އިނގިރޭސިވިލާތުގައި ދުފާފައި މަގުމައްޗަށް ކުޅު ޖެހުން އާންމު ވާތީ އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގެ ލޯކަލް ކައުންސިލްތަކުން، ވަނީ މަގުމައްޗަށް ކުޅު ޖެހުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ދުފައިގެން ރަތް ކުޅު ޖެހުން އާންމުވުމާ ގުޅިގެންނެވެ.
ރަތް ކުޅު ޖެހުމުން ކުރާ ޖުރިމަނާގެ އަދަދު ވަނީ ބޮޑުކޮށްފަ އެވެ. އަދި ސީރިއަސް މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ލެސްޓަރ ސިޓީގެ މަގުތަކާއި ފާރުތަކުގައި ރަތް ކުޅުގެ ނިޝާންތައް ތަކުރާރުކޮށް ފެންނަމުންދާތީ، ކައުންސިލުން ވަނީ މިކަމަށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ފަށާފައެވެ.


ކުރިން 50 ޕައުންޑުން ޖޫރިމަނާ ކުރަމުންދިޔަ ނަމަވެސް، މިހާރު ވަނީ ޖޫރިމަނާގެ އަދަދު 150 ޕައުންޑަށް ބޮޑުކޮށްފައެވެ. އަދި މިކަމަށް އިންޒާރު ދިނުމުގެ ގޮތުން އިނގިރޭސި ބަހާއި ގުޖުރާތީ ބަހުން ލިޔެފައިވާ ނޯޓިސްތައް މަގުމަތީގައި ބަހައްޓާފައިވެއެވެ.
ލަންޑަންގެ ބްރެންޓް ކައުންސިލުން ބުނަނީ މަގުމައްޗަށް ޖަހާފައިވާ ރަތް ކުޅުގެ ނިޝާންތައް ސާފުކުރުމަށް އަހަރަކު ގާތްގަނޑަކަށް 30,000 ޕައުންޑް ޚަރަދުކުރާ ކަމަށެވެ. މި ސަރަހައްދުގައި “ޒީރޯ ޓޮލަރެންސް” ގެ ސިޔާސަތެއް ތަންފީޒުކޮށް، ކުށްކުރާ ފަރާތްތައް 100 ޕައުންޑުން ޖޫރިމަނާ ކުރެއެވެ.
މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބައެއް އާދަޔާޚިލާފު މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. ޢުމުރުން 86 އަހަރުގެ އިނގިރޭސިއެއް ކަމަށްވާ ރޯއީ މާޝް ބުނެފައި ވަނީ އޭނާގެ އަނގަޔަށް ވަޔާއެކު ވަން ފަތްކޮޅެއް ބޭރުކޮށްލުމުން ކައުންސިލްގެ އިންސްޕެކްޓަރުން ވަގުތުން އޭނާ 250 ޕައުންޑުން ޖޫރިމަނާ ކުރި ކަމަށެވެ.
މި އަދަބަކީ “ބޭއިންސާފު” އަދަބެއް ކަމަށް ބުނެ އޭނާ މައްސަލަ ޖެއްސިއެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރުމަށްފަހު ފަހުން ޖޫރިމަނާގެ އަދަދު 150 ޕައުންޑަށް ކުޑަ ކުރިއެވެ.
އިނގިރޭސިވިލާތުގެ ކައުންސިލްތަކުން ބުނާ ގޮތުގައި، މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަނީ އާންމު ތަންތަން ރައްކާތެރިކޮށް، “ތިމާވެށީގެ ކުށް” ތަކުރާރު ވުން ހުއްޓުވުމަށްޓަކައެވެ.






