ތުރުކީގައި ދިރިއުޅޭ އެމެރިކާގެ ރައީސް ޓްރަމްޕްގެ ނަހަލާލު އަންހެން ދަރިފުޅު

އިބްރާހީމްް ސަމީރު
ޖެނުއަރީ 2, 2026

އަންކާރާގައި ދިރިއުޅޭ އަންހެނަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އޭނާގެ ބައްޕަ ކަމަށް ބުނެ ކޯޓަށް މައްސަލައެއް ހުށަހަޅައިފި  އެވެ.

ތުރުކީގެ އަންކާރާގައި ދިރިއުޅޭ އުމުރުން 55 އަހަރުގެ ނެޖްލާ އޮޒްމަން، ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އޭނާގެ ބައްޕަ ކަމަށް ދައުވާކޮށް، އެކަން ސާބިތުކުރުމަށް ގާނޫނީ ހަނގުރާމައެއް ފަށައިފައެވެ. މި މައްސަލަ މިހާރު ވަނީ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.

އޮޒްމަން ބުނާ ގޮތުގައި، އޭނާ ބަލާބޮޑުކުރި ސާތީ ނަމަކަށް ކިޔާ އަންހެނަކު، ޓީވީން ޓްރަމްޕް ފެނުމުން އޭނާއަށް އިޝާރާތްކޮށް އެއީ އޭނާގެ ބައްޕަ ކަމަށް ބުނެފައިވެއެވެ. މިކަމުގެ ހަގީގަތް ހޯދުމަށް އޮޒްމަން ވަނީ އަންކާރާގެ 27 ވަނަ ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ ކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ.

ކޯޓުން މައްސަލަ ބޭރުކޮށްލި ނަމަވެސް، އޮޒްމަން ވަނީ އެ ނިންމުން ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މީގެ އިތުރުން، ޓްރަމްޕްގެ ޑީއެންއޭ ޓެސްޓެއް ހެދުމަށް އެދި ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީއަށާއި އެމެރިކާގެ ކޯޓުތަކަށް ވެސް އޭނާ ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޮޒްމަން ބުނީ، އޭނާ ބޭނުންވަނީ އާއިލީ ގޮތުން ޓްރަމްޕް ދެނެގަންނަން ކަމަށެވެ. އަދި ޓްރަމްޕާއި އޭނާގެ ފިރިހެން ކޮއްކޮމެންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އާއިލާގެ މެންބަރެއްގެ ގޮތުގައި އޭނާ ބަލައިގަތުމަށް އެދޭ ކަމަށް ވެސް އޮޒްމަން ބުންޏެވެ.

ތުރުކީއާއި އަލްބޭނިއާގެ ނަސްލަށް ނިސްބަތްވާ އޮޒްމަން ބުނާ ގޮތުގައި، އޭނާގެ މި މަސައްކަތަކީ ހަމައެކަނި ހަގީގަތް ހޯދުމަށް ކުރާ މަސައްކަތެކެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސްގެ ފަރާތްޕުޅުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ