ބަންގްލަދޭޝް ދަރަނީގެ މަޅިއެއްގައި ޖެހިފައިވާ ކަމުގެ އިންޒާރު ދީފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 9, 2026

ބަންގްލަދޭޝްގެ އިސް އިގްތިސާދީ އޮފިޝަލުން ވަނީ އެ ގައުމު މިހާރު ވެސް ”ދަރަނީގެ މަޅިއެއްގައި“ ޖެހިފައިވާ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. ބޭރުގެ ދަރަނިތައް ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ގައުމުގެ ބަޖެޓަށް ބާރުބޮޑުވެ، މާލީ ގޮތުން ފިޔަވަޅު އެޅުމަށް އޮތް ފުރުސަތުތައް ވަނީ ހަނިވެފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ޗައިނާގެ ލޯނުތަކެވެ.

ނޭޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއާމަން އެމް. އަބްދުއްރަހްމާން ޚާން ދާދި ފަހުން ބޭއްވި ސެމިނާރެއްގައި ވިދާޅުވީ، ދަރަނީގެ ޕްރެޝަރު މިހާރު ހުރީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށެވެ. ދަރަނި އަދާކުރުމަކީ މިހާރު ބަންގްލަދޭޝްގެ ބަޖެޓުން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަންތައް ކަމަށްވާއިރު، މިއީ ދަނޑުވެރިކަމާއި ތައުލީމީ ދާއިރާއަށް ކުރާ ހޭދައަށްވުރެ ވެސް ބޮޑު އަދަދެކެވެ.

ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑެބްޓް ރިޕޯޓް 2025 ދައްކާގޮތުން، ފާއިތުވި ފަސް އަހަރު ތެރޭގައި ބަންގްލަދޭޝްގެ ބޭރުގެ ދަރަނި ވަނީ 42 އިންސައްތަ އިތުރުވެފައެވެ. 2010 ވަނަ އަހަރު 26 ބިލިއަން ޑޮލަރުގައި ހުރި ދަރަނި، 2024 ވަނަ އަހަރުގެ ނިޔަލަށް ވަނީ 105 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އެ ގައުމުގެ އެކްސްޕޯޓް އާމްދަނީގެ 192 އިންސައްތައެވެ.

ފިނޭންސް ސެކްރެޓަރީ އެމްޑީ ޚައިރުއްޒަމާން މުޒުމްދރު ފާހަގަކުރެއްވި ގޮތުގައި، ތާރީޚުގައި ފުރަތަމަ ފަހަރަށް މިއަހަރުގެ ގައުމީ ބަޖެޓު ވަނީ ބަރުހެލިވެފައެވެ.

އިގްތިސާދީ ދިރާސާ ކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ބަންގްލަދޭޝް އޮތީ 2022 ވަނަ އަހަރު ބަނގުރޫޓުވި ސްރީލަންކާ އާއި، ޗައިނާގެ ދަރަނިތައް މެނޭޖްކުރުމަށް އައިއެމްއެފްގެ އެހީއަށް އެދުނު ޕާކިސްތާނުގެ މަގުން ހިނގުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ބަންގްލަދޭޝްއިން ނަގާފައިވާ ދަރަނި 40 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މާހިރުން ބުނާ ގޮތުގައި، ލޯނު ނެގުމުގެ އުސޫލުތަކަށް ބަދަލު ގެނެސް، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ނަގާ ލޯނުތަކުގެ ދެފުށް ފެންނަ މިންވަރު އިތުރު ނުކޮށްފިނަމަ، އިޖުތިމާއީ ހޭދަތަކަށާއި ގައުމުގެ ދިގު މުއްދަތުގެ ކުރިއެރުމަށް މީގެ ނޭދެވޭ އަސަރު ކުރާނެއެވެ.

 

މި ލިޔުމާ ގުޅޭ