ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މައްސަލައަކީ އުންމަތުގެ ފަރުދުންނެއް ނޫނެވެ! ވެރިކަމުގައި ތިއްބެވި ވެރިންނެވެ!
ދުނިޔެ

މައްސަލައަކީ އުންމަތުގެ ފަރުދުންނެއް ނޫނެވެ! ވެރިކަމުގައި ތިއްބެވި ވެރިންނެވެ!

އއިބްރާހީމްް ސަމީރު30 ނޮވެމްބަރު 2025
އަލްވަލީދު ބިން ޢަބްދުލްމަލިކްއަކީ އޭނާގެ ޒަމާނުގައި ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދެއްގައި ވެރިކަން ކުރެއްވި، ޚަލީފާއެވެ. އަދި އެޒަމާނުގައި ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. އޭނާގެ ލަޝްކަރުތައް އިރުމަތީގައި ޗައިނާއާއި، އިންޑިއާއާއި، އަދި ތުރުކިސްތާންގެ ބޯޑަރުތަކުން ފެށިގެން ހުޅަނގުން ފްރާންސްގެ މެދާ ހަމައަށް ފޯރާފައިވެ އެވެ. ދުނިޔޭގެ ރަސްރަސްކަލުން އޭނާގެ އަރިހަށް އައީ، ކިޔަމަންތެރިކަމާއެކު ޖިޒީ ދައްކަވައި ހަދިޔާ ދެއްވާށެވެ. އެހެންނަމަވެސް ވަލީދު ބިން އަބްދުލްމަލިކްއަށް ދަންނަބޭކަލަކު ރުހުމުގެ ލޮލަކުން ބައްލަވައިފިނަމަ ވަލީދަށް އެކަން ވަރަށް މުހިންމު އުފާ ކުރަނިވި ކަމަކަށް ވެއެވެ. އެއް ފަހަރެއްގައި ވަލީދު ބިން ޢަބްދުލްމަލިކު ޙައްޖުގެ އަޅުކަން އަދާކުރެއްވިއިރު، މިސްކިތުގައި އުޅުއްވަނިކޮށް، ސަޢީދު ބިން އަލް މުޞައްޔިބް އޭނާއަށް ސަލާން ވިދާޅުވިއެވެ. ސަޢީދު ބިން އަލް މުޞައްޔަބް ވެސް ޖަވާބު ދެއްވީ، "އޭ ޚަލީފާއެވެ! ވަޢަލައިކުމުއް ސަލާމް އޭ ވިދާޅުވެއެވެ. އެއީ ތާބިޢީ ބޭކަލެކެވެ. އެއަށްފަހު ވަލީދު އުފަލާއެކު އޭނާގެ އަރިސް ބޭލަކުންނަށް ވިދާޅުވިއެވެ. ބައްލަވާށެވެ! ސަޢީދު ބިން އަލް މުޞައްޔަބް އަޅުގަނޑުގެ ސަލާމް ބައްލަވައިގެންފިއެވެ. މި ވާހަކަ އަބޫދާއޫދު، އެކަލޭގެފާނުގެ ފޮތް "ކިތާބުއް ޒުހުދު" ގައި ބަޔާންކުރައްވާފައި ވެއެވެ. އަބޫދާއޫދު މިވާހަކަ ރިޔާވަކުރައްވާފައިވާ ހުރިހައި ރާވީންނަކީ އިތުބާރު ކުރެވޭ ރާވީންތަކެކެވެ. އެފަދަ އެހެން ވާހަކައެކެވެ! ޚަލީފާ ހާރޫނުއްރަޝީދަކީ، އެންމެ ފުރަތަމައަށް މަގު ހައްދަވައި މަގު ބައްތި ޖައްސަވައި ހޮސްޕިޓާތައް ބިނާކުރައްވައި ޒަމާނީ ސިޓީއެއް ބިނާ ކުރެއްވި ޚަލީފާއެވެ. މުސްލިމުންގެ ތާރީޚުގައި ނަން ފަވާލެވޭ ބާރުގަދަ ޚަލީފާއެވެ. ހާރޫނުއްރަޝީދު، ޙައްޖު ދަތުރުފުޅެއްގައި މަދީނާގެ މަސްޖިދުއްނަބަވީއަށް ވަޑައިގަތް އިރު، އިމާމް މާލިކް ބިން އަނަސް އިންނެވީ ދަރުސް ދެއްވާށެވެ. އިމާމް މާލިކް އަރިހަށް ވަޑައިގެން ޙާރޫނުއްރަޝީދު ވިދާޅުވިއެވެ! "އޭ މާލިކު އެވެ! އަހުރެމެންގެ ގަނޑުވަރަށް ވަޑައިގެން ތިޔަގޮތަށް އަހުރެމެންނަށް ދީނީ ދަރުސް ނަންގަވައި ދެއްވަންވީ ނޫންތޯއެވެ؟" އިސްއުފުއްލެވުމަށްފަހު އިމާމް މާލިކު އޭނާގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. "އޭ ހާރޫނެވެ! ޢިލްމު ތިބާގެ ގާތަކަށް ނުދާނެއެވެ. ތިބާ ޖެހޭނީ އިމްލު ގާތަށް އަންނާށެވެ!" އެއަށްފަހު އިހުތިރާމާއެކު އިސްދަށަށް ޖައްސަވަމުން ޚަލީފާ ހާރޫނު ވިދާޅުވީ، "އޭ މަދީނާގެ އިމާމެވެ! ކަލޭގެފާނު ތިޔަ ވިދާޅުވީ ހަމަ ހަގީގަތެވެ! އަހުރެމެން މިސްކިތަށް އަންނާނޫއެވެ!" މިފަދަ މިސާލުތައް ވަރަށްވެސް ގިނައެވެ. އިލްމުވެރިންނަކީ ވެރިންގެ ދޮރުގައި ޓަކި ޖައްސަވާ ބަޔެއް ނޫނެވެ. އެކަލޭގެފާނުގެ ޒަމާނުގެ އެންމެ އިސް އިލްމުވެރިޔާ، އިމާމް ސުފްޔާން އަލްޘައުރީ ވިދާޅުވަމުން ގެންދެވީ "ގިނަގިނައިން ވެރި މީހާގެ ގާތަށް ޒިޔާރަތްކުރާ ޢިލްމުވެރިއަކު ފެނިއްޖެނަމަ، އެފަދަ މީހެއްގެ އީމާންތެރިކަމާ މެދު ދެން ތިބާ ޝައްކު ކުރާށެވެ!" މި ވާހަކަތައް މިއަދު، މިސްރުގައި ވަނީ އާންމު ވާހަކައަކަށް ވެފައެވެ. މި ފޮޓޯގައި މި ފެންނަ މަންޒަރަކީ މިސްރުގެ އަވްޤާފް މިނިސްޓްރީގެ ދީނަށް ގޮވާލާ އިމާމުންގެ ސިކުނޑި ދޮވެލުމަށް މިސްރުގެ ސީސީ ރައީސް އިންތިޒާމު ކުރެއްވި ސިފައިންގެ ޓްރޭނިން ޕްރޮގްރާމެއް ފަށާ ޖަލްސާގެ މަންޒަރެކެވެ. ސިފައިން ތިބީ ބޮޑު ގޮނޑީގައެވެ. ދަންނަބޭކަލުން ތިބީ ކުޑަ ގޮނޑީގައެވެ. އަދި ކޮންމެ މީހަކަށް، އެމީހަކު ހުރުމަށް ޚާއްސަ ކުރެވިފާ ޖާގައިގައި އެހެރެ ފެންނަނީ ބޮޅެއް އަޅާފައިވާ މަންޒަރެވެ. މި ޖަލްސާގައި ސީސީ ދަންނަބޭކަލުންނާ ސުއާލު ކުރައްވަނީ ތިޔަބޭފުޅުން ވަފާތެރިވާން ޖެހޭނީ ކޮންކަމަކަށް ތޯއެވެ؟ ޖަވާބުގައި ދަންނަބޭކަލުން ވިދާޅުވީ ﷲގެ ޝަރީއަތަށެވެ. އެވާހަކައަށް އިންކާރު ކުރައްވަމުން ސީސީ ވިދާޅުވީ "ނޫނެވެ! މިނިވަން ކަމަށެވެ!" މި ވާހަކައިގެ އޯޑިއޯ އާއި ވީޑިއޯ މީސްމީޑިއާގައި އެނބުރެމުން އެބަ ދެއެވެ. ސީސީއަކީ އިސްލާމްދީނާމެދު ޚިޔާލު ތަފާތުވާ ގޮތަށް ވާހަކަ ދައްކަވާ ކަމަށް މަޝްހޫރު ވެރިއެކެވެ. މި ބައްދަލުވުމުގައި ވެސް، އެހެން ބައްދަލުވުންތަކޭ އެއްފަދައިން އޭނާ އާޔަތެއްވެސް ވިދާޅުވިއެވެ. އޭނާގެ ރާގަށް އެއާޔަތް ވިދާޅުވީ ނުބައި ކޮށެވެ. އަދި އެ އާޔަތް އޭނާ ބޭނުންފުޅުވި ގޮތަށް ތަފްސީރު ކުރެއްވީ އެއަށް ވުރެން ނުބައި ކޮށެވެ! ސީސީއަކީ މިލިޓަރީ ވެރި އެކެވެ. އޭނާއާ ދިމާއަށް އާޔަތް ނުބައިކޮށް ވިދާޅުވިކަމަށް ބުނަން ކެރޭނީ ކާކަށް ހެއްޔެވެ؟ މި ބައްދަލުވުމުގައި ސީސީ ވިދާޅުވީ، "ސާދަސަތޭކަ އަހަރު ވަންދެން މީހުންގެ ސިކުނޑި ވަނީ ކިލަނބުކޮށްފައި" ކަމަށެވެ. އެ ކިލަނބުކަން މިހާރު ފިލުވާލަން ޖެހިފައިވާ ކަމަށެވެ. އެހެންވެ އޭނާ ވަނީ އިމާމުންނާއި ދީނަށް ގޮވާލާ ފަރާތްތަކުގެ ސިކުނޑި ހުޅުވާލަ ދިނުމަށްޓަކައި އެނާގެ އަމިއްލަ ދީނީ މަންހަޖަކަށް އެމީހުން ތަމްރީނު ކުރަން ޕްރޮގްރާމެއް ފަށްޓަވާފައެވެ. މި ފަހު ޒަމާނަކީ މުސްލިމު އުންމަތުގެ އެންމެ ތިޔާގި އަދި މާއްދީ ގޮތުން އެންމެ މުއްސަނދި ޒަމާނެވެ. މިއަދު އުންމަތުގެ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ކިޔަވައިގެން ތިބި މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ނަމަވެސް އިސްލާމީ އުންމަތަށް މިވަރުގެ ޟަޢީފު، ނިކަމެތި ޒަމާނެއް ފެނިފައެއް ނުވެއެވެ. މައްސަލައަކީ އުންމަތުގެ ފަރުދުންނެއް ނޫނެވެ! ވެރިކަމުގައި ތިއްބެވި ވެރިންނެވެ!

ގުޅުންހުރި ޚަބަރު