ހިންދޫންނަށް އަމާޒުކޮށްދޭ ހަމަލާތަކާ މެދު އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 10, 2026

ބަންގްލަދޭޝްގައި ދިރިއުޅޭ ހިންދޫންނަށް އަމާޒުކޮށް ސިލްސިލާ ގޮތެއްގައި ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާތަކުގައި ހިންގާފައިވާ މީހުން މެރުމާއި ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތަކާ ގުޅިގެން، ބަންގްލަދޭޝްގައި އުޅޭ މައިނޯރިޓީ ނުވަތަ މަދު އަދަދެއްގެ މީހުން އުޅޭ މުޖުތަމައުތަކަށް ވަރުގަދަ ރައްކާތެރިކަމެއް ދިނުމަށް ނިއުދިއްލީން ވަނީ ގޮވާލާފައެވެ.

މި ހާދިސާތައް ހިނގަމުން މިދަނީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ގައުމުގެ ވަގުތީ ސަރުކާރަށް ވަނީ އާންމުންގެ މެދުގައި ހިންގާ ހަމަނުޖެހުންތަކާއި، ގަސްދުގައި ރޯކުރުމާއި، އަދި ހިންދޫ އާއިލާތަކަށާއި ފައްޅިތަކަށް ބިރުދެއްކުމުގެ އަމަލުތައް ހުއްޓުވުމުގައި ނުކުޅެދިފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، މި ހަމަލާތަކަކީ އެ ގައުމުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ތަކުރާރުކޮށް ކުރިމަތިވާ ދީނީ ނުތަނަވަސްކަމުގެ ބައެކެވެ. މިފަދަ ދަނޑިވަޅުތަކުގައި މައިނޯރިޓީ ގްރޫޕްތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަންގްލަދޭޝްގައި އާންމުވަމުންދާ ކަމެއްގެ ގޮތުގައި އެ ޖަމާއަތްތަކުން ސިފަކުރެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ވަނީ މި ހަމަލާތަކަށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، މައިނޯރިޓީ މުޖުތަމައުތަކުގެ މެދުގައި އޮތް ބިރުވެރިކަން ނައްތާލައި އިތުބާރު ގާއިމުކުރުމަށް ބަންގްލަދޭޝް ސަރުކާރަށް ބާރުއަޅާފައެވެ. އަދި މިފަދަ ހަމަނުޖެހުންތައް މެދުނުކެނޑި ކުރިއަށްދާނަމަ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަރާފާނެ ކަމުގެ އިންޒާރުވެސް އިންޑިއާއިން ވަނީ ދީފައެވެ.

މި މައްސަލައިގައި ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަންވެސް މިކަމަށް ވަނީ ހުއްޓިފައެވެ. އިންޑިއާ ސަރުކާރުން ދަނީ ބަންގްލަދޭޝްގައި ތިބި އިންޑިއާ ރައްޔިތުންނާއި ހިންދޫންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޑިޕްލޮމެޓިކް އުސޫލުން މަސައްކަތް ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ