ޣައްޒާއަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ފެށި ބޮއިކޮޓް ކެމްޕޭނަކީ މިހާރު މީހުންއގެ މެދުގައި މަގްބޫލުކަން ލިބި، އެމެރިކާގެ ޖަންކު ފުޑު ކުންފުނިތަކަށް ބޮޑު ބަދަލެއް ގެނުވަމުންދާ ކަމެކެވެ. މެލޭޝިއާގެ ’އަޙްމަދު ފްރައިޑް ޗިކަން‘ އަދި އިންޑޮނޭޝިއާގެ ލޯކަލް ފްރައިޑް ޗިކަން ފިހާރަތަކާއި، ތުރުކީގެ އަމިއްލަވަންތަ ގައުމީ ބްރޭންޑްތައް އަދި އޭގެ އިތުރުން މެދުއިރުމަތީގެ ކެފޭތަކުން ދައްކުވައިދެނީ މީހުންގެ ސިޔާސީ ފިކުރަކީ މިހާރު ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ވިޔަފާރިތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ހުޅަނގުގެ ކުންފުނިތަކަށް މިކަމުގެ ސަބަބުން މުސްލިމުންގެ ފަރާތުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މުސްލިމުން ކުރާ ވިޔަފާރި މަދުވުމުގެ ސަބަބުން ސިޔާސީ ފިކުރަށް އިސްކަންދޭ މާކެޓްތަކުގައި އެމެރިކާގެ މަޤްބޫލުކަމަށް ވެސް ގެއްލުންވަމުންދާކަން ފާހަގަކުރެވެއެވެ. އަދި އެކަމަށް އެންމެ ބޮޑު އަގެއް ދައްކަން ޖެހެނީ އެމެރިކާއަށެވެ. މި ދަނޑިވަޅަކީ، އަމިއްލަ ވިޔަފާރިވެރިންނަށް ރަނުގެ ފުރުސަތެކެވެ. އެއީ ފައިދާވާ ވިޔަފާރިތައް ބިނާކުރުމުގެ އިތުރުން، އިގްތިސާދީ ގޮތުން އަމިއްލަ ވަންތަކަން ދައްކުވައިދޭ ވިޔަފާރިތައް ބިނާކުރުމަށް ލިބޭ ފުރުސަތެކެވެ. މި ބޮއިކޮޓްތައް އަދިވެސް އިތުރަށް ދެމިގެންދާނެކަމަށް ލަފާކުރެވެއެވެ.
މުސްލިމް ގައުމުތަކުގެ ބޮއިކޮޓްގެ އަސަރު:
- މެލޭޝިއާ: މެކްޑޮނަލްޑްސް ބޭނުން ނުކުރަން ނިންމި އާއިލާއަކުން ފެށި ’އަޙްމަދު ފްރައިޑް ޗިކަން‘ މިހާރު 35 އައުޓްލެޓެއް ހިންގަން ފަށާފައި ވެއެވެ. އަދި، 2026 ވަނަ އަހަރުގެ ނިޔަލަށް 110 އައުޓްލެޓް ހުޅުވުމަށް އަމާޒުކޮށްފައިވެއެވެ. ސްޓާބަކްސްގެ ބަދަލުގައި ފެށި ’ޒުސް ކޮފީ‘ ވެސް ވަނީ ވަރަށް ބޮޑަށް މަގްބޫލުވެފައެވެ.
- އިންޑޮނޭޝިއާ: އެގައުމުގައި ކޮންސިއުމަރުންގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ހުޅަނގުގެ ބްރޭންޑްތަކުން ދުރުހެލިވެފަ އެވެ. ކޭއެފްސީ، މެކްޑޮނަލްޑްސް، ކޯކާކޯލާ އަދި ސްޓާބަކްސްގެ ވިޔަފާރި ވަނީ ދަށަށް ގޮސްފައެވެ. ލޯކަލް ފްރައިޑް ޗިކަން ފިހާރަތަކަށް ކަސްޓަމަރުން ގެ މަގްބޫލުކަން އިތުރުވެފައިވެއެވެ.
- ތުރުކީ: ހުޅަނގުގެ ތަންތަން ބޮއިކޮޓް ކުރުން ވަނީ ގައުމީ ފަޚުރާ ގުޅިފައެވެ. ލޯކަލް ފާސްޓް ފުޑް އަދި ކޮފީ ޗެއިންތައް ގައުމީ އަމިއްލަ ބްރޭންޑްތަކުގެ ގޮތުގައި ކުރިއައަމުން ދެއެވެ.
- މެދުއިރުމަތި: ސައުދީ އަރަބިއްޔާގައި %71 މީހުން އެމެރިކާގެ ކާނާގެ ބްރޭންޑްތައް ބޭނުންކުރުން ހުއްޓާލާފައިވެއެވެ. ޔޫއޭއީގައި %57 މީހުން ވަނީ މި ބޮއިކޮޓް ކުރުމުގައި ބައިވެރިވެފައިވެއެވެ. ކޭއެފްސީ، ޕިއްޒާ ހަޓް އަދި ކްރިސްޕީ ކްރީމް ހިންގާ ’އެމެރިކާނާ ރެސްޓޯރެންޓްސް‘ ގެ ފައިދާ 2024 ވަނަ އަހަރު ވަނީ %40 ދަށަށް ގޮސްފައެވެ. އަލްޖީރިއާގައި ބޮއިކޮޓް ކުރަން ބޭއްވި މުޒާހަރާތަކަށްފަހު ފުރަތަމަ ކޭއެފްސީ ފިހާރަ ވަނީ ބަންދުކޮށްފައެވެ.
މި ބަދަލުތަކުން ދައްކުވައިދެނީ ލޯކަލް ބްރޭންޑްތައް ކުރިއަރަމުންދާ ކަމަށާއި، ބޮއިކޮޓްތައް ދެމިގެންދާ ކަމަށާއި، އެއްބައިވަންތަކަން މިހާރު ވިޔަފާރިއަކަށް ބަދަލުވަމުންދާ ކަމަށެވެ. ވެސްޓަރން ކުންފުނިތަކުން މި މާކެޓްތަކުގައި އަލުން މަޤްބޫލުކަން ހޯދުމަށް ސިޔާސީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިދާނެއެވެ.







