ޗައިނާގެ ޖަލުތަކުގައި ތިބޭ މީހުންގެ ގުނަވަންތައް ގަދަބާރުން ނަގަމުންދާ ކަމަށް ބުނާ މައްސަލައާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ޕެޓިޝަނެއްގައި ސޮއިކުރި މީހުންގެ އަދަދު 5 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. ދުނިޔޭގެ 34 ޤައުމަކުން މިހާތަނަށް 505,000 އަށްވުރެ ގިނަ މީހުން މި ޕެޓިޝަނުގައި ވަނީ ސޮއިކޮށްފައެވެ.
ސިންގަޕޫރު ޕޯސްޓުން ބުނިގޮތުގައި މި ކެމްޕޭނަކީ ”ޑޮކްޓާސް އެގެއިންސްޓް ފޯސްޑް އޯގަން ހާވެސްޓިންގ“އާއި ”އިންޓަނޭޝަނަލް ކޯލިޝަން ޓު އެންޑް ޓްރާންސްޕްލާންޓް އެބިއުސް އިން ޗައިނާ“ ގުޅިގެން 2024 ވަނަ އަހަރުގެ ޖުލައި މަހު ފެށި ހަރަކާތެކެވެ. މި ޕެޓިޝަނުގެ މައިގަނޑު ބޭނުމަކީ ޖީ-7 ގެ ޤައުމުތަކާއި ދުނިޔޭގެ އެހެނިހެން ސަރުކާރުތަކުން އިސްނަގައިގެން، މި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާރުއެޅުމެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، މިފަދަ އަމަލުތަކުގެ ޝިކާރައަކަށް ވަނީ ފަލޫން ގޮންގްގެ މެންބަރުންނާއި، ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ދިރިއުޅޭ އުއިގޫރު މުސްލިމުންނެވެ. މި މީހުންނަކީ އެމީހުންގެ ދީނީ އަދި ފިކުރީ ގަބޫލުކުރުންތަކުގެ ސަބަބުން ޖަލަށްލާފައިވާ މީހުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ގިނަ އަހަރުތަކެއް ވަންދެން ކުރި ތަހުގީގުތަކަށްފަހު، 2019 ވަނަ އަހަރު ލަންޑަނުގައި ބޭއްވި މިނިވަން ޓްރައިބިއުނަލަކުން ވެސް ވަނީ ޗައިނާގައި ގިނަ އަހަރުތަކެއް ވަންދެން ބޮޑު މިންވަރަކަށް ގުނަވަން ނެގުމުގެ ވިޔަފާރި ހިންގާފައިވާކަން ސާބިތުވާ ކަމަށް ނިންމާފައެވެ. ނަމަވެސް، އެކަށީގެންވާ ހެކިތަކާއި ހެކިބަސް ހުރި ނަމަވެސް، ބައިނަލްއަޤުވާމީ އިދާރާތަކުން މިކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅެއް އަޅާފައި ނުވާތީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ޗައިނާގެ ޖަލުތަކުގައި މީހުން ހައްޔަރުކޮށް، އަނިޔާކޮށް، އަދި ދެފުށް ފެންނަ ގޮތެއް ނެތި ގުނަވަން ބަދަލުކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް އަދިވެސް ރިޕޯޓުތައް ލިބެމުންދާތީ، މިކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.
އެ ފަރާތްތަކުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއް މިލިއަން ސޮއި ހަމަކުރުމެވެ.






