ޗައިނާގެ ގުއަންޒީ ސަރަހައްދުގެ ހެޒޯގެ ޒޮންގްޝަން ކައުންޓީގައި ހުރި ފައްޅިއެއް ތަޅާލުމަށް ހިންގި އޮޕަރޭޝަނެއްގައި، ފުލުހުންނާއި އާންމުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ އާންމުންނާ ދެކޮޅަށް ކަރުނަގޭސް ކަހަލަ ގޭސް ބޭނުންކޮށްފައެވެ.
ޒޮންގްޝަން ކައުންޓީގެ ލޯންގްފޫ ފައްޅިއަކީ އެތައް އަހަރެއް ވަންދެން ވީރާނާވެފައި ހުރުމަށްފަހު، 2024 ވަނަ އަހަރު އެ އަވަށުގެ ރައްޔިތުން ގާނޫނީ އިމުގެ ތެރެއިން އަލުން ބިނާކުރި ތަނެކެވެ. ނަމަވެސް، ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ސަރުކާރުން ވަނީ އެއީ ”ޣައިރު ގާނޫނީ ބިނާއެއް“ ކަމަށް ކަނޑައަޅައި، އެތަން ތަޅާލުމަށް އަމުރުކޮށްފައެވެ.
ފައްޅި ތަޅާލުމަށް 100 އަށްވުރެ ގިނަ ފުލުހުންނާއި، ފަޔަރ ފައިޓަރުން އަދި ސިއްހީ އެހީތެރިން އެ ސަރަހައްދަށް ޖަމާވިއެވެ. މި އަމަލު ހުއްޓުވުމަށް އަވަށުގެ ފިރިހެނުން ފައްޅީގެ ބޭރުގައި އިންސާނީ ފާރެއް ހެދިއިރު، އަންހެނުން ވަނީ ފައްޅީގެ އެތެރޭގައި ތިބެ ދޮރުތައް ތަޅުލާފައެވެ. ފުލުހުން ވަނީ ލަޓިބުރިއާއި އައްޑަނަ ބޭނުންކޮށްގެން މީހުން ދުރުކޮށް، މަދުވެގެން ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުންނަށް ފައްޅީގެ އެތެރެއަށް ނުވަދެވުމުން، އެތެރޭގައި ތިބި އަންހެނުން ބޭރަށް ނެރުމަށްޓަކައި ވަނީ ފައްޅީގެ ތެރެއަށް ގޭސް ޖަހާފައެވެ. އަންހެނުން ބޭރަށް ނިކުތުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބިނާ އެއްކޮށް ތަޅާލާފައެވެ.
އަވަށުގެ ރައްޔިތުން ބުނާ ގޮތުގައި އެ ފައްޅިއަކީ އެތައް ޖީލެއް ވަންދެން އެތަނުގައި ހުރި ތަނެކެވެ. އަދި އެތަން އަލުން ބިނާކުރީ ދަނޑުވެރިންގެ ކުދިކުދި އެހީތަކުންނެވެ. ފައްޅި ބިނާކުރަމުން ދިޔައިރު ސަރުކާރުން އެއްވެސް އިއުތިރާޒެއް ކޮށްފައި ނުވާކަންވެސް ރައްޔިތުން ފާހަގަކުރެއެވެ.






