މޫނުގައި ޖަހާ ފުށުން ކެންސަރު ޖެހުމުން 40 މިލިއަން ޑޮލަރުގެ ބަދަލެއް

އިބްރާހީމްް ސަމީރު
ޑިސެމްބަރ 14, 2025

ޖޯންސަން އެންޑް ޖޯންސަންގެ ފުށުން ކެންސަރު ޖެހުނު ކަމަށް ބުނެ ދެ އަންހެނަކަށް 40 މިލިއަން ޑޮލަރު ދައްކަން އަމުރުކޮށްފި އެވެ. ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފައްދާފައިވާ މޫނުގައި ޖަހާ ފުށް ބޭނުންކުރުމުގެ ސަބަބުން ކެންސަރު ޖެހުނު ކަމަށް ބުނެ ދައުވާކުރި ދެ އަންހެނަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ލޮސް އެންޖެލިސްގެ ތަހުކީމް ކޮމިޓީއަކުން ހުކުރު ދުވަހު އަމުރުކޮށްފިއެވެ. މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ޖޯންސަން އެންޑް ޖޯންސަން ބުނެފައިވާއިރު، އެ ކުންފުނިން ބުނަނީ އެތައް އަހަރެއްގެ ސައިންޓިފިކް ދިރާސާތަކުން މޫނުގައި ޖަހާ ފުށަކީ ރައްކާތެރި އެއްޗެއް ކަން ސާބިތުވާ ކަމަށެވެ.

މި މައްސަލާގައި ލޮސް އެންޖެލިސްގެ ތަހުކީމް ކޮމިޓީން ބަދަލު ދޭން އެންގީ މޮނިކާ ކެންޓްއަށް 18 މިލިއަން ޑޮލަރެވެ. އަދި ޑެބޮރާ ޝަލްޓްޒް އާއި އޭނާގެ ފިރިމީހާއަށް 22 މިލިއަން ޑޮލަރެވެ. ޖުމްލަ 40 މިލިއަން ޑޮލަރު ދިނުމަށް އަމުރުކޮށްފައި ވެއެވެ.

މި ދެ އަންހެނުންވެސް ދައުވާކޮށްފައިވަނީ ޖޯންސަން އެންޑް ޖޯންސަންގެ މޫނުގައި ޖަހާ ފުށް ގިނަ ދުވަސް ވަންދެން ބޭނުންކުރުމުގެ ސަބަބުން ބިސްރަވައިގެ ކެންސަރު ކަމަށްވާ އޯވޭރިއަން ކެންސަރު ޖެހުނު ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ބުނީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ. އެކުންފުނިން ބުނީ އެމީހުންގެ ފުށަކީ ކެންސަރާ ގުޅުމެއް ނެތް އުފެއްދުމެއް ކަމަށް އެތައް އަހަރެއްގެ މިނިވަން ސައިންޓިފިކް ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ބިސްރަވަ ކެންސަރާ ގުޅުންހުރި 17 މައްސަލައިގެ ތެރެއިން 16 މައްސަލައެއް ގެ ދައުވާ ކުންފުނިން ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ޖޯންސަން އެންޑް ޖޯންސަން އިން ބުނެއެވެ.

ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގައި ވަނީ އެ ކުންފުނީގެ މޫނުގައި ޖަހާ ފުށް އުފެއްދުމުގައި ބޭނުންކޮށްފައިވާ ތަކެތީގައި ކެންސަރު ޖައްސާ އެސްބެސްޓޯސް މާއްދާ ހުރި ކަމަށާއި، އެއިން ބިސްރަވަ ކެންސަރާއި މެސޮތީލިއޯމާ ފަދަ ކެންސަރު ޖެއްސުމަށް މަގު ފަހިކޮށްދޭ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ކެލިފޯނިއާގައި އެހެން ތަހުކީމު ކޮމިޓީއަކުން ވަނީ މެސޮތީލިއޯމާ ޖެހިގެން މަރުވި އަންހެނެއްގެ އާއިލާއަށް 966 މިލިއަން ޑޮލަރު ދިނުމަށް ޖޯންސަން އެންޑް ޖޯންސަންއަށް އަމުރުކޮށްފައެވެ.

މޫނުގައި ޖަހާ ފުށް ވިއްކުން މަދުވުމާ ގުޅިގެން، ޖޯންސަން އެންޑް ޖޯންސަން އިން ވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅު އުތުރު އެމެރިކާގައި ބޭބީ ޕައުޑަރު އުފެއްދުމުގައި ޒުވާރި ފުށް ބޭނުންކުރަން ފަށާފައެވެ. މިއީ ރީތިވާން މޫނުގައި އުނގުޅާ ކުލައާއި ފުށުގައި އާންމުކޮށް ބޭނުންކުރާ މައްދާއެކެވެ.

އަދި 2023 ވަނަ އަހަރުން ފެށިގެން ޖޯންސަން އެންޑް ޖޯންސަން އިން ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މޫނުގައި ޖަހާ ފުށް އަދި ބޭބީ ޕައުޑަރު ވިއްކުން ހުއްޓާލާފައެވެ.

އެހެން ސިލްސިލާ ދައުވާތަކެއްގައި، 2024 ވަނަ އަހަރުގެ އޭޕްރީލް މަހު، އެމެރިކާގެ ބެންކްރަޕްސީ ކޯޓުގެ ގާޒީއަކު ވަނީ މޫނުގައި ޖަހާ ފުށާ ގުޅުންހުރި ދައުވާތައް ނިންމުމަށް 9 ބިލިއަން ޑޮލަރު ދިނުމަށް ޖޯންސަން އެންޑް ޖޯންސަން އިން ހުށަހެޅި ހުށަހެޅުން ބަލައިނުގަނެފައެވެ.

މި ލިޔުމާ ގުޅޭ