ޔަމަނުގެ މައްސަލައިގައި ސައުދީ އާއި ޔޫއޭއީގެ ގުޅުމަށް ބޮޑެތި ބުރޫތަކެއް އަރައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 9, 2026

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާ ދެމެދު އޮތް ގުޅުން ގޯސްވެ، ޔަމަނުގެ ހަނގުރާމައިގެ ތެރެއިން ދެ ގައުމުގެ މެދުގައި އޮތް އިތުބާރު ކުޑަވެފައިވާކަން ހާމަވެއްޖެއެވެ. މިކަން ބޮޑަށް ފާހަގަވެގެން ދިޔައީ ޔޫއޭއީން ތާއީދުކުރާ ސަަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އަށް އަމާޒުކޮށް ސައުދީން ދިން ހަމަލާއަކާ ގުޅިގެންނެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ކުރިމަތިލުމުން ފެންނަނީ އަބޫދާބީން ސަރަހައްދީ ގޮތުން ގެންގުޅޭ މިނިވަން ހަންފެތުރުމުގެ އެޖެންޑާއާ މެދު ރިޔާޟުން ކަންބޮޑުވާ މިންވަރެވެ. އޭގެ ތެރޭގައި އިޒްރޭލާއެކު ޔޫއޭއީން ބާއްވާ ގާތް ގުޅުމާއި، ސޫދާނާއި އެފްރިކާގެ ދަޅުގެ މައްސަލަތަކުގައި ދެ ގައުމުގެ ސިޔާސަތު ތަފާތުވުމުގެ އިތުރުން، ޔަމަނުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ބާޣީ ޖަމާއަތްތަކަށް ޔޫއޭއީން ދޭ އެހީތެރިކަން ހިމެނެއެވެ.

ސައުދީން ދިން ހަމަލާ އަމާޒުކޮށްފައިވަނީ އެސްޓީސީއަށް ގެންދިޔަ ޔޫއޭއީގެ އަސްކަރީ ސާމާނުތަކަކަށެވެ. މިއީ ޔަމަނުގެ ދެކުނުގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ގުރޫޕްތަކަށް އަބޫދާބީން އެހީތެރިވާތީ، އެކަމާ މެދު ސައުދީން އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށްދިން އަމަލެކެވެ. ޔަމަނުގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސައުދީގެ މައިގަނޑު އަމާޒަށްވާއިރު، ޔޫއޭއީގެ ސިޔާސަތުތަކުގެ ސަބަބުން މި އިއްތިހާދަށް ވަނީ ފާއިތުވި އަހަރުތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި އިއްތިހާދު މުޅިން ރޫޅިގެންދާނެ ކަމަށް ނުބެލެވުނު ނަމަވެސް، ޔަމަނުގެ ކުރިމަތިލުންތަކުން ދޭހަވަނީ ގަލްފުގެ މި ބާރުގަދަ ކޯލިޝަނުގެ ބަލިފައިތަކެވެ. ސައުދީ އަރަބިއްޔާއިން ދެކޭ ގޮތުގައި ޔަމަނަކީ އެ ގައުމުގެ ސަލާމަތަށް އެންމެ މުހިންމު ސަރަހައްދެވެ. އެހެންކަމުން، އެ ސަރަހައްދުގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ޔޫއޭއީން ބާއްވާ ގާތް ގުޅުމަކީ ރިޔާޟުގެ ސަލާމަތީ މަސްލަހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަނީ ބެލެވެން ފަށާފައެވެ.

 

މި ލިޔުމާ ގުޅޭ