ބޮޓްސްވާނާގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ހަކަތަ ރައްކާކުރުމުގެ އިތުރުން ޓްރާންސްމިޝަން އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި، އިންޑިއާގެ އިއާދަކުރަނިވި ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ކޭޕީ ގްރޫޕުން އެ ގައުމުގެ ސަރުކާރާއެކު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކޭޕީ ގްރޫޕާއި ބޮޓްސްވާނާ ސަރުކާރު ގުޅިގެން ގާތްގަނޑަކަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ބިޔަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތަކުގެ ސަބަބުން ބޮޓްސްވާނާގެ ހަކަތައިގެ ނިޒާމަށް ގާތްގަނޑަކަށް 5 ގިގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އިތުރުވެގެންދާނެ ކަމަށް މީޑިއާ ބުނެއެވެ.
މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ބޮޓްސްވާނާގެ އެތެރޭގައި ހަކަތަ ފޮނުވުމަށް ބޭނުންކުރާ ހައި-ވޯލްޓޭޖް ޓްރާންސްމިޝަން އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުން ހިމެނެއެވެ. މީގެ އިތުރުން، ސަރަހައްދީ ގައުމުތަކާ ހަކަތައިގެ ނިޒާމުން ގުޅާލައި، ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއް ނެތި އިތުބާރާއެކު ފޯރުކޮށްދިނުމާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި ޕާޓްނަޝިޕަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ’ނެޓް ޒީރޯ‘ އަށް ތިރިކުރުމަށް ބޮޓްސްވާނާއިން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ހަމައެއާއެކު، މިއީ އިންޑިއާގެ ކޭޕީ ގްރޫޕުގެ ވިޔަފާރި ބައިނަލްއަގުވާމީ މާކެޓަށް ފުޅާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުންޏުން ފާހަގަކުރެއެވެ.
ބޮޓްސްވާނާގެ މިނިސްޓަރ އޮފް މިނަރަލްސް އެންޑް އެނާޖީ، ބޮގޯލޯ ޖޯއި ކެނެވޭންޑޯ ވިދާޅުވީ، މި ބައިވެރިވުމުގެ ސަބަބުން ސާފު ހަކަތަ ބޭނުންކުރުން އަވަސްވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ތިމާވެއްޓަށް ދިގުމުއްދަތުގެ ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.






