އިޒްރޭލުގައި މަސައްކަތް ކުރަމުން ދަނިކޮށް ޔަހޫދީން އޭނާގެ ފިރިމީހާ މަރާލިތާ ފަސް މަސް ފަހުން، އިންޑިއާގެ ކެރެލާގެ އަންހެނަކު ޒަހަރު ބޮއެގެން އަމިއްލައަށް މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ކެރެލާގެ ވަޔަނާޑްގެ ކޮލަޔާޑީއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ރޭޝްމާއެވެ. އޭނާ މަރުވީ ޒަހަރު ބޮއެގެން ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޭޝްމާގެ ފިރިމީހާ ޖިނޭޝް ސުކުމާރަން (38 އަހަރު) އިޒްރޭލަށް ދިޔައީ މިދިޔަ އަހަރުގެ މޭ މަހު މުސްކުޅިން ބަލަހައްޓާ މީހެއްގެ މަސައްކަތަށެވެ. ނަމަވެސް، ޖުލައި މަހުގެ ތެރޭގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓް ތެރޭގައި އޭނާ މަރުވެފައި އޮތްވާ ފެނުނެވެ. އިޒްރޭލުން ބުނީ އޭނާ ދަންޖެހުނީ ކަމަށެވެ.
އޭނާ ބަލަހައްޓަމުން ދިޔަ އުމުރުން 80 އަހަރުގެ އިޒްރޭލު އަންހެން މީހާ ވެސް އޮތީ މަރާލާފައެވެ.
މި ހާދިސާ ހިނގި ގޮތް އިޒްރޭލުން މިހާތަނަށް ސާފުކޮށެއް ނުދެއެވެ.
އާއިލާއާއި ގާތް ފަރާތްތަކުން ބުނާ ގޮތުގައި، ޖިނޭޝްގެ މަރުގެ މައްސަލައިގައި އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުންނާއި އިންޑިއާ އެމްބަސީން އެކަށީގެންވާ ޖަވާބެއް ވެސް ދީފައެއް ނުވެއެވެ.
އެ ކަމުގެ ސަބަބުން ރޭޝްމާ ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިވެ، މާޔޫސްވެފައެވެ. ރޭޝްމާ ދުނިޔެ ދޫކުރިއިރު، އެ ދެމަފިރިންގެ އުމުރުން 10 އަހަރުގެ އަންހެން ދަރިއަކު އެބަހުއްޓެވެ.
އެ ސަރަހައްދުގެ އިސްވެރިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޖިނޭޝްއަކީ އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެރިވާނެ ނުވަތަ އަމިއްލައަށް މަރުވާނެ ފަދަ މިޒާޖެއްގެ މީހެއް ކަމަށް ރޭޝްމާ ދުވަހަކުވެސް ގަބޫލެއް ނުކުރެއެވެ. ޚާއްސަކޮށް، އެ އާއިލާއިން ދާދި ފަހުން އާ ގެއެއް ބިނާކޮށް، މާލީ ބޮޑު ތާށިކަމެއްގެ ތެރޭގައި ތިބި ނަމަވެސް، ޖިނޭޝް ހުރީ އާއިލާއަށްޓަކައި މަސައްކަތް ކުރުމުގެ އަޒުމުގައެވެ.
އިޒްރޭލުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ޖިނޭޝް މަރުވީ އަމިއްލައަށް ކަމަށް އިޒްރޭލުން ބުނަނީ އޭނާގެ އާއިލާއަށް މާލީ ބަދަލެއް ނުދޭން ވެގެންނެވެ.
އާއިލާއިން ބުނަނީ އިޒްރޭލާ އިންޑިއާ ސަރުކާރުގެ ގުޅުން އޮތް ގޮތުން އާއިލާއަށް މިކަމުގައި އިތުރު ތަސައްލީއެއް ނުލިބޭނެ ކަމަށެވެ.






