ކައިވެނިކުރުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަމަށް އިންކާރުކުރުމާ ގުޅިގެން، އިންޑިއާގެ އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ލަދުވެތި ގުނަވަން ބުރިކޮށްލައި، ނުރައްކާތެރި ހަމަލާއެއް ދީފިއެވެ.
މުމްބާއީގެ ސަރަހައްދެއްގައި ހިނގި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާ ދީފައިވަނީ އޭނާއާ އެކު ފާއިތުވި ހަތް އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އުމުރުން 25 އަހަރުގެ އަންހެނެކެވެ.
މި ހާދިސާ ހިނގާފައިވަނީ އައު އަހަރު ފާހަގަކުރުމުގެ ނަމުގައި، އެ އަންހެންމީހާ އޭނާގެ ލޯބިވެރިޔާއަށް ދިރިއުޅޭ ގެއަށް ދައުވަތު ދީގެން ގެނައުމަށްފަހުގައެވެ. އަންހެންމީހާ ތަކުރާރުކޮށް ކައިވެނިކުރުމަށް އެދުމުންވެސް ފިރިހެންމީހާ އެކަމަށް އިންކާރު ކުރުމުން، އައި ރުޅީގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާގެ ގުނަވަން ބުރިކޮށްލީއެވެ.
މި ނުރައްކާތެރި ހަމަލާއަށްފަހު، ޒަޚަމްވި ފިރިހެންމީހާ ވަނީ އެތަނުން ސަލާމަތްވެގެން ގޮސް އޭނާގެ ކޮއްކޮއަށް ގުޅައި އެހީތެރިކަމަށް އެދިފައެވެ. އޭނާގެ ކޮއްކޮ ވަނީ ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ކުއްލި ފަރުވާ ދޭން ފަށާފައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ބޮޑެތި އަނިޔާތަކެއް ދިނުމާއި އިތުރު ކުށްތަކުގެ ދައުވާ އެ އަންހެންމީހާގެ މައްޗަށް އުފުލާފައިވާ ކަމަށެވެ. ނަމަވެސް ހާދިސާއަށްފަހު އޭނާ ވަނީ ފިލާފައެވެ.
ފިލައިގެން އުޅޭ އަންހެންމީހާ ހޯދުމަށް ފުލުހުންގެ ޚާއްޞަ ޓީމުތަކެއް އެކުލަވާލައި، ބޮޑު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.
މީގެ ކުރިން ލޯރީނާ ބޮބިޓްވެސް އެމެރިކާގައިމިފަދަ އަމަލެއް ހިންގިއެވެ. އޭނާ ބަގީޗާއަށް އެއްލައިލި ގުނަވަން ފުލުހުން ހޯދައި ދިނުމުން ހަސްފަތާލުން އެ ގުނަވަން ގުޅުވައި ދިނެވެ.






