އިންޑިއާއިން ބްރިކްސްގެ ރިޔާސަތާ ހަވާލުވެއްޖެ

އިބްރާހީމްް ސަމީރު
ޖެނުއަރީ 2, 2026

1 ޖެނުއަރީ 2026 އިން ފެށިގެން، ބްރިކްސް ޖަމާއަތުގެ ރިޔާސަތާ އިންޑިއާއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. ބްރިޒިލްގެ އަތުން އިންޑިއާ މި މަގާމާ ހަވާލުވިއިރު، މިއީ 10 ގައުމުގެ މައްޗަށް އެކުލެވޭ ގޮތަށް މި ޖަމާއަތް ފުޅާކުރި ފަހުން އިންޑިއާއިން ރިޔާސަތު ބަލަހައްޓާ ފުރަތަމަ ފަހަރެވެ.

މި ދައުރުގެ އިސްކަންދޭ އަމާޒުތައް ހާމަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، އިންޑިއާގެ ރިޔާސަތުގައި ބްރިކްސް ބިނާކުރާނީ ”ރެސިލިއަންސް، އިނޮވޭޝަން، ކޯޕަރޭޝަން އަދި ސަސްޓެއިނަބިލިޓީ“ ވިލުންވެރިކަން، އައު އީޖާދުތައް، އެއްބާރުލުން އަދި ދެމެހެއްޓެނިވިކަންކަމުގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ތަރައްގީވަމުން އަންނަ ދެކުނުގެ ގައުމުތައް ނުވަތަ ”ގްލޯބަލް ސައުތު“ ގެ މަސްލަހަތު ހިމާޔަތްކުރުމަށް މި ޖަމާއަތަކީ މުހިންމު މިންބަރެއްގެ ގޮތުގައި މޯދީ ސިފަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާއިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ޑިޖިޓަލް އާންމު އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް މަބު  ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާއި، ޑިޖިޓަލް ވިޔަފާރި ފުޅާކުރުން ހިމެނޭ ކަމަށެވެ. މިއީ މީގެ ކުރިން އިންޑިއާއިން ޖީ-20 ގެ ރިޔާސަތު ބެލެހެއްޓިއިރުވެސް ގެންގުޅުނު ފުޅާ އުސޫލުތަކެކެވެ.

އިންޑިއާއިން ރިޔާސަތާ ހަވާލުވުމާ ގުޅިގެން ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ވަނީ ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވާފައެވެ. ލުކަޝެންކޯ ވިދާޅުވީ އިންޑިއާގެ ލީޑަޝިޕްގެ ދަށުން ބްރިކްސް އިތުރަށް ވަރުގަދަވެ، ދުނިޔޭގައި އިންސާފުވެރި ނިޒާމެއް ގާއިމުވުމަށް ބާރަކަށް ވާނެ ކަމަށެވެ. ބެލަރޫސްއަކީ ދާދިފަހުން ބްރިކްސްގެ ޕާޓްނަރު ގައުމެއްގެ ދަރަޖަ ލިބިފައިވާ ގައުމެކެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި، ބްރިޒިލްގެ ރިޔާސަތުގައި ބިނާކޮށްފައިވާ ވަރުގަދަ މުއައްސަސާގެ މައްޗަށް އިންޑިއާއިން އިތުރު ކުރިއެރުންތައް ހޯދާނެއެވެ. ޚާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގެ ތަޖުރިބާ ބްރިކްސްގެ ގައުމުތަކަށް ހިއްސާކުރުމަކީ މި ޖަމާއަތުގެ ނުފޫޒު ދުނިޔޭގައި އިތުރުވެގެންދާނެ ކަމެއް ކަމަށް ދެކެއެވެ.

 

މި ލިޔުމާ ގުޅޭ