ޔަމަނުގެ ހަޟަރަމައުތު ޕްރޮވިންސްގައި ޔޫއޭއީގެ ތާއީދު އޮންނަ ހަޟްރަމީ އެލީޓް ފޯސަސްގެ މަގާމުތަކަށް ސައޫދީ އަރަބިއްޔާއިން ދެ ފަހަރެއްގެ މަތިން ވައިގެ ހަމަލާތަކެއް ދީފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން މަސްރަހު ފިނިކޮށް އޮތުމަށްފަހު ދިން މި ހަމަލާތަކާއެކު، ޔަމަނުގެ ހަނގުރާމަ އަނެއްކާވެސް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ވަކިވެގަތުމަށް މަސައްކަތްކުރާ ސަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އިން ބުނި ގޮތުގައި، ސައޫދީގެ ހަމަލާތައް އަމާޒުވީ ހެނދުނު 8:00 ގައާއި 9:15 ގައެވެ. މި ހަމަލާތައް ދީފައިވަނީ ސައޫދީއަށް ތާއީދުކުރާ ގަބީލާގެ ލީޑަރަކާއި އެސްޓީސީއާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އެސްޓީސީގެ ދެ މީހަކު މަރުވި ހާދިސާއަށް ފަހުގައެވެ.
މި ހާދިސާއަކީ ޔަމަނުގެ ސަރުކާރުގެ ތެރޭގައި ހިމެނޭ އެކި ފެކްޝަންތަކަށް ތާއީދުކުރާ ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ. މިދިޔަ ޑިސެމްބަރު މަހު އެސްޓީސީން ހަޟަރަމައުތާއި މަހްރާގެ ބޮޑު ސަރަހައްދެއް ހިފާފައިވާއިރު، މިއީ ގަލްފުގެ މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަރައި، ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވި ކަމެކެވެ.
ސައޫދީ އާއި ޔޫއޭއީގެ އަސްކަރީ ވަފުދަކުން ދާދި ފަހުން އަދަނަށް ޒިޔާރަތްކޮށް، ހިފާފައިވާ ސަރަހައްދުތަކުން ފޭބުމަށް އެސްޓީސީއަށް ބާރުއެޅި ނަމަވެސް، އެ ޖަމާއަތުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން ވަނީ ހުރިހާ ފަރާތްތަކަކުން ކެތްތެރިކަން އިސްކޮށް، ސިޔާސީ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލާފައެވެ.
އދ. އިން ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ގްރޫޕްތަކުން ކުރިއަށްދާ ހަރަކާތްތަކުގެ ސަބަބުން ޔަމަނު އިތުރަށް ބައިބައިވެ، ސަރަހައްދީ ސުލްހައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފައެވެ. 2014 ވަނަ އަހަރު ހޫޘީން ސަންޢާ ހިފި ފަހުން ޔަމަނު އޮތީ ބައިބައިވެފައެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ލައްކަ މީހުން މަރުވެ، ދުނިޔޭގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ ވަނީ ކުރިމަތިވެފައެވެ.
2022 ވަނަ އަހަރު އދ. މެދުވެރިވެގެން ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހަމަލާތައް މަދުވެފައި އޮތް ނަމަވެސް، އެންމެ ފަހުގެ މި ކުރިމަތިލުންތަކަކީ އަނެއްކާވެސް ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް މުހައްލިލުން ދެކެއެވެ.






