ފާތިމަތު ޝަހުލާ ރިޒާ (ޝަހޫ ރިޒާ) އަކީ ހ.ތަރަބޫޒުގޭ އަހުމަދު ރިޒާގެ ދެވަނަ އަންހެން ދަރިފުޅެވެ. އެމްޑީޕީގެ ގަދަފަދަ ފަހުލަވާނެކެވެ. ސިޔާސީ އެކްޓިވިސްޓެކެވެ. އަރަމުންއަނަން ސިޔާސީއެކެވެ.
ޝަހޫ އެމްޑީޕީއާ ގުޅުނީ 2007 ވަނަ އަހަރުއެވެ. އެޕާޓީއާ ގުޅުނު ހިސާބުން ޝަހޫ އަންނަނީ އެޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. އޭނާ ބޮޑަށް ޚާއްސަވެފައިވަނީ ޝޯޝަލް މީޑިއާ އެކްޓިވިސްޓްއެއްގެ ގޮތުގައެވެ. އެމްޑީޕީން ބާއްވާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވަނީ އިޚްލާސްތެރި ކަމާއެކުގައެވެ.

މިހާރު ޝަހޫ އަންނަނީ ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ހެންވޭރު ހުޅަނދު ދާއިރާގެ މާލޭސިޓީކައުންސިލް އިންތިޚާބުގައި ވާދަކުރާނޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ. ޕްރައިމަރީ އޮންނާނީ އަންނަ ޖަނަވަރީ މަހު 16 ވަނަ ދުވަހުއެވެ. މިހާރުވެސް އޭނާއަކީ މާލޭސިޓީ ޑަބްލިޔުޑީސީގެ މެންބަރެކެވެ. އެންމެފުރަތަމަ އޭނާ އެމަގާމަށް ކުރިމަތިލީ 2021 ވަނަ އަހަރުއެވެ. އެފަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ (ޑަބްލިޔުޑީސީ) ގެ މެމްބަރަކަށް އޭނާ ހޮވުނީ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއެކުގައެވެ. ފާއިތުވި 4 އަހަރު އެކޮމިޓީން ހިންގި ގިނަ ހަރަކާތްތަކުގައި ޝަހޫއަކީ ލީޑަރެކެވެ. ކޯޑިނޭޓަރެކެވެ. އޭނާގެ ލީޑަރޝިޕުގެ ދަށުން އެހެން މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ވަނީ ކާމިޔާބު އެތައް މަސައްކަތެއް ކޮށްފައެވެ. މާލެ ސިޓީ ޑަބްލިޔުޑީސީ ގެ 4 ވަނަ ދައުރަކީ ކާމިޔާބު ދައުރެކެވެ. މާލެ ސިޓީ ރައްޔިތުންނާ ގުޅޭ ގިނަގުނަ އެތައް ހަރަކާތްތަކެއް ވަނީ ކާމިޔާބު ކަމާއެކު ހިންގައިފައެވެ. މިއިން ކޮންމެ ކަމެއްގައި ޝަހޫގެ ދައުރު އިންތިހާއަށް ބޮޑެވެ. އޭނާ ހެންވޭރު ހުޅަނގަށް ޚާއްސަވިޔަސް އޭނާގެ އަކީ މުޅި މާލޭސިޓީއަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ނުކުމެހުރި މެންބަރެކެވެ.

ޝަހޫއާ ބެހޭގޮތުން މާލޭސިޓީ ޑަބްލިޔުޑީސީގެ ކުރީގެ ރައީސާ ރަޝީދާ ރަޝާދު ވިދާޅުވީ ”ޝަހޫއާ ޖެހޭނީ ކަމެއް ހަވާލުކޮށްލަން. އެހިސާބުން އެކަމެއް ނިމެންދެން ހުރިހާ ކަމެއް އެންމެ ފަރުވާތެރިކަމާއެކު ބަލަމުންދާނެ. ޑަބްލިޔުޑީސީ ޑަބްލިޔުޑީސީއަކަށް ވުމުގައި ޝަހޫގެ ދައުރު އިންތިހާއަށް ބޮޑު. ޝަހޫއަކީ ކެރޭ، ހީވާގި، ކަމަށް ކަމޭހިތާ ސިޔާސީ މުސްތަގުބަލެއް އޮތް ލީޑަރެއް،“ ކަމަށެވެ.
ޑަބްލިޔުޑީސީގެ މިހާރުގެ ރައީސާ މަރިޔަމް ޝިމާޒާ ޝަހޫއާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. ”ޝަހޫއަކީ މާލެސިޓީ ޑަބްލިޔުޑީސީގެ ހަތަރެސްފަޔޭ ބުންޏަސް ދޮގަކަށްނުވާނެ. ބޮޑު ޓީމަކުން މަސައްކަތްކުރާވަރަށް ޝަހޫ އެކަނި މަސައްކަތްކުރާނެ. ޝަހޫއާ މަސައްކަތެއް ހަވާލުކޮށްފައި އަޅުގަނޑު ގޭގައި ނިދަން އޮންނަންސް ވެސް ޖެހިލުމެއްނުވާނެ. އެހެންވީމާ ޝަހޫ މިހާރު ކުރިމަތިލައިގެން އުޅޭ މަގާމަކީ އޭނާއަށް އައު މަގާމަކަށް ނުވާނެ. ކުރިން އެމަގާމް އަދާނުކުރިޔަސް އެމަސައްކަތް ވެސް ސިޓީކައުންސިލުގައި އޭނާވަނީ އެންމެނާ ގުޅިގެން ކޮށްފައި. މިހާރުވެސް ދަނީ ކުރަމުން. ޝަހޫއަކީ އެއްވެސް މީހަކާ ޒާތީވާނޭ މީހެއްނޫން. އަމިއްލަކަންކަން އެއްފަރާތްކޮށްފައި އޭނާއަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރީތި ނަމޫނާއެއް. ޝަހޫއަށް ވަރަށް ބޮޑު ކާމިޔާބީއަކަށް އެދެން،“

ވާހަކަ ކުރުކޮށްލަމާ ހިނގާށެވެ. ޝަހޫ މިފަހަރު ވާދަކުރަނީ ޑަބްލިޔުޑީސީއަކަށް ނޫނެވެ. މާލޭސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގުދާއިރާގެ ގޮނޑިއަށެވެ. އެންމެބޮޑު އެއް މަގުސަދަކީ ތަޖުރިބާއާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. އަނެއް މަގުސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. މިކަންކުރުމުގައި ޝަހޫ ދުލެއް ނުކުރާނެއެވެ. ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމަށް އޭނާގެ ޒިންމާ އަދާކުރަން ފަސްނުޖެހޭނެއެވެ. ”މިއީ ކުޑަ ކަމެއްނޫން. ސަރުކާރު ޒިންމާދާރު ކުރުވުމަކީ އިދިކޮޅުޕާޓީގެ ޒިންމާއެއް. އިދިކޮޅު ޕާޓީގެ މެންބަރުން އަބަދުވެސް މަސައްކަތްކުރާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް. އެކަން ކުރުމަށް މި ޝަހޫ ފަހެއް ނުޖެހޭނަން.“ އޭނާ ބުންޏެވެ.

މިހާރުވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ޑަބްލިޔުޑީސީން ކޮށްދޭންޖެހޭ ހުރިހާކަމެއް ޝަހޫދަނީ ކުރަމުންނެވެ. އޭނާ ޚިދުމަތްކޮށްދެމުން ގެންދަނީ ކޮށްދޭހިތުންނެވެ. ރައްޔިތުންނަށް ލިބޭ ކޮންމެ ކުރިއެރުމަކީ ޝަހޫއަށް ލިބޭ އުފަލެކެވެ. ރައްޔިތުންނަށް ލިބޭ ކޮންމެ އުފަލަކީ ޚިދުމަތުގައި ދެމިހުރުމަށް ޝަހޫއަށް ލިބޭ ހިތްވަރެކެވެ. ތިޔަ ބޭފުޅުންނަށް ޝަހޫގެ ޚިދުމަތް މެދުނުކެނޑި ލިބޭނީ މިފަހަރު މާލޭސިޓީކައުންސިލަށް އިންތިޚާބުކޮށްގެންނެވެ. އެހެންވީމާ އެންމެ ފުރަތަމަ އެމްޑީޕީގެ ޕްރައިމަރީގައި ޝަހޫއަށް ވޯޓުދީ ޓިކެޓު ކަށަވަރުކޮށްދޭށެވެ.

ތިޔަ ބޭފުޅުންގެ ޝަހޫ ވަރުބައްޔެއް ނުވާނެއެވެ. ރައްޔިތުންނާ ދުރަކަށް ނުދާނެއެވެ. ހައްތާވެސް ވާނީ ގާތެވެ. ޝަހޫ އެހުރީ އަޑުއަހައި އަޑުއިއްވަން ތައްޔާރަށެވެ. ޖަނަވަރީ 16 ގައި ނުކުމެ ޝަހޫއަށް ވޯޓުދީ އޭނާއަށް ޕްރައިމަރީ ކާމިޔާބު ކޮށްދޭން އެންމެންގެ ވޯޓު އޭނާއަށް ދޭށެވެ. ޝަހޫއަށް ބޭނުންވަނީ ކޮންމެ މީހެއްގެ އަތުން އެންމެ ވޯޓެކެވެ. ހަމަ އެންމެ ވޯޓެކެވެ. ޝަހޫއަކީ އެހާރުވެސް ތިޔަބޭފުޅުންގެ މީހެކެވެ. މިހާރުވެސް ތިޔަބޭފުޅުންގެ އެކުވެރިއެކެވެ. ދެންވެސް ތިޔަބޭފުޅުންގެ އެކުވެރިއެކެވެ.






