ޗައިނާގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ބީވައިޑީ އިން އެމެރިކާގެ ޓެސްލާ ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގައި އެންމެ ގިނައިން އިލެކްޓްރިކް ވެހިކަލް ވިއްކާ ކުންފުނީގެ މަގާމު 2025 ވަނަ އަހަރު ކާމިޔާބުކޮށްފިއެވެ. މިއީ ދުނިޔޭގެ އިލެކްޓްރިކް ކާރުގެ ބާޒާރަށް އައި ބޮޑު އަދި ތާރީޚީ ބަދަލެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބީވައިޑީން ވަނީ މިދިޔަ އަހަރު 2.5 މިލިއަނަށްވުރެ ގިނަ ބެޓަރީ ކާރު ވިއްކާފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 28 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާ ޚިލާފަށް، މާލީ ދާއިރާއން ލަފާކުރާ ގޮތުގައި ޓެސްލާއަށް މި މުއްދަތުގައި ވިއްކޭނީ ގާތްގަނޑަކަށް 1.65 މިލިއަން ކާރެވެ.
މި ބަދަލު އަންނަން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޗައިނާގެ ހެޔޮއަގު ކާރުތަކާ ދެކޮޅަށް ވާދަކުރުމުގައި ޓެސްލާއަށް ކުރިމަތިވި ގޮންޖެހުންތައް ހިމެނެއެވެ. މީގެ އިތުރުން، ޓެސްލާގެ ވެރިޔާ އީލޮން މަސްކްގެ ސިޔާސީ ފިކުރުތަކާއި، އޭނާ އެހެނިހެން ގިނަ މަސައްކަތްތަކެއްގައި އުޅުއްވުމުގެ ސަބަބުން ކުންފުންޏަށް ދެވޭ ސަމާލުކަން ކުޑަވެފައިވާ ކަމަށް ބުނެ، ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. މިއީ ޓެސްލާ ބްރޭންޑަށް އޮތް އިތުބާރު ކުޑަވާން މެދުވެރިވި ސަބަބެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.
ކުރީގެ ދުވަސްތަކެއްގައި އީލޮން މަސްކް މާބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލި ބީވައިޑީން މިހާރު ވަނީ ބައިނަލްއަގުވާމީ މާކެޓުގައި ބާރުގަދަކޮށްފައެވެ. އެ ކުންފުނިން ވަނީ ދުނިޔޭގެ މުހިންމު ބާޒާރުތަކުގައި ޓެސްލާގެ މައްޗަށް ކުރި ހޯދައި، އިލެކްޓްރިކް ކާރު އުފެއްދުމުގެ ދާއިރާގައި ދުނިޔޭގެ ރޭހުގެ ކުރިއަށް ޖެހިލާފައެވެ. މިއީ ދުނިޔޭގެ އީވީ ލީޑަޝިޕަށް އައި ހެޔޮ ބަދަލެއްގެ ގޮތުގައި ދާއިރާގެ މާހިރުން ސިފަކުރެއެވެ.






