ހަނގުރާމައެއް ކޮށްފިނަމަ ވަގުތުން ޗައިނާއިން އެމެރިކާ ބަލި ކުރާނެ

އިބްރާހީމްް ސަމީރު
ޑިސެމްބަރ 11, 2025

އެމެރިކާގެ ސަރުކާރުގެ ސިއްރު ރިޕޯޓެއްގައި ބުނެފައިވަނީ ތައިވާނާ ގުޅޭގޮތުން ހަނގުރާމައެއް ހިނގައިފިނަމަ، ޗައިނާގެ ސިފައިން އެމެރިކާގެ ސިފައިންނާ ދެކޮޅަށް ކުރި ހޯދާނެކަމަށެވެ.

މި ރިޕޯޓުގައި ބުނަނީ ޗައިނާގެ އަސްކަރީ ބާރު މިހާރު އާދަޔާ ޚިލާފަށް އިތުރުވަމުންދާ މިންވަރާއި، އެކަމުގެ ސަބަބުން އެމެރިކާއަށް ކުރިމަތިވެފައިވާ ނާޒުކުކަމެވެ. ޗާއިނާގެ ބާރު ގަދަފަދަ ކަމުގެ ސަބަބުން، ޗައިނާއިން ތައިވާން ހިފަން މަސައްކަތް ކޮށްފިނަމަ އެކަން ހުއްޓުވުމަށް އެމެރިކާ ކުޅެދޭނެތޯއާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

“އޯވަރމެޗް ބްރީފް” ގެ ނަމުން ނަންދީފައިވާ އެމެރިކާގެ މި ސިއްރު ރިޕޯޓުގައި އިންޒާރު ދެމުން ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

  • އެމެރިކާއިން ބަރޯސާވަނީ އަގުބޮޑު ހަތިޔާރުތަކަށް
  • ޗައިނާއިން ވަނީ ބޮޑެތި އަދަދުތަކުން އަގުހެޔޮ ނިޒާމްތައް އުފެއްދުމުގެ ގާބިލު ކަން އިތުރު ކޮށްފައި.
  • ހަނގުރާމައިގެ ސިމިއުލޭޝަންތަކުގައި، ޗައިނާގެ ސަބްމެރީންތަކާއި ހައިޕަރސޮނިކް މިސައިލްތަކުގެ ސަބަބުން ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް ފަދަ އެމެރިކާގެ ބޯޓުފަހަރު ވަރަށް އަވަހަށް ނައްތާލެވޭނެ.
  • ޗައިނާގައި ގާތްގަނޑަކަށް 600 އަޑަށް ވުރެން ބާރަށް ދަތުރުކުރާ ހައިޕަރސޮނިކް މިސައިލް އެބައޮތް.
  • އޭގެ ތެރެއިން ބައެއް މިސައިލްތަކަށް އަޑު ދަތުރުކުރާ ބާރުމިނަށްވުރެ 8 ގުނަ ބާރުމިނުގައި ދަތުރުކުރާނެ.
  • އެމެރިކާއިން އަދި މިފަދަ އެއްވެސް މިސައިލެއް ބޭނުންކުރަން ފަށާފައެއް ނުވޭ.

އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލުން ވެސް މިކަން ގަބޫލުކުރައްވައެވެ. ޗައިނާއާ ދެކޮޅަށް އެމެރިކާ ސިފައިން ބޭނުން ކުރާ ކޮމްޕިއުޓަރުގެ މަޖާޒީ ހަނގުރާމަތަކުގައި އެމެރިކާ ކޮންމެ ފަހަރަކު ވެސް ބަލިވާ ކަމަށް ދައްކައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޗައިނާ އާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ، އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން:

  • ބޯޓުފަހަރު، ސަބްމެރީންތައް ހަލާކުކޮށްލާނެ
  • އަދި 100 އަށްވުރެ ގިނަ އެޑްވާންސްޑް ފައިޓަރ ޖެޓް ގެއްލޭނެ.
  • ޗައިނާއިން ވަނީ މިސައިލްގެ ސްޓޮކް އިތުރުކޮށްފައި.
  • އެމެރިކާގެ އަސްކަރީ ނެޓްވޯކްތަކަށް ޗައިނާއިން ވަނީ ވައިރަސް ވައްދާފަ.
  • މިއީ ބެނުން ވެއްޖެ ހިނދެއްގައި ސައިބަރ ހަމަލާތަކެއް ދޭން ބޭނުން ކުރާނެ ނިޒާމުތަކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ތައިވާން ހިފުމަށް ތައްޔާރުވުމަށް އެ ގައުމުގެ ސިފައިންނަށް އިރުޝާދު ދެއްވާފައެވެ. ނަމަވެސް ތަހުލީލުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޝީ މިކަން ކުރައްވާނީ ހަމައެކަނި ކާމިޔާބުވާނެ ކަން ޔަގީންވާ ހާލަތެއްގައެވެ. އެމެރިކާއިން މިހާރު ގެންގުޅެނީ އޮޅުވާލުމުގެ ސިޔާސަތެކެވެ. މާނައަކީ ތައިވާން ދިފާއުކުރުމަށް އެމެރިކާއިން ކަން ކުރާނެ ގޮތުގެ ސާފު ސިޔާސަތެއް އެމެރިކާއަށް ބުނެދޭކަށެއް ނޭނގެއެވެ.

ކުރީގެ ރައީސް ޑްވައިޓް އައިޒަންހަވަރްގެ ޒަމާނުގައި ތައިވާނަކީ ޗައިނާގެ ހަންފެތުރުން ހުއްޓުވުމަށް މުހިންމު ހުރަހެއްގެ ގޮތުގައި ބެލެވުނު ސަރަހައްދެކެވެ. މިއަދު ވެސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތައިވާނަކީ ދުނިޔޭގެ އިގްތިސާދަށް މުހިންމު ތަނެއް ކަމަށް ބުނެއެވެ. ސަބަބަކީ ދުނިޔޭގެ މުދާ އުފުލާ ބޯޓުފަހަރުގެ ތިންބައިކުޅަ އެއްބައި ދަތުރުކުރަނީ ދެކުނު ޗައިނާ ކަނޑު ހުރަސްކޮށެވެ. ނަމަވެސް، ޓްރަމްޕް ވަނީ ތައިވާން ދިފާއުކުރުމުގެ ހަރަދާ މެދު ޝަކުވާކުރައްވައިފައެވެ. އަދި ތައިވާންގެ ދިފާއަށް އެހީތެރިވުމަށް ތައިވާނުން ވެސް ހަރަދުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ