ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމެރިކާގެ ބަނދަރުތަކުގައި ޗައިނާގެ ސާމާނު ބޭނުންކުރާތީ ކަންބޮޑުވެއްޖެ
ދުނިޔެ

އެމެރިކާގެ ބަނދަރުތަކުގައި ޗައިނާގެ ސާމާނު ބޭނުންކުރާތީ ކަންބޮޑުވެއްޖެ

އއިބްރާހީމްް ސަމީރު16 ސެޕްޓެމްބަރު 2024
އެމެރިކާގެ ބަނދަރުތަކުގައި ޗައިނާގެ ސާމާނުތައް ބޭނުންކޮށް އެއަށް  ބަރޯސާވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބުނަން ފަށައިފިއެވެ. އެވާހަކަ ދައްކަންޖެހުނީ ޗައިނާއިން އުފައްދާފައިވާ ކްރޭންތަކެއް އެމެރިކާގެ ބަނދަރުތަކުގައި ބޭނުން ކުރާތީއެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިއީ އެޤައުމަށް ސަލާމަތީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގެ އިންޒާރު ދީފަ އެވެ. ކޮންގްރެސްގެ ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީ އާއި ސެލެކްޓް ކޮމިޓީ އޮން ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ (އެސްސީސީސީޕީ) ގުޅިގެން ޝާއިއުކުރި ރިޕޯޓުގައި ވަނީ އެމެރިކާއާ ދެކޮޅަށް އިޤްތިޞާދީ ފައިދާ ހޯދުމަށް ޒެންހުއާ ހެވީ އިންޑަސްޓްރީ ކޯ ލިމިޓެޑް (ޒެޑްޕީއެމްސީ) އާއި ޗައިނާގެ ސަރުކާރުގެ ވިޔަފާރިތަކުން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލާފަ އެވެ. އެގޮތުން، "ހެންޑްލިން އަވަރ ކާގޯ: ހައު ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އިންވެސްޓްސް ސްޓްރެޓެޖިކަލީ އިން ދަ ޔޫއެސް މެރިޓައިމް އިންޑަސްޓްރީ" ގެ ނަމުގައި ނެރުނު 52 ޞަފްޙާގެ ރިޕޯޓުގައި މުހިންމު ހޯދުންތަކެއް ހިމަނާފައި ވެއެވެ. އޭގައި ފާހަގަކޮށްފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ޒެޑްޕީއެމްސީ ނުވަތަ އެކުންފުނިން ކޮންޓްރެކްޓް ކޮށްފައިވާ އެފަރާތާ ގުޅުންހުރި ތިންވަނަ ކުންފުންޏަކުން ވަނީ ބަނދަރުތަކުގައި ބޭނުންކުރާ ކެރޭންތަކުގައި ސެލިއުލަރ މޮޑެމްތަކެއް އިންސްޓޯލްކޮށްފައެވެ. މިތަކެތި ހަރުކޮށްފައި ވަނީ، ބަނދަރުތަކުގައި ބޭޏުންކުރާ ޝިޕް ޓު ޝޯ (އެސްޓީއެސް) ކްރޭންތަކުގައެވެ. އެ ރިޕޯޓުގައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ޚާއްސަ ޙާދިސާއަކަށްވެސް އަލިއަޅުވާލާފައެވެ. އެ ހާދިސާގައި އެފްބީއައިއަށް، ޕޯޓު އޮފް ބޯލްޓިމޯރގައި ޒެޑްޕީއެމްސީގެ އެސްޓީއެސް ކްރޭންތަކުގައި މޮޑެމްތައް އިންސްޓޯލްކޮށްފައިވާ ތަން ފެނިފައި ވެއެވެ. އެފްބީއައިން ލަފާ ކުރަނީ އެއީ ޖާސޫސީ މަޢުލޫމާތު އެއްކުރުމަށް ހަރުކޮށްފައިވާ ތަކެތި ކަމަށެވެ. މި ހޯދުމުން އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗަރގައި ޗައިނާގެ ޓެކްނޮލޮޖީއެއް ހަރުކޮށްފައި ހުރުމުން، ވަގުތުން ސަލާމަތީ ފަރާތްތައް ޙަރަކާތްތެރިވިއެވެ. އަދި އެމެރިކާގެ އެހެން އެތައް ބަނދަރެއްގައި ހިންގާ އެސްޓީއެސް ކްރޭންތަކަށް ރިމޯޓް އެކްސެސް ހޯދުމަށް ޒެޑްޕީއެމްސީން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. ދެ ކޮމިޓީގެ ތަޙުޤީޤުގައި ޒެޑްޕީއެމްސީ އާއި އެމެރިކާގެ ބަނދަރުތަކާ ދެމެދު ހެދިފައިވާ ބައެއް ކޮންޓްރެކްޓްތައް މުރާޖަޢާކޮށް، ބައެއް ކަންކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ޗައިނާގެ ސިފައިންނާއި ސަރުކާރުގެ އެކި އިދާރާތަކާ ޒެޑްޕީއެމްސީން އޮންނަ ފުން ގުޅުންތަކުގެ ވާހަކައާއި އެކަމުގެ ސަބަބުން ޤައުމީ ސަލާމަތުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކުންފުނީގެ ބޯޑުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ގެ އިސް މެމްބަރުންގެ އިތުރުން ޑިފެންސް ކޮންޓްރެކްޓިންގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތައް ހިމެނޭކަންވެސް ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓް އެކުލަވާލާފައިވަނީ ޕަބްލިކް އަދި ޕްރައިވެޓް ސްޓޭކްހޯލްޑަރުންނާ ސުއާލުކޮށް މަޢުލޫމާތު ހޯދުމަށް ފަހުގައި ކަމަށްވެސް ބުނެފައި ވެއެވެ. މި ރިޕޯޓަށް މަޢުލޫމާތު އެއްކޮށްފައިވަނީ އެމެރިކާގެ ކަނޑުގެ ޞިނާޢަތުގެ މުހިންމު ފަރާތްތަކުގެ ތެރެއިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، ޑިޕާޓްމަންޓް އޮފް ޑިފެންސް، އެމެރިކާގެ ކޯސްޓްގާޑް، ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓޭޝަން މެރިޓައިމް އެޑްމިނިސްޓްރޭޝަން (ޑީޓީއެމްއޭ) އަދި އެފްބީއައި އިންނެވެ. ބައިނަލްއަޤްވާމީ ބަނދަރު ސާމާނު އުފައްދާ ކުންފުނިތަކުން ވެސް ވަނީ މި ތަޙުޤީޤުގައި ބައިވެރިވެ، މުހިންމު މަޢުލޫމާތާއި ޑޭޓާ ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ޚަބަރު