިޓަލް އިންޑިއާ ކެމްޕޭންގެ ދަށުން 2015 ވަނަ އަހަރު ތައާރަފްކުރި ޑިޖިލޮކަރަކީ އިންޑިއާގެ ރައްޔިތުންނަށް ޑޮކިއުމެންޓްތައް އޮންލައިންކޮށް، ރައްކާތެރިކަމާއެކު، ގާނޫނީ ބާރާއެކު އަދި ހިލޭ ރައްކާ ކުރެވޭ ކްލައުޑް ބޭސްޑް ޚިދުމަތެވެ. 3.3 ކްރޯޑަށް ވުރެ ގިނަ ޔޫޒަރުން ރަޖިސްޓްރީ ވެފައިވާ ޚިދުމަތެކެވެ. އަދި 2019 ވަނަ އަހަރުގެ ފަހުކޮޅު 372 ކްރޯޑަށް ވުރެ ގިނަ ސައްހަ ޑޮކިއުމެންޓްތައް ޑިޖީލޮކަރގައި ރައްކާ ކޮށްފައި ވެއެވެ. އެ އެންމެން ބޭނުން ކުރާއިރު ވެސް، ސިސްޓަމް ސްލޯ ވެގެން ނޫނީ ހުއްޓުން އަރައިގެން، އެއްވެސް މީހަކު ލޭ މައްޗަށް ގޮސްގެނެއް ނޫޅެއެވެ. އެއީ އިންޑިއާގެ ޑިޖިޓަލް ސްޓެކްގެ ބައެކެކެވެ. މިއީ ދުނިޔޭގެ ދެކުނު ބިތުން ދެކުނު ބިތަށް އެހީތެރިވުމަށް އދން ކަނޑައަޅާފައިވާ ނިޒާމުގެ ދަށުން ހިލޭ ބޭނުން ގައުމަކަށް ދެވޭ ޑިޖިޓަލް ނިޒާމުގެ އެއް ބައެވެ. ސްރީލަންކާއިން ވަނީ ޑިޖިލޮކާއާއި ކާކުކަން އަންގައިދޭ  ކާޑްގެ ސްޓެކް ބޭނުން ކުރަން ފަށާފައެވެ. އަޖުމަ  ބަލައި ތަޖުރިބާ ކޮށްފައިވާ ހިލޭ ދޫކުރާ އޮޕަން ސޯސް ކޯޑްތަކެކެވެ. އިންޑިއާގެ ޑިޖީލޮކާ ބޭނުން ކުރެވޭނީ، 12 އަދަދުގެ ޔުނިކް އައިޑީ ގެ ނަންބަރަކާ ގުޅުވައިގެންނެވެ. މިއީ އިންޑިއާގެ ކާކުކަން އަންގައިދޭ އާދާރް ކާޑެވެ. ބައޯމެޓްރިކްސް ބޭނުން ކުރާ ކާޑެކެވެ. އާދާރް ކާޑު މެދުވެރިކޮށް ފޯނަށް އަންނަ ކޯޑާއެކު ޑިޖީލޮކާ އިން ރައްޔިތު މީހާއަށް 1 ޖީބީގެ ޖާގައެއް ލިބޭނެއެވެ. އަދި ކޮންމެ ފައިލެއްވެސް 10 އެމްބީއަށް ވުރެން ބޮޑު ނުވާގޮތަށް ސްކޭންކޮށްފައި ޑިޖީލޮކާއަށް ލެވޭނެއެވެ. އިނގިރޭސިއާއެކު އިންޑިއާގެ ރަސްމީ ކޮންމެ ބަހަކުންވެސް ބޭނުން ކުރެވޭނެއެވެ. މިއީ، އިންޑިއާގެ "އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާނޫނު 2000" ގެ ދަށުން ރައްކާތެރިކަން ލިބިފައިވާ އެއްޗެކެވެ. މާނައަކީ އޭގައި ހިމެނޭ ކޮންމެ ލިޔުމަކަށް ރައްކާތެރިކަން ލިބިގެން ވެއެވެ. ޑިޖިލޮކަރ އިން ބޭނުންކުރަނީ 2048 ބިޓް އާރުއެސްއޭ އެސްއެސްއެލް އެންކްރިޕްޝަން ގެނިޒާމެވެ. މި ނިޒާމު ބަލަހައްޓާ އިދާރާއިން އަބަދުވެސް ސިސްޓަމް އޮޑިޓް ކުރަމުން ގެންދެއެވެ. އެހެންވެ، މިއަދާހަމައަށް އަދި މި ނިޒާމު ފޫއަޅުވާލެވި ކޮމްޕޮރޮމައިސް ވެފައެއް ނުވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ރެޑް ޓޭޕްގައި ތާށިވެފައި އޮތް ގައުމަކަށް މިއީ ހަގީގީ ކާމިޔާބެކެވެ. އިންޑިއާ މީހުންނަށް ކާރިސާއެއް ލައިގަނެގެން ނޫނީ ފެންބޮޑު ވެގެން ނޫނީ އެހެން ކަމެއްވެގެންވެސް ޑޮކިއުމެންޓު ގެއްލިގެން އުޅޭކަށެއް ނުޖެހެއެވެ. އެއީ  މިހާރު އިންޑިއާ މީހުންނަށް މާޒީއެވެ.

ގުޅުންހުރި ޚަބަރު