ދުނިޔޭގެ ނުފޫޒުގަދަ މީޑިއާއިން ފަލަސްޠީނުގެ މައްސަލަ ރިޕޯޓުކުރުމުގައި ގެންގުޅޭ ހަމަހަމަކަމެއް ނެތް އުސޫލުތަކަކީ މިއަދު ބޮޑު ކަންބޮޑުވުމެކެވެ. ޚާއްޞަކޮށް ހުޅަނގުގެ ބޮޑެތި މީޑިއާއިން ޚަބަރު ފަތުރާއިރު، އިސްރާއީލަށް ބުރަވެ، ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާވެރިކަން ފޮރުވުމަށް މަސައްކަތްކުރާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.
ބަސްމަގު ބޭނުންކުރުމުގައި ގެންގުޅޭ ތަފާތުކުރުން ވަރަށް ސާފުކޮށް ފެނެއެވެ.
މީޑިއާއިން ބޭނުންކުރާ ބަސްމަގަށް ބަލާއިރު، އިސްރާއީލަށް ދީފައިވާ ހަމަލާތައް ސިފަކުރުމަށް ’މަސަކާ‘ (ޤަތުލުޢާއްމު) އަދި ’ސެވޭޖް‘ (ނުލަފާ) ފަދަ ބޮޑެތި ބަސްތައް ބޭނުންކުރެއެވެ. ނަމަވެސް، ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ރަހުމެއް ނެތް ހަމަލާތަކުގައި ޒަޔަނިސްޓުން ޝަހީދު ކޮށްލާއިރު، އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ސިފަކުރަނީ ’ޕްރެސިޝަން‘ (އަމާޒަށް ވާސިލްވާ) ނުވަތަ ’ޓާގެޓެޑް‘ (ވަކި އަމާޒަކަށް ދެވޭ) ހަމަލާތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން ’ޓެރަރިޒަމް‘ ފަދަ ލަފުޒުތައް ފަލަސްޠީނާ ގުޅުވައިގެން ބޭނުންކުރާ މިންވަރު، ޣައްޒާގެ މީހުންގެ ބަނޑަށް ޖެއްސުމުގެ ހާލަތަށް ވުރެން 3 ގުނަ އިތުރު ކަމަށްވެސް ފާހަގަ ވެއެވެ.
ފަލަސްޠީނުގެ ނަން ފޮހެލުމަށް މަސައްކަތް ކުރާކަންވެސް ފާހަގަ ވެއެވެ.
ޚަބަރުތަކުގެ ސުރުޚީތަކުން ފަލަސްޠީނުގެ ނަން ފޮހެލުމަށް މަސައްކަތް ކުރާކަންވެސް ފާހަގަ ކުރެވެއެވެ. މިސާލަކަށް:
ނިއުޔޯކް ޓައިމްސްއިން އިސްރާއީލުގެ ނަން ސުރުޚީތަކުގައި ބޭނުންކުރާ ކޮންމެ 186 ފަހަރަކަށް، ފަލަސްޠީނުގެ ނަން ބޭނުން ކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. ނިއުޔޯކު ޓައިމްސްއަކީ ސަހުޔޫނީން ކޮންޓްރޯލު ކުރާ ޒަމާނުއްސުރެން އެމީހުންގެ އަތް ދަށުގައި އޮންނަ މީޑިއާއެކެވެ. އަދި މިފަހުގެ ދެ އެޑިޓަރުންނަކީ ބައްޕައަކާއި ދަރިފުޅެވެ. ދެމީޙުންނަކީވެސް ޒަޔަނިސްޓުންނެވެ.
ބީބީސީ ފަދަ މީޑިއާއިން ފަލަސްޠީނުގެ ނަން ސުރުޚީގައި ބޭނުންކުރި ނަމަވެސް، އޭގެ ތެރެއިން ގިނަ ޚަބަރުތަކަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް ކުރާ މުޒާހަރާތަކުގެ ޚަބަރުތަކެވެ. މި ޚަބަރުތައްވެސް ގެނަސްދީފައި ވަނީ ނޭދެވޭ ގޮތްގޮތަށެވެ. މީގެ ސަބަބުން ފަލަސްޠީނުގެ އަސްލު ހާލަތު ދުނިޔެއަށް އޮޅިގެންދެއެވެ.
ތާރީޚީ ހަގީގަތްތައް އޮޅުވާލުމަކީ ހުޅަނގުގެ މީޑިއާއިން ފެންނަ އާންމު ސިފައެކެވެ.
ޒަޔަނިސްޓުންނަށް ތާއީދު ކުރާ ހުޅަނުގެ މީޑިއާގައި ފަލަސްޠީނުގެ މައްސަލައަކީ 2023 އޮކްޓޫބަރު 7 ގައި ފެށުނު ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރެއެވެ. މިއޮތް ހާދު ވަހު ޣައްޒާ ހިސާރަ ކޮށްފައި ބެއްވި ކަމުގެ މައުލޫމާތެއް ގެނަސް ނުދެއެވެ. އަދި ކާނާ ވެއްދުމަށް ހުރަސްއަޅާ ކަން ރިޕޯޓު ކޮށްފައެއް ނުވެއެވެ. އަދި ޔަހޫދީން ހިންގާފައިވާ ގަތުލުއާންމުގެ ވާހަކަވެސް ނު ދައްކައެވެ.
އިސްރާއީލުން 2007 އިން ފެށިގެން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމާއި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުމުގެ ވާހަކަ މީޑިއާއިން ވަނީ އުނިކޮށްފައެވެ.
ފަލަސްޠީނު މީހުންގެ އާބާދީތަކާއި ގެތައް ފޭރިގަނެ ގަތުލުއާންމު ހިންގި ’ނަކްބާ‘ ނުވަތަ ފަލަސްޠީނުގެ ރައްޔިތުން ބިންތަކުން ބޭރުކޮށްލި ތާރީޚީ ހާދިސާގެ ވާހަކަ ސުރުޚީތަކުގައި ބޭނުންކުރުމަކީ މި މީޑިއާއިން ދުރުހެލިވާ ކަމެއް ކަން ފާހަގަ ވެއެވެ.
އިސްރާއީލުން ފަލަސްޠީނުގެ ބިންތަކުގައި ހަދަމުންދާ އާބާދީތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ޣައިރު ޤާނޫނީ ކަމެއް ކަމަށް އދ. އިން ކަނޑައަޅާފައިވީ ނަމަވެސް، ހުޅަނގުގެ މީޑިއާއިން އެއީ ’ޣައިރު ޤާނޫނީ‘ ކަމެއްގެ ގޮތުގައި ސިފަކުރަނީ ވަރަށް މަދު ފަހަރަކުއެވެ.
އަދި އިސްރާއީލަށް އަމިއްލަ ނަފްސުގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އޮތް ކަމަށް ތަކުރާރުކޮށް ބުނާއިރު، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ހައްގު ހޯދުމަށް އެފަދައިން އަމަލު ކުރުމުގެ ޙައްޤެއް އޮތްކަމުގެ ވާހަކައެއް އެއްވެސް މީޑިއާއަކުން ނުދައްކައެވެ.
އަދި ރާއްޖޭގެ މީޑިއާގައިވެސް އަކުރުން އަކުރަށް ޒަޔަނިސްޓު މީޑިއާގެ ޚަބަރުތަކުގެ ތަޖުރަމާ ގެނަސްދޭތީ ފަލަސްޠީނަށް ދިމާވެފައިވާ އަނިޔާވެރިކަމުގެ ނެރެޓިވްއެއް ނުފެނެއެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ދުނިޔޭގެ ބޮޑެތި މީޑިއާއިން ފަލަސްޠީނުގެ މައްސަލައިގައި ގެންގުޅެނީ ފުޅާ ދާއިރާއެއްގެ ނަސްލީ ތަފާތުކުރުމެކެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މީހުންގެ ވިސްނުމާއި ފަލަސްޠީނާ މެދު ދެކޭ ގޮތް ވަކި އަތަކަށް ބުރަވެ، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ އިންސާފު ގެއްލިގެންދެއެވެ. މީޑިއާއިން މިފަދަ ނުބައި މައުލޫމާތު ފަތުރަނީ ތާރީޚަށްޓަކައި ޒަޔަނިސްޓުންނަށް ޚިދުމަތް ކޮށް ދިނުމަށެވެ.






