ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ލާއޯސްގައި ކުޑަކުދިންގެ ޖިންސީ ވިޔަފާރީގައި ޖަޕާނު ޓޫރިސްޓުން ބައިވެރިވޭ
ދުނިޔެ

ލާއޯސްގައި ކުޑަކުދިންގެ ޖިންސީ ވިޔަފާރީގައި ޖަޕާނު ޓޫރިސްޓުން ބައިވެރިވޭ

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2025
ލާއޯސްގެ ބިންގަރާސްތަކުގައި ހިންގާ ކުޑަކުދިންގެ ޖިންސީ ވިޔަފާރިއަށް ބޭރުގެ ގިނަ އަދަދެއްގެ ފަތުރުވެރި ފިރިހެނުން ޒިޔާރަތްކުރާކަން ހާމަވެއްޖެއެވެ. ކިޔޯޑޯއިން ބުނަނީ މި ޖިންސީ ވިޔަފާރީގައި ޖަޕާނުގެ ރައްޔިތުން ވެސް ހިމެނޭ ކަމަށެވެ. ލައޯސްގެ ވެރިރަށް ވިއެންޓިއެންގައި މިފަދަ ތަންތަން ހުންނަނީ ރެސްޓޯރެންޓު ނުވަތަ ސްކޫލްގެ ސިފައިގައެވެ. މިތަންތާނގައި އުމުރުން 10 އަހަރުގެ ކުޑަކުދިން ޖިންސީ ޚިދުމަތުގައި ބޭނުންކުރާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. ކުޑަ ކުދިންގެ ޖިންސީ ވިޔަފާރިން ފައިދާ ހޯދާ ފަރާތްތަކުގެ ތެރޭގައި ޗައިނާ، ދެކުނު ކޮރެއާ، ޖަޕާނު އަދި ބައެއް ހުޅަނގުގެ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށްވެސް ކިޔޯޑޯގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މިކަމާ ގުޅިގެން ލާއޯސްގައި ހުންނަ ޖަޕާނުގެ އެމްބަސީން ވަނީ އެގައުމުގެ ރައްޔިތުންނަށް ޖޫން މަހު  އިންޒާރެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބޭރު ގައުމުތަކުގައި ކުޑަކުދިންގެ ޖިންސީ ވިޔަފާރިކުރުމަކީ ޖަޕާނުގެ ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޖަޕާނުގައި އަދަބު ލިބޭނެ ކުށެއް ކަމަށެވެ. މި ވިޔަފާރިއަށް ނަގާފައިވާ ގިނަ އަންހެން ކުދިންނަކީ ލާއޯސްގެ ބައިމަދު ނަސްލުގެ ކުދިންނެވެ. އަދި ފަގީރުކަމައި އާއިލީ މައްސަލަތަކާ ހެދި އެކުދިން އާމްދަނީ ހޯދަން ނިކުތުމުން ވަޒީފާގެ ދަޅަ ދައްކައިގެން މި ކުދިން މި ވިޔަފާރިއަށް ވައްދާ ކަމަށް ވެއެވެ. ކިޔޯޑޯގެ ރިޕޯޓުގައި ހަވާލާދިން 15 އަހަރުގެ އަންހެން ކުއްޖަކު ބުނީ އޭނާގެ ބޮޑުދައިތަ ވަނީ އޭނާގެ އުމުރުން 12 އަހަރުގައި ޗައިނާ މީހަކަށް އޭނާ ވިއްކާލައިފައި ކަމަށެވެ. އެހެން ޒުވާން ކުއްޖަކު ބުނީ ރެސްޓޯރެންޓެއްގެ ވަޒީފާ ލިބޭނެ ކަމަށް ހީކޮށް އުޅެނިކޮށް ޖިންސީ މަސައްކަތަށް ހެއްލުނީ ކަމަށެވެ. މީގެ އިތުރުން، ދައްލާލުން ދަނީ ލާއޯސްގެ އަންހެން ކުދިންނާއި ޗައިނާގެ ފިރިހެނުންނާ ކައިވެނި ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދެމުންނެވެ. މިކަމުން ރަނގަޅު އަދަދަކަށް ފައިސާ ލިބެއެވެ. ޖަޕާނުގެ އިންސްޓިޓިއުޓް އޮފް ޑިވެލޮޕިންގ އިކޮނޮމިކްސްގެ ނޮރިހިކޯ ޔަމަދާ ވިދާޅުވީ ނަސްލީ ބައިމަދު ކުދިންނަށް ދިރިއުޅުމުގެ ފުރުސަތު މަދުވުމުގެ ސަބަބުން، މި ކުދިން ޖިންސީ ވިޔަފާރިއަށް ވަންނަ ކަމަށެވެ. މި މައްސަލަ އިތުރަށް ގޯސްވެފައި ވަނީ 2000ގެ ފަހުކޮޅުން ފެށިގެންނެވެ. ޗައިނާއިން ފަންޑުކުރާ މަޝްރޫއުތަކުގެ ސަބަބުން ލާއޯސްގެ އިގްތިސާދީ ގުޅުންތައް ފުޅާވެ، ލާއޯސްގެ އަންހެނުންނާއި ބޭރުގެ ފިރިހެނުންނާ ދެމެދު ގުޅުންތައް އުފެދެން މެދުވެރިވެފައިޥާ ކަން ފާހަގަ ކޮށްފައި ވެއެވެ. ތަޖުރިބާކާރުން ބުނެފައި ވަނީ މިކަން ހުއްޓުވޭނީ ބޭރުގެ ކުށްވެރިންނަށް ވެސް އެންމެ ހަރުކަށިކޮށް ގާނޫނު ތަންފީޒުކޮށް ލާއޯސް ސަރުކާރަށް ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުކުރުންނެވެ.

ގުޅުންހުރި ޚަބަރު