ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
އިޤްތިޞާދީ ނުފޫޒާމެދު ކަންބޮޑުވުން ފާޅުކޮށްފި
ދުނިޔެ

އިޤްތިޞާދީ ނުފޫޒާމެދު ކަންބޮޑުވުން ފާޅުކޮށްފި

އއިބްރާހީމްް ސަމީރު15 ސެޕްޓެމްބަރު 2024
ބެއިޖިން-ދާދި ފަހުން ބޭއްވި ފޯރަމް އޮން ޗައިނާ-އެފްރިކާ ކޯޕަރޭޝަން (ފޯކަކް) ގެ ސަބަބުން އެފްރިކާގައި ޗައިނާގެ އިޤްތިޞާދީ އަދި ސިޔާސީ ނުފޫޒު ބޮޑުވަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޗައިނާއިން ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެފްރިކާގައި އެތައް ޕްރޮޖެކްޓަކަށް 51 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ދޭނެކަމަށް ވަޢުދުވެފައެވެ. ދެހާސް ވަނަ އަހަރު އުފެދުނު ފޯކަކް އަކީ އެފްރިކާގެ 53 ގައުމަކާއެކު ޗައިނާއިން ގުޅުން ބަދަހިކުރުމަށް ބޭނުން ކުރާ ޕްލެޓްފޯމެކެވެ. މި ޖަމާޢަތުގައި ނުހިމެނޭ ހަމައެކަނި އެފްރިކާގެ ޤައުމަކީ ޓައިވާނާއެކު ގުޅުން ދަމަހައްޓާ އެސްވާޓިނީ އެވެ. ޗައިނާއިން އެފްރިކާގައި ކުރާ އިންވެސްޓްމެންޓްތަކާ ގުޅިގެން ބޭރުގެ ފަރާތްތަކުން ފާޑު ކިޔަނީ، ޗައިނާގެ އިންވެސްޓްމެންޓްތަކުގައި ދެފުށްފެންނަ ގޮތަށް އެއްބަސްވުންތައް އެކުލަވާފައި ނުވުމާއި، ފަހުން ފައިސާ ނުދެއްކިގެން ޤައުމުތަކަށް ދަތިވާ ދަނޑިވަޅުގައި ސަލާމަތްވާން އަޅާނެ އިތުރު ފިޔަވަޅުތަކަށް ދޮރުތައް ބަންދުވެފައި އޮތުމުންނެވެ. އެކަންކަމުގެ ސަބަބުން ކުއްލި އެހީއެއް އަތްމަތި ނުވެއްޖެނަމަ، އެފްރިކާގެ ޤައުމުތަކުގެ އިސްތިޤުލާލާއި ގުދުރަތީ ވަސީލަތްތައް އަތުން ބީވެ ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮންނަކަމަށް މުޙައްލިލުން ދެކެއެވެ. ޗައިނާ އަކީ އެފްރިކާގެ ޤައުމުތަކަށް އެންމެ ގިނައިން ދަރަނި ދޫކުރާ ފަރާތް ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޗައިނާ އާއި އެފްރިކާގެ ގުޅުމުގެ މާހިރު ޑރ.ޖޭން ސްމިތު ވިދާޅުވެއެވެ. "މިކަމުގެ ސަބަބުން އެފްރިކާގެ  ޤައުމުތަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ފައިސާ ލިބުނު ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މިންވަރަށް ބެލުމަކާ ނުލައި ކޮށްލާ ކަންތައްތަކުން އިޤްތިޞާދީ ގޮތުން ޗައިނާއަށް ބަރޯސާވުން ބޮޑުވާ" ކަމަށް އޭނާ ވިދާޅުވެއެވެ. އޭގެ އިތުރުން ޗައިނާއަށް އަމާޒު ކުރެވޭ އަނެއް ފާޑު ކިޔުމަކީ، އެފްރިކާގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކުން ތިމާވެށި ހަލާކު ކުރާ ކަމަށާއި ތިމާވެށްޓަށް ފަރުވާލެއް ނުބަހައްޓާ ކަމެވެ. އަދި މަސައްކަތް ކުރުވާއިރު ލޭބަރުންގެ ޙައްޤުތަކަށް ބެލުމެއް ނެތި ބައިނަލްއަޤްވާމީ އަދި ޤައުމީ މިންގަނޑުތަކާވެސް ޚިލާފުވާކަމަށް ތުހުމަތު ކުރެވެއެވެ. ބެއިޖިންއިންވެސް އަމިއްލަ އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު، އެފްރިކާގައި ޚަރަދު ކުޑަކުރުމަށް ބެއިޖިންގއިން އަޅާ ފިޔަވަޅުތަކުން ނަހަމަ ގޮތުގައި އިޖުރާއީ ކަންކަން ބޭނުން ކުރެވިދާނެ ކަމުގެ ބިރު ހީވާކަމަށްވެސް މުޙައްލިލުން ދެކެއެވެ. ބެއިޖިންގައި ފޯކަކްގެ ބައްދަލުވުން ނިންމާލިއިރު، ޗައިނާއާއި އެފްރިކާގެ ޕާޓްނަޝިޕްގެ ސަބަބުން ހަޤީޤީ މާނައިގައި އެފްރިކާގެ ޤައުމުތަކަށް ފައިދާ ކުރާނެތޯ ޔަޤީން ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލުންތައް އިތުރުވެގެން ދިޔަ އެވެ.

ގުޅުންހުރި ޚަބަރު