ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމަނަމުންދާތީ، ދުނިޔޭގައި ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. މީގެ ކުރިން ހަމައެކަނި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް އަމާޒުކޮށްފައި އޮތް މި އިނީޝިއޭޓިވް، މިހާރު ޑިޖިޓަލް ނިޒާމުތަކަށް ބަދަލުވަމުންދިއުމަކީ ބެއިޖިންގެ ޖިއޯޕޮލިޓިކަލް ނުފޫޒު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.
އޭއައި ހިމެނޭ ބީއާރުއައި މަޝްރޫއުތައް މިހާރު އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ލެޓިން އެމެރިކާގެ ގައުމުތަކުގައި ދަނީ ހިންގަމުންނެވެ. މާހިރުން އިންޒާރު ދޭ ގޮތުގައި، މި މަޝްރޫއުތަކުގެ ސަބަބުން ބައިވެރިވާ ގައުމުތަކުގެ ލޮޖިސްޓިކްސް، ފައިނޭންސް އަދި ސަވައިލަންސް ނެޓްވޯކްތަކުގެ ތެރެއަށް ޗައިނާގެ ޓެކްނޮލޮޖީ ވަދެ، އެ ގައުމުތައް ދިގު މުއްދަތަކަށް ޗައިނާއަށް ބަރޯސާވާން ޖެހޭނއެވެ.
އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް ވިދާޅުވި ގޮތުގައި، އެމެރިކާގެ ކުންފުނިތައް މި ދާއިރާއިން ފަހަތަށް ޖެހިއްޖެނަމަ، ބީއާރުއައި ފަދަ ވަސީލަތްތައް މެދުވެރިކޮށް ޗައިނާއިން އެގައުމުގެ އޭއައި ޓެކްނޮލޮޖީ މުޅި ދުނިޔެއަށް ފަތުރައި ލީޑާޝިޕް ވަރުގަދަ ކުރާނެއެވެ. މިއީ ޓެކްނޮލޮޖީގެ ރޭހުގައި ހުޅަނގުގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާގެ ”ޑިޖިޓަލް ސިލްކް ރޯޑް“ ގެ ސަބަބުން ގައުމުތައް ޑިޖިޓަލް ގޮތުން ބަރޯސާވާން ޖެހޭނެއެވެ. އަދި ޗައިނާގެ މިންގަނޑުތަކާއި ގަވާއިދުތަކަށް ތަބާވާން މަޖުބޫރުވާނެއެވެ. މިފަދަ ސަވައިލަންސް އަދި ޑޭޓާ ސެކިއުރިޓީގެ ކަންބޮޑުވުންތަކާ ހުރެ، ޕެނަމާ ފަދަ ބައެއް ގައުމުތަކުން މިހާރު ވަނީ މި މަޝްރޫއުތަކާ ދުރަށް ޖެހެން ފަށާފައެވެ.
މުހައްލިލުން ދެކޭ ގޮތުގައި މިއީ ހަމައެކަނި ޓެކްނޮލޮޖީގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ ޑޭޓާ ކޮންޓްރޯލް ކުރާނީ ކޮން ބައެއްތޯ އާއި، މިންގަނޑުތައް ކަނޑައަޅާނީ ކޮން ބައެއްތޯ އަދި އާ ޑިޖިޓަލް ނިޒާމެއްގައި ބާރު ހިންގާނީ ކޮން ބައެއްތޯ ކަނޑައެޅުމުގެ ބޮޑު ވާދަވެރިކަމެކެވެ.






