ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ނުފޫޒު ދައުލަތުގެ ތެރޭގައި އިތުރަށް ފުޅާކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުތަކަކާ ގުޅިގެން އެގައުމުގެ ސިޔާސީ މަސްރަހު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓޭނެއެވެ. އާމީ ޗީފް ޖެނެރަލް އާސިމް މުނީރު އިސްވެ ހުންނަވައި ހުށަހަޅުއްވި 27 ވަނަ ގާނޫނުއަސާސީގެ އިސްލާހުގެ ސަބަބުން، ޕާކިސްތާނުގެ ޑިމޮކްރެޓިކް ނިޒާމަށް އޮތް ނުރައްކަލާ މެދު ގާނޫނީ މާހިރުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި އިސްލާހުގެ ދަށުން ހާއްސަ ކޮންސްޓިޓިއުޝަނަލް ކޯޓުތަކެއް އުފެއްދުން ހިމެނެއެވެ. އަދި އެގްޒެކެޓިވް މެޖިސްޓްރޭޓުންގެ ބާރުތައް އަލުން އިއާދަކުރުމުގެ އިތުރުން ފަނޑިޔާރުން ބަދަލުކުރުމުގެ ބާރު ލިބިގެންދާނެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މީގެ ސަބަބުން އަދުލު އިންސާފުގެ މިނިވަންކަން ގެއްލި، ސިފައިންގެ ބާރުތައް ވަރުގަދަވެގެންދާނެއެވެ. މީގެ އިތުރުން ތައުލީމާއި އާބާދީގެ ދުޅަހެޔޮކަން ފަދަ ޕްރޮވިންސްތަކުގެ ބާރުގައި ހުރި ކަންކަން މަރުކަޒީ ސަރުކާރުގެ ދަށަށް ގެނައުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
މި އިސްލާހުގައި އެންމެ ބޮޑު ބަހުސެއް އުފެދެނީ ސިފައިންގެ ކޮމާންޑާ ބެހޭ ގާނޫނުއަސާސީގެ 243 ވަނަ މާއްދާއަށް ގެންނަ ބަދަލާ ގުޅިގެންނެވެ. އައު އިސްލާހުގެ ދަށުން ޗީފް އޮފް އާމީ ސްޓާފަށްވުރެ މަތީ މަގާމެއްގެ ގޮތުގައި ”ކޮމާންޑަރ-އިން-ޗީފް“ ގެ މަގާމެއް އޮންނާނެއެވެ. މިއީ ޕާކިސްތާނުގެ ތާރީޚުގައިވެސް އަސްކަރީ ކޮމާންޑް އޮނިގަނޑަށް ގެނެވޭ މިފަދަ ފުރަތަމަ ބަދަލެވެ.
މި އިސްލާހާ ދެކޮޅަށް މަދަނީ ޖަމިއްޔާތަކާއި، ވަކީލުން އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުން އަޑުއުފުލަމުންދިޔަ ނަމަވެސް، ސިޔާސީ ފަންތީން ވަނީ މިއަށް ތާއީދުކޮށްފައެވެ.
މިއީ ސިޔާސީ ޕާޓީތަކުގެ ބާރު ކުޑަވެ، ސިފައިންގެ މުއައްސަސާގެ ބާރު ގަދަވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ.
މި ބަދަލުތައް ގެންނަން ފަށާފައި މިވަނީ އިދިކޮޅު ލީޑަރު އިމްރާން ޚާން ޖަލުގައި ދިގުމުއްދަތަކށް ހުކުމް ކޮށްފައިވާ ދަނޑިވަޅާ ދިމާކޮށެވެ.






