އިންޑިއާގެ އިގްތިސާދު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ 4ވަނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމު އިންޑިއާއިން ހޯދައިފި ކަމަށް ނިއުދިއްލީން ހާމަކޮށްފިއެވެ. އިންޑިއާގެ އިގްތިސާދީ ދުވެލި ބާރުވަމުންދާ މިންވަރަށް ބަލާއިރު، ވަރަށް އަވަހަށް ދުނިޔޭގެ ތިންވަނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމުވެސް އެ ގައުމަށް ލިބޭނެ ކަމަށް ބެލެވެއެވެ.
އިގްތިސާދީ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގެ ޖީޑީޕީ މިހާރު ވަނީ 4.18 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު މި އަދަދު 7.3 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި ކުރިއެރުމާއެކު، އިންޑިއާގެ ކުރީގައި ދެން އޮންނާނީ ހަމައެކަނި އެމެރިކާ އާއި ޗައިނާއެވެ.
2025އާއި 2026ގެ މާލީ އަހަރުގެ ދެވަނަ ކުއާޓަރުގައި އިންޑިއާގެ އަސްލު ޖީޑީޕީ ވަނީ 8.2 އިންސައްތައަށް ކުރިއަރާފައެވެ. މިއީ ފާއިތުވި ހަ ކުއާޓަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދު އެންމެ ބާރަށް ކުރިއެރި ފަހަރެވެ. މީގެ އިތުރުން، އެކްސްޕޯޓްގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން އިންޖިނިއަރިން ސާމާނާއި، އިލެކްޓްރޯނިކްސް އަދި ބޭސްފަރުވާގެ ސާމާނު ބޭރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދި ނަމަވެސް، ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތުން އިންޑިއާ އަދިވެސް އުޅެނީ ކުރިއަރާފައިވާ ގައުމުތަކަށްވުރެ މާ ފަހަތުގައެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު އިންޑިއާގެ ބޮލަކަށް ޖެހޭ ޖީޑީޕީ އަކީ 2,694 ޑޮލަރެވެ. މިއީ ޖަޕާނާ އަޅާބަލާއިރު 12 ގުނަ އަދި ޖަރުމަނާ އަޅާބަލާއިރު 20 ގުނަ ދަށް އަދަދެކެވެ.
އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށްވާއިރު، އެ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޓެކްސް ކުޑަކުރުމާއި، މަސައްކަތްތެރިންގެ ގާނޫނުތަކަށް ބަދަލު ގެނައުން ފަދަ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
އިންޑިއާއަކީ 2022 ވަނަ އަހަރު އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ފަސްވަނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމު ހޯދި ގައުމެވެ. މިހާރު ހަތަރުވަނަ މަގާމަށް ޖެހިލާފައިވާއިރު، މިއީ އެ ގައުމުގެ އިގްތިސާދީ ބާރުވެރިކަން ދުނިޔޭގައި އިތުރުވަމުންދާކަމުގެ ހެއްކެކެވެ.






