ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އިނގިރޭސިން ފިޔަވަޅު އަޅަނީ
ދުނިޔެ

އިނގިރޭސިން ފިޔަވަޅު އަޅަނީ

އއިބްރާހީމްް ސަމީރު21 މޭ 2025
އިޒްރޭލުގެ ސަރުކާރުން ގެންގުޅޭ "ނޭދެވޭ ސިޔާސަތުތަކާ" ގުޅިގެން އިނގިރޭސިވިލާތުން އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އިޒްރޭލާއެކު ކުރިއަށްގެންދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލުމާއި، ހަތިޔާރު ސަޕްލައި ކުރުން މަދުކުރުން ހިމެނެއެވެ. އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓު ކުރުމަށް ދޫކޮށްފައިވާ 350 ލައިސަންސްގެ ތެރެއިން 30 ލައިސަންސް ކެންސަލް ކުރާނެ ކަމަށެވެ. މީގެ އިތުރުން، ޒަޔަނިސްޓު އެކްޓިވިސްޓެއް ކަމުގައިވާ ޑެނިއެލާ ވައިސް އާއެކު 3 ޔަހޫދީ ޒަޔަނިސްޓުންނާއި، ހިފާފައިވާ ހުޅނގު އައްސޭރީގައި ހުރި ޣައިރު ޤާނޫނީ 2 އާބާދީއަކާއި 2 ޖަމްޢިއްޔާއަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އިނގިރޭސިވިލާތުން އިޢުލާނުކޮށްފައިވެއެވެ. މި ފިޔަވަޅުތަކާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އޯރެން މާމޯސްޓީން ބުނެފައިވަނީ، މިއީ "އިޒްރޭލާ ދެކޮޅު ވިސްނުމުގައި އަޅާފައިވާ" ފިޔަވަޅުތަކެއް ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ، "އިޒްރޭލުގެ ވުޖޫދާއި ސަލާމަތާއި ރައްކާތެރިކަން ދިފާޢުކުރުމުގެ މަގުން އެއްކިބާ" ނުވާނެ ކަމަށެވެ. އިނގިރޭސިވިލާތުގެ ޔަހޫދީ ޖަމާއަތްތަކުން މި ފިޔަވަޅުތަކަށް ތާއީދުކޮށް، މިއީ އިޒްރޭލުގެ އުދުވާނާ ހެދި އިނގިރޭސި ސަރުކާރުން އަޅާ ތަބީޢީ ފިޔަވަޅުތަކެއް ކަމަށް ބުނެފައިވެއެވެ. އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ އިތުރަށް ފުޅާކުރުމާއި، 11 ހަފްތާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާލާފައިވާތީ، އިނގިރޭސިވިލާތުގައި ހުރި އިޒްރޭލުގެ ސަފީރު ޒިޕީ ހޮޓޮވެލީ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ. މި ފިޔަވަޅުތަކަކީ އިޒްރޭލާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމަށް އަސަރުކުރާނެ ކަމެއްކަމަށް ސިޔާސީ ތަހުލީލުވެރިން ދެކެއެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.

ގުޅުންހުރި ޚަބަރު