ޕާކިސްތާނުން 2026 ވަނަ އަހަރާ ކުރިމަތިލާއިރު، އެ ގައުމުގެ އާބާދީ އިތުރުވަމުންދާ ނިސްބަތާ މެދު އދ. ގެ އާބާދީއާ ބެހޭ ޖަމިއްޔާ (ޔޫއެންއެފްޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށް، ސިޔާސީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފިއެވެ.
ދުނިޔޭގެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް ޕާކިސްތާނުގެ އާބާދީ މިހާރު ވަނީ 225 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. ޕާކިސްތާނުގެ ”ޑޯން“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާބާދީ އިތުރުވާ މިންވަރު އަވަސްވުމާއި، ވިހާ ރޭޓް މަތިވުމާއި، ޖިންސީ ހަމަހަމަކަން ނެތުމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ އެ ގައުމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކެވެ.
ޔޫއެންއެފްޕީއޭ އިން ބުނި ގޮތުގައި، އާބާދީއަކީ ގައުމަށް އޮތް ބުރައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ދެމެހެއްޓެނިވި އަދި ހުރިހާ ދާއިރާއަކަށް ފައިދާހުރި ތަރައްގީގެ ބާރެއްގެ ގޮތުގައި ބަލަން ޖެހެއެވެ. އެގޮތުން، ގައުމީ ފެންވަރުގައި ބަޖެޓް ކަނޑައަޅާ ”ނޭޝަނަލް ފައިނޭންސް ކޮމިޝަން“ (އެންއެފްސީ) ފޯމިއުލާ މެދުވެރިކޮށް، ޖިންސީ ހަމަހަމަކަމާއި، މޫސުމީ ރައްކާތެރިކަމާއި، ސިއްހަތާއި ތައުލީމީ ދާއިރާއިން ކުރިއެރުން ހޯދާ ޕްރޮވިންސްތަކަށް މާލީ އިނާޔަތްތައް ދިނުމަށް އެ އެޖެންސީން ވަނީ ލަފާދީފައެވެ.
މީގެ އިތުރުން، ”ކައުންސިލް އޮފް ކޮމަން އިންޓަރެސްޓްސް“ އިން ދީފައިވާ ލަފާދޭ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށާއި، ޒިންމާދާރުކަން އިތުރުކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށް ވެސް ޔޫއެންއެފްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާބާދީގެ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމުމަށްޓަކައި ގައުމީ ފެންވަރުގައި ފައިސާގެ އެހީތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.






