ގާނާއަށް ބޮޑު ޠޫފާނެއް އަންނާނެ ކަމަށް ބުނެ އޮޅުވާލި ފާދިރީއަކާއި އޭނާގެ އަގުބޮޑު ކާރު

އިބްރާހީމްް ސަމީރު
ޑިސެމްބަރ 26, 2025

ގާނާގައި އަމިއްލައަށް ނަބީއެއް ކަމަށް ދައުވާކުރާ އީބޯ ނޫހު ނަމަކަށް ކިޔާ ނަސޯރާ ފާދިރީއަކު ވަނީ މިއަހަރުގެ ކްރިސްމަސް ދުވަހު ބޮޑު ޠޫފާނެއް ގާނާއަށް އަންނާނެ ކަމަށް ބުނެ ފައެވެ. އަދި އޭނާގެ ދީނީ ނަސޭހަތް ދިނުމާ ހެދި ގިނަ ބަޔަކު ވަނީ އެމީހުންގެ ގެތައް ދޫކޮށް އެހެން ހިސާބުތަކަށް ތޫފާނުން ސަލާމަތްވާ ހިޖުރަ ކޮށްފައެވެ. މި ފޭކު ފާދިރީ ވަނީ އާންމުންގެ އަތުން ފައިސާ އަތުލުމަށްފަހު، އެ ފައިސާއިން އަގުބޮޑު ކާރެއް ވެސް ގަނެފައެވެ.

އީބޯ ނޫހު އޭނާއަށް ތަބާވި މީހުންނަށް އިންޒާރު ދީފައިވަނީ ނޫހުގެ ފާނުގެ ޒަމާނުގައި އައި ފަދަ ފެން ބޮޑުވުމެއް ލައިގަންނާނެ ކަމަށެވެ. އަދި މި ފެންބޮޑުވުމުން ސަލާމަތްވުމަށްޓަކައި އޭނާ ވަނީ އަމިއްލައަށް އޮޑިތަކެއް ވެސް ބަނދެފައެވެ. އެ އޮޑިން ޖާގަ ބޭނުންވާ މީހުން އޭނާއަށް ޗަންދާ ދައްކަން ޖެހެއެވެ.

ނަމަވެސް، ޑިސެމްބަރު 25 ވަނަ ދުވަސް އައިއިރު އެއްވެސް ކަހަލަ ފެންބޮޑުވުމެއް ނުވަތަ ވާރޭވެހުމެއްވެސް ފެނިފައެއް ނުވެއެވެ. އެއާ ޚިލާފަށް އެ ސަރަހައްދުގައި އޮތީ ހަނަފަސްކަމެވެ.

މިކަމާ ގުޅިގެން އީބޯ ނޫހު ފަހުން ބުނެފައިވަނީ، މީހުން ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ދޭވަތާ އެ ކާރިސާ ފަސްކޮށްދެއްވާފައިވާ ކަން އޭނާއަށް އަންގާފައިވާ ކަމަށެވެ! އައުޒު ބިއްލާހި!

ނަމަވެސް، މި ކަމުގައި އުޅުމުގެ ތެރޭގައި އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، އޭނާ އަގުބޮޑު މާސިޑީޒް ބެންޒްކާރެއްގައި ދަތުރުކުރަނިކޮށް ފެނުމުންނެވެ. މި ކާރުގެ އަގު 89،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. އެކަމަކު އޭނާއަށް ތަބާވީ މީހުންނަކީ ފަގީރު ބައެކެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ ”ތޫފާން ލަސްވިޔަސް، ބެންޒް ކާރު ލިބިއްޖެ“  ކަމަށެވެ. މިއީ ދީނުގެ ނަމުގައި ވިޔަފަރި ކުރާ މީހުންގެ މިސާލެކެވެ.

މި ލިޔުމާ ގުޅޭ