ފޮޓޯ ސޯޝަލް މީޑިއާ

ހަނދާނުން ފޮހެލަން ދަތި ބިރުވެރި ދުވަހެއް: 2004 ޑިސެމްބަރ 26

ޝަރުމީލާ މޫސާ (ޝަރޫ)
ޑިސެމްބަރ 26, 2025

އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވީ އާދީއްތަ ދުވަހެކެވެ. އާދައިގެ މަތިން އަމާން، ހިތްގައިމު ހެނދުނެއްގެ ވަގުތެވެ. ސްކޫލް ބަންދު ދުވަސްވަރު ކަމުން، ރަށްފުށުގެ ހަލަބޮލި މާހައުލުން އާއްމުކޮށް ފެންނަ އުފާވެރިކަމާއެކު ކުދިންތައް ހޭލަމޭލަވެ އުޅެމުން ދިޔަ ވަގުތެކެވެ. ކުޑަކުދިން ގޯޅިތަކުގައާއި ގޮނޑުދޮށުގައި ކުޅެ މަޖާނަގަމުން ދިޔައިރު، ބައެއް މީހުން ދިޔައީ ދުވަހުގެ މަސައްކަތްތަކަށް ތައްޔާރުވަމުންނެވެ. ރަށްފުށުގެ އުފާވެރި މާހަލުގެ އާއްމު ހާލަތަކީ މިއީއެވެ. މި އަމާންކަމުގައި ތިއްބާ ދެން ކުރިމަތިލާން އޮތީ ކޮންފަދަ ބޮޑު ނުރައްކާތެރި ކާރިސާއެއްކަން އެކަކަށް ވެސް ހިލަން ވެސް ނުވެއެވެ.

ގަޑިން ހެނދުނު 9:20 އެހާކަންހާއިރެވެ. ކުއްލިއަކަށް އިވުނީ އާދަޔާ ހިލާފު ބިރުވެރި އަޑެކެވެ. ބާރުގަދަ ބޯޓެއްގެ އިންޖީނުގެ އަޑު ފަދަ، ނުވަތަ ބާރު އަޑަކާއެކު އައިސްގަނޑެއް ތަޅައިގެންދާ ފަދަ އަޑެކެވެ. މޫދާ ދިމާލަށް ބަލާލިއިރު ފެނުނީ ހައިރާންކުރުވަނި މަންޒަރެކެވެ. ފަޅުތެރޭގައި ލޮނުގަނޑު ހިނދި، މުޅި ފަޅު އޮތީ ހިކިފައެވެ. އެތައް ބަޔަކު މި އާދަޔާ ހިލާފު މަންޒަރު ބަލަން އަތިރިމައްޗަށް އެއްވިއެވެ.

ނަމަވެސް އެ ހައިރާންކަން ބިރުވެރިކަމަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ދުރުދުރަށް ބަލާލިއިރު، އުދަރެހުން ފެންނަން ފެށީ ހުދު ފޮނުގަނޑަކާއެކު އުސްވަމުން އައި ބޮޑު ރާޅެކެވެ. އެއީ އެބައިމީހުން ދުވަހަކު ވެސް ދުށް ރާޅެއް ނޫނެވެ. ރާޅު ކައިރިވަމުން އައިވަރަކަށް އޭގެ ބާރުގަދަކަން އިހުސާސްވަމުން ދިޔައެވެ. ”ރާޅު އަރަނީއޭ“ ބުނެ މީހުން ހަޅޭއްލަވަމުން ރަށުގެ މެދާ ދިމާލަށް ދުވަން ފެށިއެވެ.

ލޮނުގަނޑު ރަށުތެރެއަށް އަރައިގަތީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. ގޭގޭގެ ފާރުތައް ބަޑިޖަހާ އަޑަށް ވެއްޓެމުން ދިޔައެވެ. ބޮޑެތި ރުއްގަސްތައް މުލުން ލުހި، މީހުންގެ މުދަލާއި، ހިފާގެންގުޅޭ ތަކެއްޗާއި، އުޅަނދުފަހަރު ލޮނުގަނޑާއެކު އޮޔާދާން ފެށިއެވެ. ކުޑަކުދިންނާއި މުސްކުޅިން ސަލާމަތްވުމަށް ޓަކައި ގަސްގަހަށާއި ގެދޮރުގެ ފުރާޅުމައްޗަށް އަރަމުން ދިޔަ މަންޒަރަކީ ހިތް ފަޅައިގެންދާ ފަދަ މަންޒަރެކެވެ. ލޮނުގަނޑުގެ ތެރޭގައި މީހުން ގަންބަމުން، މުދާތައް ހަލާކުވަމުން ދިޔައިރު، މުޅި ރަށުގައި އޮތީ ހާސްކަމާއި ބިރުވެރިކަމެވެ.

އެއީ އިންސާނަކަށް ތަސައްވަރު ކުރަން ވެސް ދަތި، ބިރުވެރި އަދި އެހާމެ ހިތްދަތި މަންޒަރުތަކެކެވެ. މާލެއާ ޚިލާފަށް، ރާއްޖޭގެ ގިނަ ރަށްރަށަކީ އުސްމިނުގައި ވަރަށް ތިރި ރަށްރަށް ކަމުން، ސުނާމީގެ ރާޅުތައް އެ ރަށްރަށުގެ އެއްކޮޅުން އަރައި އަނެއްކޮޅަށް ފޭބީ މުޅި ރަށް ލޮނުގަނޑުގެ ތެރެއަށް ގަންބާލަމުންނެވެ. ސުނާމީގެ ރާޅު ރަށްރަށަށް އެރި ވަގުތު، އެއީ ރަށަށް އެރި  ހަމައެކަނި ފެންގަނޑެއް ނޫނެވެ. އެއީ އޭގެ މަގުގައި ހުރި ކޮންމެ އެއްޗެއް ފުނޑުފުނޑު ކުރަމުން އައި ”ބިޔަ ބާރެކެވެ“.

ލޮނުގަނޑު ހިނދިގެން ދިޔައިރު، ކުރިން ފެނުނު ރީތި ހިތްގައިމު ރަށް އޮތީ މުޅީން ސުންނާފަތިވެފައެވެ. މީހުން ދިރިއުޅޭ ގެތައް ހުރީ ބިމާ ހަމަވެފައެވެ. ރަށްރަށުގެ ގިނަ ގޭގޭގެ ފާރުތައް ރާނާފައި ހުރީ އޭރު އާދައިގެ ގަލާއި ސިމެންތިން ކަމަށްވުމުން، އައި ރާޅުގެ ބާރުގައި އެ ފާރުތައް ކަރުދާސް ފޮށިތަކެއް ފަދައިން ވެއްޓި ބިމާހަމަވެގެން ދިޔައެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ބަޔަކު ބިނާކުރި ގެތައް، އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި ބިމާ ހަމަވެގެން ދިޔައެވެ. މަގުތަކުގައި އޮތީ ގޭގޭގެ ފުރާޅުތަކާއި، ފަރުނީޗަރުތަކާއި، މީހުންގެ އެކި ބޭނުންތަކަށް ބޭނުންކުރާ އަމިއްލަ ތަކެއްޗެވެ. އަދި ކުނިބުންޏާއި، މަރުވެފައިވާ މަސްމަހާއި، ހަލާކުވެފައިވާ ތަކެއްޗެވެ. މުޅި ރަށް އޮތީ ކިލާވެފައެވެ. ވަޅުތަކަށް ލޮނު އެރުމުގެ ސަބަބުން ބޯނެ ސާފު ފެންފޮދެއް ނެތެވެ. ކަރަންޓުގެ ޚިދުމަތް ކެނޑި، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި މީހުން ތިބީ ބިރުންނެވެ.

ރަށްރަށުގެ ހާލަތު އެންމެ ބޮޑަށް އިހުސާސް ކުރެވުނީ އެތަނުން ފެނުނު މީހުންގެ ހާލުންނެވެ. ބަޔާންކުރަމުންދިޔަ ހިތްދަތި އިހްސާސްތަކުންނެވެ. އާއިލާގެ މީހުންނާއި ރައްޓެހިން ވީނުވީއެއް ނޭނގިގެން މީހުން ހޯދަމުން ދިޔަ މަންޒަރަކީ ހިތްފަޅައިގެންދާހާ ހިތްދަތި މަންޒަރެކެވެ. ލޮނުގަނޑު ހިނދިގެން ދިޔުމަށްފަހު ރަށްރަށަށް ވެރިވީ ބިރުވެރި ހިމޭންކަމެކެވެ. ކުރިން އިވުނު ކުޑަކުދިންގެ ހީނ ސަމާސާ އަޑުގެ ބަދަލުގައި އިވެމުން ދިޔައީ ގިސްލުމުގެ އަޑެވެ. ބައެއް ރަށްރަށުގައި ރާޅު އެރި ވަގުތު، އަތުގައި ހިފަހައްޓައިގެން ތިބި ކުދިން ލޮނުގަނޑުގެ ބާރުގައި އަތުން ދޫވެގެން ދިޔަ ވާހަކަތަކީ މިއަދު ވެސް ކަރުނަ ނުހިފޭނެ ވާހަކަތަކެވެ. ”މަންމާއޭ“ ކިޔާފައި އެ ދަރިން ގޮވަމުން ދިޔަ އަޑު، ރާޅުގެ ބާރު އަޑުގެ ތެރެއަށް ގެއްލިގެން ދިޔަ ހިނދު ކުރެވޭނެ އިހުސާސް ތަސައްވަރު ކޮށްލައްވާށެވެ. އަދިވެސް އެހިތާމަ ސުނާމީގެ ހާދިސާ ތަޖުރިބާކުރި މީހުންގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. އެބައިމީހުން ލޮލުން އެ ހިތި ކަރުނަ އަދިވެސް ނުހިކެއެވެ.

މިހާދިސާގައި ބައެއް ރަށްރަށް މުޅިން އެއްކޮށް ފަޅުވެ، އެތައް ބަޔަކު ދުނިޔެދޫކޮށް އެތައް ބަޔަކު ޒަޚަމްވިއެވެ. މިއީ ސުނާމީ ކާރިސާގައި އެދުވަހު ދިވެހި ރާއްޖޭގެ ގިނަ ރަށްރަށުގެ ހާލަތެވެ. ބައެއް ރަށްރަށް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެ ސުންނާފަތިވެފައެވެ. އެ މީހުން އަމިއްލަ ވަޒަން ދޫކޮށް، އެހެން ރަށްރަށަށް ހިޖުރަ ކުރަން ޖެހުމުން ކުރެވުނު އަސަރަކީ ބޮޑު ހިތާމައެކެވެ. މާޒީގެ ހުރިހާ ހަނދާންތަކާއި އުޅެބޮޑުވި މަގުތަކާއި، ދިރިއުޅުނު ގެތައް އަދި އަމިއްލަފަސްގަނޑު ދޫކޮށް ހިޖުރަކުރަންޖެހުމަކީ ނުހަނު ފުން ހިތާމައެކެވެ.

ނަމަވެސް، މި ހިތްދަތިކަމާ ބިރުވެރިކަމުގެ ތެރެއިންވެސް ފެނުނީ ”ދިވެހިވަންތަކަމެވެ“. އެކަކު އަނެކަކަށް ކާންދިނުމާއި، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމުގައި ދެއްކި ހިތްވަރެވެ. އެކަކު އަނެކަކުގެ އަތުގައި ހިފައިގެން އަލުން ދިރިއުޅުން އާރާސްތު ކުރަން ކުރި އަޒުމެވެ. މިއަދު އަޅުގަނޑުމެން މި ހަނދާންތައް އާކުރާއިރު، އެއީ ހަމައެކަނި ބިރުވެރި ދުވަހެއްގެ ވާހަކައެއް ނޫނެވެ. އެއީ ދިވެހިންގެ ކެތްތެރިކަމާއި، އެކުވެރިކަމާއި، އަދި ގުދުރަތީ ހާދިސާތަކަށް އަބަދުވެސް ތައްޔާރުވެ ތިބުމުގެ މުހިންމުކަން އަންގައިދޭ ފިލާވަޅެކެވެ.

އެ ދުވަހުގެ ހާލަތު ފެނުނު މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ، އެއީ ހަމައެކަނި ގުދުރަތީ ކާރިސާއެއް ނޫނެވެ. އެއީ ދިވެހިންގެ ހިތްތައް ގުޅުވައިދިން، އެކަކު އަނެކަކަށް އޮތް ލޯތްބާއި ކުލުނު އިތުރުކޮށްދިން ވަގުތެކެވެ. މިއަދުވެސް އެ ހަނދާންތައް އާވުމުން ލޯ ފެންކަޅިވަނީ އެ ދުވަހު ފެނުނު ހިތްދަތި މަންޒަރުތަކާއި، އެ ހިތްދަތިކަމުގެ ތެރެއިން ފެނުނު އެހީތެރިކަމުގެ އަތްތަކުގެ ސަބަބުންނެވެ.

 

މި ލިޔުމާ ގުޅޭ