ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ރަޝިޔާގެ ރަނުގެ ރިޒާވް އާދަޔާ ޚިލާފަށް އިތުރު ވެއްޖެ
ދުނިޔެ

ރަޝިޔާގެ ރަނުގެ ރިޒާވް އާދަޔާ ޚިލާފަށް އިތުރު ވެއްޖެ

އއިބްރާހީމްް ސަމީރު13 ސެޕްޓެމްބަރު 2024
ރަޝިޔާގެ ރަނުގެ ރިޒާވް 188.8 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ 25 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ރިޒާވުގައި އެޤައުމުގެ  ރަނުގެ ހިއްސާ މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މި 25 އަހަރު ތެރޭގައި އެގައުމުގެ ރިޒާވަށް 30 ޕަސެންޓްގެ އިތުރު ވުމެއް އައިސްފައި ވެއެވެ. ބޭންކް އޮފް ރަޝިޔާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިނަލްއަޤްވާމީ ރިޒާވުގައި ހުރި އެގައުމުގެ ރަނުގެ ރިޒާވްގެ އަގު އޮގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން ނުވަ ބިލިއަން ޑޮލަރަށް ނުވަތަ %5.1 އަށް އިތުރުވެފައިވެއެވެ. އޮގަސްޓް މަހު ރަނުގެ އަގު 3.6 ޕަސެންޓަށް އިތުރުވެ، މަސް ނިމުނީ އައުންސަކަށް 2،513 ޑޮލަރުގެ ރޭޓުގައެވެ. އޭގެ މާނައަކީ ރަޝިޔާ އިން ގެންގުޅޭ ރަނުގެ ރިޒާވްގެ ބޮޑުބައެއްގެ އަގު އަރައިގެން ދިއުމެވެ. މިފަހުގެ ތާރީޚެއްގައި، ރަޝިޔާގައި ރަން އެންމެ ގިނައިން ރައްކާ ކުރެވިފައި ހުރިކަމަށް ރެކޯޑްކުރެވިފައިވަނީ 1993 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މަރުކަޒީ ބޭންކުން ބުނާ ގޮތުގައި އެގައުމުގެ ބައިނަލްއަގްވާމީ ރިޒާވް ކުރިއަރަމުން އަންނައިރު، ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރައްކާ ކޮށްފައިވާ ރަނުގެ އަގު 613.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 11 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. ޔޫކްރޭން ހަމަނުޖެހުމާ ގުޅުން ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 2022 ވަނަ އަހަރުގެ ކުރީކޮޅު ހުޅަނގުގެ ޤައުމުތަކުން ރަޝިޔާގެ ބައިނަލްއަގްވާމީ ރިޒާވްގެ ދެބައިކުޅަ އެއްބައި ފްރީޒްކޮށްފައިވެ އެވެ. ރަޝިޔާގެ ރިޒާވްގެ ތެރެއިން ފްރީޒް ނުކުރެވުނު ބަޔަކީ، އެގައުމުގެ ތެރޭގައި ހިފެހެއްޓިފައިވާ ރަނާއި ބޭރު ފައިސާގެ އިތުރުން ޗައިނާގެ ޔުއާންގެ ހިއްސާގެ ބައެވެ.

ގުޅުންހުރި ޚަބަރު