ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބިޓްކޮއިން ވިޔަފާރީގެ ރާނީއަށް ހުކުމް ކޮށްފި
ދުނިޔެ

ބިޓްކޮއިން ވިޔަފާރީގެ ރާނީއަށް ހުކުމް ކޮށްފި

އއިބްރާހީމްް ސަމީރު12 ނޮވެމްބަރު 2025
ޗައިނާގެ ބިޓްކޮއިން ރާނީގެ ނަމުން މަޝްހޫރުވެފައިވާ ޒިމިން ޗިއާން، 6 ބިލިއަން ޑޮލަރުގެ ބޮޑު ކްރިޕްޓޯ ސްކޭމްއެއްގައި ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި އިނގިރޭސިވިލާތުގެ ކޯޓަކުން 11 އަހަރާއި 8 މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. 47 އަހަރުގެ ޗިއާން ގެ މާލީ މަކަރާ ހެދި މީހުން އޭނާ ދަންނަނީ އަންހެން ލުޓޭރުގެ ނަމުންނެވެ. މި މައްސަލައަކީ 2014 އާއި 2017 އާ ދެމެދު ޗައިނާގައި ހިންގި ބޮޑު ޕިރަމިޑް ސްކީމެއްގެ ބައެކެވެ. މި ޗިއާންގެ މަކަރާ ހެދި 128,000 އަށް ވުރެ ގިނަ މީހުންނަށް މާލީ ގެއްލުން ލިބިފައި ވެއެވެ. އަދި، އޭނާއަށް ލިބުނު ނާޖާއިޒު ފައިސާ ވަނީ ކްރިޕްޓޯ ކަރަންސީއަށް ބަދަލުކޮށްފައެވެ. އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އޭނާގެ 61,000 އަށް ވުރެ ގިނަ ބިޓްކޮއިން ހިފަހައްޓާފައެވެ. މިއީ ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރުގެ އަގު ހުރި ސުމޭކު ފައިސާއެވެ. މިއީ ޔޫރަޕުގެ ތާރީޚުގައި ކުށް ކޮށްގެން ހޯދާފައިވާ ކްރިޕްޓޯ ފައިސާ އެންމެ ގިނައިން ހިފެހެއްޓުނު ފަހަރެވެ. ޗިއާން ކުށްވެރި ކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅެމުން ދިޔައިރު، ނާޖާއިޒު ގޮތުގައި މުދާ އަތުގައި ބެހެއްޓުމާއި އެ މުދާ ބަދަލު ކުރުމުގެ ކުށުގައެވެ. ޗިއާން ވަނީ މާލީ ގޮތުން ތަޖުރިބާ ނެތް ފަރާތްތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް 300% އާ ހަމައަށް ފައިދާ ލިބޭނެ ކަމަށް ވައުދުވެ އޮޅުވާލާފައެވެ. މި މައްސަލައިގައި އޭނާއާ އެކު ދައުވާ ލިބުނު މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ 47 އަހަރުގެ ޝެންގް ހޯކް ލިންގް އަށް ވެސް 4 އަހަރާއި 11 މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާއަށް ހުކުމް އިއްވީ މަނީ ލޯންޑާ ކުރުމަށް ޗިއާން ކުރި މަސައްކަތުގައި އޭނާގެ ދައުރެއް އޮތުމާ ގުޅިގެންނެވެ. ޗިއާން ވަނީ ޗައިނާއިން ފިލައިގެން، ގޮސް ވަގު އައިޑެންޓިޓީއެއް ބޭނުންކޮށްގެން ޔޫރަޕުގެ އެކި ގައުމުތަކުގައި މުއްސަނދި ދިރިއުޅުމެއް އުޅެފައެވެ. އޭނާ މަސައްކަތް ކުރީ މީހުން ހަވާލުކުރުމުގެ އެއްބަސްވުން ޗައިނާއާއެކު ހަދާފައި އޮންނަ ގައުމުތަކަށް ނުގޮސް ދިރިއުޅޭށެވެ. އަދި އޭނާ ވަނީ ގިނަ އަދަދެއްގެ ލަގްޒަރީ މުދަލާއި ގެދޮރު ގަނެފައެވެ. 2024 ވަނަ އަހަރު ޔޯކްގައި ހުރި އެއާބީއެންބީއެއްގައި އޭނާ ހައްޔަރު ކުރީ 23 މިލިއަން ޕައުންޑްގެ ގެއެއް ގަތުމަށް މަސައްކަތް ކުރުމާއި ޝައްކު އުފެދޭ މުދަލުގެ މުއާމަލާތްތަކަކަށް ފަހުގައެވެ. މިހާރު ޗައިނާ އާއި އިނގިރޭސިވިލާތުގެ ސަރުކާރުން ގުޅިގެން މަސައްކަތް ކުރަމުން ދަނީ އޭނާ ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދައި، މި މައްސަލައިގައި ހިމެނޭ އެހެން ކުށްވެރިން ހޯދާށެވެ.

ގުޅުންހުރި ޚަބަރު