ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދުނިޔޭގެ އެންމެ މަޝްހޫރު އެއް އާކިޓެކްޓް ފްރޭންކް ގެރީ މަރުވެއްޖެ
ދުނިޔެ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އާކިޓެކްޓް ފްރޭންކް ގެރީ މަރުވެއްޖެ

މމުޙައްމަދު ގުރައިޝް އަޙްމަދު6 ޑިސެމްބަރު 2025
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދަޔާ ހިލާފު މޮޅު އިމާރާތްތަކެއް ފަރުމާކޮށް، އާކިޓެކްޗާގެ ދާއިރާއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު އާކިޓެކްޓް ފްރޭންކް ގެރީ މަރުވެއްޖެއެވެ. އާކިޓެކްޗާގެ ދާއިރާއިން ދުނިޔޭގެ އެންމެ މަތީ ޝަރަފުތައް ހާސިލުކޮށްފައިވާ ގެރީ މަރުވިއިރު އުމުރަކީ 96 އަހަރެވެ. ގެރީ ޕާޓްނާސް އެލްއެލްޕީގެ ޗީފް އޮފް ސްޓާފް މީގަން ލޮއިޑް މައުލޫމާތު ދިން ގޮތުގައި، ގެރީ މަރުވީ ނޭވާލާ ނިޒާމަށް ޖެހުނު އާލާސްކަންފުޅެއްގައި އުޅުމަށްފަހު، ސަންޓާ މޮނިކާގައި ހުންނަ އޭނާގެ ގެގައެވެ. އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހު ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. ޒަމާނީ ޕޮޕް އާޓްގެ ސަގާފަތަށް ލޯބިކުރި ގެރީ ފާހަގަކުރެވެނީ ތަފާތު އަދި ލޮލުގައި އަޅައިގަންނަ ފަދަ އިމާރާތްތައް ފަރުމާކުރުމުގައެވެ. އޭނާގެ ފާހަގަކޮށްލެވޭ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި ސްޕެއިންގެ ބިލްބާއޯގައި ހުންނަ ގަގންހައިމް މިއުޒިއަމާއި، ލޮސް އެންޖެލިސްގެ ވޯލްޓް ޑިޒްނީ ކޮންސެޓް ހޯލް އަދި ބާލިންގެ ޑީޒެޑް ބޭންކް ބިލްޑިން ހިމެނެއެވެ. މީގެ އިތުރުން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްގެ އެދުމުގެ މަތިން، އެ ކުންފުނީގެ ނޯދަން ކެލިފޯނިއާގެ ހެޑްކުއާޓާސް ބޮޑުކުރުމުގެ މަސައްކަތް ވެސް ފަރުމާކޮށްފައިވަނީ އޭނާއެވެ. އާކިޓެކްޗާގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ޕްރިޓްޒްކާ ޕްރައިޒް ހިމެނޭހެން، މި ދާއިރާގެ ހުރިހާ ބޮޑެތި އެވޯޑުތަކެއް ގެރީ ވަނީ ހާސިލުކޮށްފައެވެ. އޭނާގެ މަސައްކަތްތައް ސިފަކޮށްފައިވަނީ "އަމިއްލަވަންތަ އަދި އެމެރިކާގެ ރަހަތައް އެކުލެވޭ" މަސައްކަތްތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިሽ އާކިޓެކްޓްސްގެ ރަން މެޑަލްއާއި، އެމެރިކަން ފޯ ދަ އާޓްސް ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް އޭނާއަށް ލިބިފައިވެއެވެ. އަދި އޭނާގެ އުފަން ގައުމު ކަމަށްވާ ކެނެޑާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ކޮމްޕޭނިއަން އޮފް ދަ އޯޑާ އޮފް ކެނެޑާ ވެސް ގެރީއަށް ވަނީ އަރުވައިފައެވެ.

ގުޅުންހުރި ޚަބަރު