ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަމްދާނީގެ ފުރާނައަށް ނުރައްކާ ވެއްޖެ
ދުނިޔެ

މަމްދާނީގެ ފުރާނައަށް ނުރައްކާ ވެއްޖެ

އއިބްރާހީމްް ސަމީރު30 ޖޫން 2025
ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައި ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބު ކުރެއްވި ޒަހްރާން މަދްމާނީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުތުރު ބަހުން އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕްގެ އިމިގްރޭޝަން އިދާރާގެ ވެރިޔާ ޓޮމް ހޯމަން ވެސް ވަނީ މަދްމާނީގެ އިމިގްރޭޝަން ސިޔާސަތުތަކަށް އިންޒާރު ދެއްވާފައެވެ. ބުދަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ލިޔުއްވާފައިވަނީ "ޑިމޮކްރެޓުން ހައްދު ފަހަނަޅައި ހިނގައްޖެ. ބޯ ހަމަނުޖެހޭ ސަތޭކަ ޕަސެންޓް ކޮމިއުނިސްޓް މީހެއްކަމަށްވާ ޒަހްރާން މަދްމާނީ މިހާރު ވަނީ ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބުކޮށްފަ. މީގެކުރިން ވެސް ހައްދުފަހަނައެޅި، ވާތުފިޔައިގެ މީހުންތަކެއް އުޅުނު. އެހެންނަމަވެސް މިހާރު މިކަން މިވަނީ ހައްދުން ނައްޓާފަ." ކަމަށެވެ. މިކަމުގައި އިތުރަށް ލިޔުއްވަމުން ޓްރަމްޕް ގެންގުޅުއްވި ބަސްމަގަކީ، ގުންޑާއިންވެސް އަބުރުވެރިވާން ބޭނުންވެގެން އާންމު ތަންތާގައި ބޭނުން ކުރާނެ ފަދަ ބަސްމަގެއް ނޫނެވެ. "އޭނާ (މަދްމާނީ) ފެންނަނީ ބިރުވެރި ސިފައެއްގައި. އަޑުވެސް ކުރަކި. އެހާ ތޫނުފުލިއެއްވެސް ނޫން، އަދި އޭނާއަށް އޭ.އޯ.ސީ+3، (ކޮންގްރެސްގެ 3 މެމްބަރުން) ހައްތާވެސް މޮޔައިން. އެ ވަނީ އޭނާއަށް ތާއީދުކޮށްފަ. އަދި އަހަރަމެންގެ ފަލަސްތީނުގެ އިއްޒަތްތެރި ސެނެޓަރު، ރޮއެހަދާ ޗަކް ޝޫމަރު ވެސް އޭނާއަށް ޚުޝާމަދު ކުރަމުން އެބަދުވޭ. މިއީ އަހަރަމެންގެ ތާރީޚުގައި ލައިގަންނަ ބޮޑުކަމެއް" ޓްރަމްޕްގެ ޓުރުތު ސޯޝަލްގައި ލިޔުއްވިއެވެ. ޓްރަމްޕް މަދުމާނީއަށް މަލާމާތް ކުރެއްވިއިރު ޓްރަމްޕްގެ ދަނބިދަރިއަކަށް ވެވޭ ފަދަ ސިފަތަކެއް އޭނާގެ ކިބައިގައި ހުރިކަމަށް ބެލެވެއެވެ. ޑިމޮކްރެޓިކް ޕާޓީން ނިއުޔޯކް މޭޔަރުކަމަށް ނިކުންނަވާފައިވާ މަދްމާނީ ވަނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ޕްރައިމަރީ ގައި ވާދަ ކުރައްވައި ނިއުޔޯކް ގަވަރުނަރު އެންޑްރޫ ކުއޯމޯ ބަލިކުރައްވައި ފުރަތަމަ ބުރުގެ ވޯޓު ކާމިޔާބު ކުރައްވާފައެވެ. މަދްމާނީއަށް ވަނީ ނިއުޔޯކުން ހޮވާފައިވާ ކޮންގްރެސް މެމްބަރު އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް އާއި މިނިވަން މެމްބަރު ސެނެޓަރު ބާނީ ސެންޑާސްގެ ތާއީދު ވެސް ލިބިވަޑައިގެންފައެވެ. އިންޑިއާގެ ދަރިކޮޅުގެ މަދްމާނީ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވި އިރު ގިނަ ބަޔަކަށް އޭނާ އެނގިފައެއް ނުވެއެވެ. އޭނާގެ އިޝްތިހާރުތައް ހަދާފައި ވަނީ ހިންދީ ބަހުންނާއި ބަންގާޅު ބަހުން ބޮލީވުޑް ސްޓައިލަށެވެ. މަދްމާނީގެ ކެމްޕެއިން ބިނާކުރައްވާފައިވަނީ ނިއުޔޯކްގައި ދިރިއުޅުމުގެ އަގުތައް ހެޔޮކުރުމުގެ މައްޗަށެވެ. އެގޮތުން، ކުލި ވަކި މިންވަރެއްގައި ބެހެއްޓުމާއި ހިލޭ ބަސް ދަތުރުފަތުރުގެ ހިދުމަތް ފަދަ ކަންކަން ހިމެނެއެވެ. އޭނާއަށް ސިޔާސީ ފަންތިން ފާޑު ކިޔަނީ އޭނާ އިޒްރޭލަށް އިސްކަން ނުދެއްވާތީއެވެ. ޕްރައިމަރީގައި ބައިވެރިވި އެންމެންހެން ބުނެފައި ވަނީ މަގާމަށް ހޮވުމަށްފަހު ކުރާ ފުރަތަމަ ދަތުރު އިޒްރޭލަށް ކުރާނެ ކަމަށެވެ. ނަމަވެސް މަދްމާނީއާ އެސުއާލު ކުރުމުން ވިދާޅުވީ ނިއުޔޯކު މީހުންގެ ޚިދުމަތުގައި ހުންނާނީ ކަމަށެވެ. އެ ޖަވާބާ ގުޅިގެން އޭނާ ބަލާފައި ވަނީ އިޒްރޭލާ ދެކޮޅު މީހެއްގެ ގޮތުގައެވެ.  މީގެ އިތުރުން މަދްމާނީ ވަނީ ނިއުޔޯކް ސިޓީ ޓްރަމްޕަށް ކުރުނީސް ނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. މަދްމާނީގެ ކެމްޕެއިން ވެބްސައިޓުގައިވާ ގޮތުން، މަދްމާނީ މޭޔަރަކަށް ވެއްޖެނަމަ، ނިއުޔޯކް ސިޓީން އެމެރިކާ ސަރުކާރުގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް) ގެ އޮފީސްތައް ބޭރުކުރުމަށާއި، އެ އޭޖެންސީއަށް އެއްބާރުލުން ދިނުން ހުއްޓާލުމަށާއި، ނިއުޔޯކް މީހުންގެ ފަރުދީ މައުލޫމާތު ހިމާޔަތްކުރުމަށާއި، އަދި ހިޖުރަވެރިންނަށް ގާނޫނީ އެހީތެރިކަން އިތުރުކުރުމަށް ސަމާލުކަން ދިނުން ހިމެނެއެވެ. ޓްރަމްޕްގެ މިއިގްރޭޝަން ސިޔާސަތު ތަންފީޒު ކުރާ ޓޮމް ހޯމަން، ބުނެފައި ވަނީ ނިއުޔޯކް ސިޓީގައި އެމީހުންގެ ހަރަކާތްތައް މަދްމާނީ ހޮވުމުން އިތުރު ކުރާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު