އިޒްރޭލަކީ އަރަބި ލީގުގެ މެންބަރަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެ، ދުބާއީގެ ފުލުހުންގެ ނައިބު ރައީސް ލެފްޓިނެންޓް ޖެނެރަލް ދާހީ ޚަލްފާން ތަމީމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ. ޔޫއޭއީގެ ވެރިންނާ ގާތްނުފޫޒުގަދަ މި ޝަހުސިއްޔަތު މިފަދަ ހުށަހެޅުމެއް ހުށަހެޅުއްވީ ދާދިފަހުން އާންމުވި ވީޑިއޯ ކްލިޕެއްގައެވެ.
ޚަލްފާން ވަކާލާތު ކުރެއްވި ގޮތުގައި އިޒްރޭލު މީހުންނަކީ ޔޫރަޕުން ނުވަތަ އެމެރިކާއިން އައި ބައެއް ނޫން ކަމަށާއި، އެއީ ”މި ބިމުގެ ދަރިން“ ކަމަށެވެ. އަދި މިހާރު އޮތް ގޮތަށް އަރަބި ލީގު އޮތުމުން އަރަބި ގައުމުތަކަށް ލިބޭ ފައިދާއާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ހުށަހެޅުއްވީ އިޒްރޭލު ހިމެނޭ ގޮތަށް އެ ޖަމާއަތުގެ ނަން ”މިޑްލް އީސްޓް ސްޓޭޓްސް“ ފަދަ ނަމަކަށް ބަދަލުކުރުމަށެވެ.
ޖެނުއަރީ 2026 ގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ވާހަކަތަކާ ގުޅިގެން އަރަބި ދުނިޔޭގެ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ސިފަކުރި ގޮތުގައި މިއީ ފަލަސްތީނުގެ ހައްގުތަކަށާއި އަރަބި ގައުމުތަކުގެ ސަގާފީ އުސޫލުތަކަށް ބެލުމެއް ނެތް، އިޒްރޭލާއެކު އޮންނަ ސަހުޔޫނީ ގުޅުން އާދަޔާ ހިލާފަށް ބަދަހިކުރުމަށް ކުރާ މަސައްކަތެކެވެ.
މި ހުށަހެޅުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، އަރަބި ލީގަކީ ތާރީޚީ ގޮތުން އިޒްރޭލާ ދެކޮޅަށް އުފައްދާފައިވާ ޖަމާއަތަކަށް ވާއިރު، މިފަދަ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޚަލްފާންގެ މި ހިޔާލާ ގުޅިގެން ޔޫއޭއީގެ ސަރުކާރުން ނުވަތަ އަރަބި ލީގުން މިހާތަނަށް ރަސްމީ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި މައްސަލައަކީ މެދުއިރުމަތީގައި އެއް ދީނެއް އުފެއްދުމަށް އަރަބި ޒަޔަނިސްޓުން. ބައިވެރިވާ އިބްރާހީ މުއާހަދާގެ ބައެކެވެ.






