ދުނިޔެ
ޕާކިސްތާން އެފްއޭޓީއެފްގެ ގްރޭ ލިސްޓުގައި؟
އިންޑިއާއިން ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އަށް ޕާކިސްތާނާ ދެކޮޅަށް ވަރުގަދަ މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ. އެއީ ފައިސާ ދޮވުމާއި ޓެރަރިޒަމަށް ފައިނޭންސްކުރުމާ ދެކޮޅަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ޕާކިސްތާނުން ނުކުޅެދުމާ ގުޅިގެން އެ ޤައުމު "ގްރޭ ލިސްޓް" އަށް އަނބުރާ ލުމަށް އިންޑިއާއިން އެދޭ އެދުމެވެ.
ޕާކިސްތާން ގްރޭ ލިސްޓުގައި ހިމެނުމަށް އިންޑިއާއިން އެފްއޭޓީއެފްއަށް މައްސަލައެއް ހުށަހަޅާނެތޯ އެހުމުން ސަރުކާރުން ވަނީ އެކަން ޔަގީން ކޮށްދީފައެވެ.
އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވެފައިވެއެވެ. މި ހަމަލާގައި 26 އާންމުން މަރުވިއެވެ.
އިންޑިއާއިން ދެކޭގޮތުގައި ޕާކިސްތާނުގެ ސަރަޙައްދުން ފެށިގެން އަންނަ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުން ފެއިލްވެފައިވެއެވެ. ޕާކިސްތާނުގައި ހިންގާ ޓެރަރިސްޓް ހަމަލައަކީ އިންޑިއާއިން ހިންގާ ހަމަލަތަކެއް ކަމަށް އިސްލާމްއާބާދުންވެސް ބުނެއެވެ. އަދި ބައިނަލްއަޤްވާމީ އިދާރާތަކުން ލިބޭ ފައިސާ ހަތިޔާރާއި ވަޒަން ގަތުމަށް ޕާކިސްތާނުން ބޭނުން ކުރާ ކަމަށް އިންޑިއާއިން ބުނެއެވެ.
ފައިސާ ދޮވުމާއި، ޓެރަރިސްޓުންނަށް ފައިނޭންސްކުރުމާއި، ނުރައްކާތެރި ހަތިޔާރު އުފެއްދުމަށް ފައިނޭންސްކުރުމާ ދެކޮޅަށް ހަދާފައިވާ ގަވާއިދުތަކުގައި ހުރި އިސްތިރާޖީ މައްސަލަތައް ހައްލުކުރުމަށް ފެއިލްވާ ގައުމުތަކާއި އަދި އިތުރު މޮނިޓަރިންގ އަށް ދާ ޤައުމުތައް އެފްއޭޓީއެފްގެ ގްރޭ ލިސްޓުގައި ހިމެނެއެވެ.
އެފްއޭޓީއެފްއިން އެއްވެސް ޤައުމެއް މޮނިޓަރިންގ އަށް ލާއިރު، އޭގެ މާނައަކީ އެ ޤައުމަކުން ފާހަގަކުރެވިފައިވާ އިސްތިރާޖީ މައްސަލަތައް އެއްބަސްވެފައިވާ މުއްދަތެއްގެ ތެރޭގައި އަވަހަށް ހައްލުކުރުމަށް އެއްބަސްވާން ޖެހޭނެއެވެ.
އެފްއޭޓީއެފްގެ ޕްލެނަރީ، ނުވަތަ ނިންމުންތައް ނިންމާ މަޖިލިސް، އަހަރަކު ތިން ފަހަރު ބޭއްވެއެވެ. އެއީ، ފެބްރުއަރީ، ޖޫން އަދި އޮކްޓޯބަރުގައެވެ.
2018 ގައި ޕާކިސްތާން އެފްއޭޓީއެފްގެ ގްރޭ ލިސްޓުގައި ހިމެނުނެވެ. އަދި ފައިސާ ދޮވުމާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެކްޝަން ޕްލޭނެއް އެ ޤައުމަށް ދެވުނެވެ. އެކަން ހައްލު ކުރެވުނީ އިމްރާން ޚާންގެ ސަރުކާރަށެވެ.