ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކެންސަރު ހަސްފަތާލަށް ބޮން އަޅައި ހަލާކުކޮށްފި
ދުނިޔެ

ކެންސަރު ހަސްފަތާލަށް ބޮން އަޅައި ހަލާކުކޮށްފި

އއިބްރާހީމްް ސަމީރު17 މޭ 2025
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަޤްޞާ ޠޫފާނަށް ފަހު ޒަޔަނިސްޓު ޔަހޫދީންގެ ސިފައިން ވަނީ 122 ހޮސްޕިޓަލަކާއި 180 އެމްބިއުލާންސަށް ހަމަލަދީ ހަލާކުކޮށްލާފައެވެ. މިއީ އިންސާނީ ތާރީޚުގައި ހަނގުރާމައެއްގައި އެއް ބިމެއްގައި އެންމެ ގިނައިން ސިއްޙީ ފަރުވާގެ ނިޒާމަށް ހަމަލަ ދީފައިވާ ހާލަތު ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ. ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވަނީ ޣައްޒާގެ ސިއްޙީ ނިޒާމު ޔަހޫދީން އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނާސިރު ހޮސްޕިޓަލަކީ މިހާރު ޚާން ޔޫނިސްގައި ބާކީ ހުރި ހަމައެކަނި ހޮސްޕިޓަލްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ޣައްޒާގައި ކެންސަރަށް ފަރުވާދޭން ހުރި އެންމެ ފަހު ހޮސްޕިޓަލު ކަމުގައިވާ ޚާން ޔޫނުސްގެ ޔޫރަޕިއަން ހޮސްޕިޓަލް ވަނީ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ހުއްޓާލުމަށް މަޖުބޫރުވެފައެވެ. މި ހޮސްޕިޓަލުން 10 ހާސް ކެންސަރުގެ ބަލިމީހުން ފަރުވާ ހޯދަމުން އައި ކަމަށް ވެއެވެ. ޒަޔަނިސްޓުން ޣައްޒާގައި ބޭނުން ކުރަމުންދާ ކެމިކަލްތަކުގެ ސަބަބުން ޣައްޒާގެ މީހުންގެ މެދުގައި ކެންސަރަކީ އާންމު ބައްޔެއް ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ޔަހޫދީން ބުނެފައިވަނީ މި ހޮސްޕިޓަލަކީ ހަމާސްއިން އެމީހުންމީހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަށް ބޭނުން ކުރާ މަރުކަޒު ކަމަށެވެ. ނަމަވެސް މިއީ ޔަހޫދީން މީގެ ކުރިން ބޮން އަޅައި ނައްތާލި ހުރިހާ ހޮސްޕިޓަލަކާ މެދުވެސް ބުނި ވާހަކައެއް ކަމަށް ފާހަގަކުރެވެއެވެ. މި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޣައްޒާގެ މަދަނީ ރައްޔިތުންނަށް އަމާޒުކޮށް ދެވޭ މިފަދަ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. މި ހާލަތުގައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން އަވަސް ގޮތެއްގައި ބޭނުންވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ޚަބަރު