ކަންދެއްކުމަކީ، ދީނުގައި ނަހީކޮށްފައި އޮންނަ ކަމެކެވެ. އެކަމަކު މިވެރިންގެ އަޚުލާގު ބައްޓަން ކުރަން އެމީހުންނަށް ކޮން ދީނެއް ހެއްޔެވެ؟
މުއްސަނދިކަމާއި ފައިސާގެ ގޮތުން އެހެން މީހުންނަށްވުރެ މަތިވެރިކަން ދެއްކުމަކީ، އަބަދުވެސް ސާދާގަރުން ކުރާ ކަންކަމެވެ. އެއަށް ފާޑުކިޔައިފިނަމަ ކޮންމެ ގާރޫނަކުވެސް ބުނާނީ ތިމަންގެ މުއްސަނދިކަމާ ހެދި ތިބާ މޭކަރަންވީ ކީއްވެގެން ހެއްޔެވެ! ދޮގެއްވާ ނޫނެވެ!
ދިރިއުޅުމުގެ ގޮންޖެހުންތައް ހުރެ، އިޤްތިޞާދީ ގޮތުން ބޮޑެތި ތަފާތުތައް ހުންނައިރު މުއްސަނދިންގެ ކަންދެއްކުމަށް މީހުން ފާޑު ކިޔާނެއެވެ. އެކަން ގަބޫލުކުރަން ވާނެއެވެ.
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އިންޑިއާއަށް ކުރި ދަތުރުގައި އިންޑިއާގެ ގާރޫނު މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީގެ އާއިލާއިން، އޭނާއަށް ހަދިޔާކުރި އަތުކުރީ ގާޑީގެ ވާހަކައަކީ މީޑިއާގައި އެނބުރޭ ވާހަކައެކެވެ.
އެ ގަޑީގެ ބްރޭންޑް ކަމަށް ބުނަނީ، ”ރިޗާޑް މިލް RM 003-V2 ޖީ.އެމް.ޓީ ޓޫބިލޮން“ ގަޑިއެއް ކަމަށެވެ.
މައާފް ކުރާށެވެ! ފަރިތަ ނޫން ދާއިރާއެއް ވީމަ، ފެނުނު ގޮތަށް ނަކަލު ކޮށްފައި މިވަނީއެވެ. އަހުރެންނަށް ހަމައެކަނި އެނގޭ މިންވަރަކީ އެއީ އަގު ބޮޑު ގަޑިއެއް ކަމެވެ.
މި ގަޑީގެ އަގު 1.1 މިލިއަން ޔޫރޯއަށް އަރައެވެ. އިންޑިއާގެ ފައިސާއިން ބަލާއިރު، މިއީ ގާތްގަނޑަކަށް 99 ކްރޯޑް (990 މިލިއަން) ރުޕީސްއެވެ. ދިވެހި ރުފިޔާ އިން ބަލާއިރު، މި ގަޑީގެ އަގު ގާތްގަނޑަކަށް 18 މިލިއަން ރުފިޔާއަށް އަރައެވެ.
މި ގަޑި ހަދިޔާކުރި ގާރޫނުގެ ގެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ގެއެވެ. އެއީ ހަވޭލީއަކަށް ނުވާ އެތައް ފަންގިފިލާގެ ހަރޮށި ބިނާއެކެވެ.

އެ ގެ، ބިނާކޮށްފައިވަނީ މުސްލިމުން ބުނާ ގޮތުން ފޭރިގަނެފައިވާ މުސްލިމުންގެ ވަގުފު ބިމެއްގައެވެ! ވަﷲ އަޢުލަމު!
އިންޑިއާގައި މިލިއަނުން މީހުން ތިބެނީ ބަނޑަށެވެ. ބޯހިވާހި ކަމެއް ނެތް މީހުން އެހައި ގިނައެވެ. ކައިރީގައި ހުރި ބަސްތީގެ ޗޯޕްޅީތަކުގައި މިލިއަން ފަގީރުން އުޅެއެވެ.
ޤާރޫނު ބުނީ ކީކޭ ހެއްޔެވެ؟
قالَ إِنَّما أُوتيتُهُ عَلى عِلمٍ عِندي سورة القصص، الآية 78
”އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ ޢިލްމުވެރިކަމަކުންނެވެ.“
وابتغ فيما آتاك الله الدار الآخرة ولا تنس نصيبك من الدنيا القصص: سورة القصص، الآية 77
”އަދި ތިބާޔަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަޙްމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! ”






