ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކާބުލްގައި އިންޑިއާގެ އެމްބަސީ ހުޅުވައިފި
ދުނިޔެ

ކާބުލްގައި އިންޑިއާގެ އެމްބަސީ ހުޅުވައިފި

އއިބްރާހީމްް ސަމީރު26 އޮކްޓޯބަރު 2025
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު މައުލަވީ އަމީރު ޚާން މުއްތަޤީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އިންޑިއާއިން ވަނީ ކާބޫލްގައި ހުރި އިންޑިއާގެ ޓެކްނިކަލް މިޝަން ވަގުތުން އިންޑިއާ އެމްބަސީގެ ދަރަޖައަށް އަޕްގްރޭޑް ކުރުމަށް ނިންމާފައެވެ. މިއީ ދެ ގައުމުގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން ވަނީ މި ނިންމުމަކީ އަފްޣާނިސްތާނާއެކު ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް ހާމަކޮށްފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އަޕްގްރޭޑްގެ ސަބަބުން އަފްޣާނިސްތާނުގެ ތަރައްޤީއަށާއި، އިންސާނީ އެހީތެރިކަމަށާއި، ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އެހީތެރިކަން ފުޅާވެ، ރައްޔިތުންނަށް ފައިދާ ކުރާނެއެވެ. މި ބަދަލަކީ އޮކްޓޯބަރު 10 ގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު އަދި އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު މައުލަވީ އަމީރު ޚާން މުއްތަޤީއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ނިންމުމެކެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާ ގުޅޭ ކަންކަމާ މެދު ތަފްޞީލުކޮށް މަޝްވަރާކުރެވުނެވެ. ބައްދަލުވުމުގައި އިންޑިއާއިން ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު އޮތް ދިގު މުއްދަތުގެ ރަހުމަތްތެރިކަމާއި، ދެ ގައުމުގެ ސަގާފީ އަދި ތާރީޚީ ގުޅުން ފާހަގަކޮށްފައެވެ. އަފްޣާނިސްތާނުގެ ތަރައްޤީއަށް އެހީތެރިވުމުގައި އިންޑިއާ ދެމިހުންނާނެކަން އަލުން ކަށަވަރުކޮށްދީފައިވާ އިރު، މި ޑިޕްލޮމެޓިކް ދަރަޖަ އުފުލުމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ހަމަޖެހުމަށް ދެ ގައުމުންވެސް އިސްކަންދޭ ކަމެއް ކަމަށް ބުނެފައި ވެއެވެ.          

ގުޅުންހުރި ޚަބަރު