އިނގިރޭސިވިލާތުގެ އިންޖީނު އުފައްދާ މަޝްހޫރު ކުންފުނި ރޯލްސް ރޮއިސް އިން، އިންޑިއާގެ އެޑްވާންސްޑް މީޑިއަމް ކޮމްބެޓް އެއާކްރާފްޓް (އޭއެމްސީއޭ) ސްޓެލްތް ފައިޓާ ޕްރޮގްރާމަށް ބޭނުންވާ ނެކްސްޓް ޖެނެރޭޝަން އިންޖީނުތައް އުފެއްދުމަށް ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގެ ދަށުން އިންޑިއާއަކީ އެ ކުންފުނީގެ ދެވަނަ ”ހޯމް މާކެޓް“ ކަމުގައި ހެދުމަށް ވަނީ ނިންމާފައެވެ.
ރޯލްސް ރޮއިސް އިން ބުނެފައިވަނީ އިންޑިއާގެ ތެރޭގައި އިންޖީނުތައް ޑިޒައިންކޮށް، ތަރައްގީކޮށް އަދި އުފެއްދުމަށް އެ ކުންފުނި ތައްޔާރަށް އޮތް ކަމަށެވެ. މީގެ އިތުރުން، އިންޑިއާގެ ދިފާއީ ވުޒާރާއިން އެދެމުންދާ ފަދައިން، ފުރިހަމަ ޓެކްނޮލޮޖީ ޓްރާންސްފާ އާއި އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ހިއްސާކުރުމަށް ވެސް އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.
ރޯލްސް ރޮއިސް އިންޑިއާގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ސަޝީ މުކަންދަން ޕީޓީއައި އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އޭއެމްސީއޭ އަށް ބޭނުންވާ ހާއްސަ ޕްރޮޕަލްޝަން ސިސްޓަމެއް ބިނާކުރުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އަދި މި އިންޖީނުގެ ކޯ ބޭނުންކޮށްގެން ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް ބޭނުންވާ ޓާބައިންތަކާއި އިލެކްޓްރިކް ޕްރޮޕަލްޝަން ސިސްޓަމްތައް ވެސް އުފެއްދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ފައުޖުތައް މިހާރު ހުރީ ހުންނަންޖެހޭ މިންވަރަށް ވުރެ ދަށުގައެވެ. މިގޮތުން ހުންނަންޖެހޭ 42 ސްކޮޑްރަންގެ ބަދަލުގައި މިހާރު އޮތީ 31 ސްކޮޑްރަންއެވެ. ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާއިން ލިބެންޖެހޭ ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އަމިއްލަ އަށް އިންޖީނު އުފެއްދުމުގެ މި މަޝްރޫއަކީ އިންޑިއާގެ ވައިގެ ބާރު ވަރުގަދަކުރުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެއެވެ.
މިދިޔަ މެއި 2025 ގައި އިންޑިއާއިން ވަނީ އޭއެމްސީއޭގެ ޕްރޮޓޯޓައިޕް ފާސްކޮށްފައެވެ. ރޯލްސް ރޮއިސްގެ މި ހުށަހެޅުމަކީ އިންޑިއާ އާއި އިނގިރޭސިވިލާތުގެ ދިފާއީ ގުޅުމަށް އައި ބޮޑު ބަދަލެއް ކަމަށާއި، މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކަށް ވެސް ޓެކްނޮލޮޖީ ހިއްސާކުރުމަށް މަޖުބޫރުވެގެންދާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ.






