އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ މެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ. މި ރިޕޯޓުގައިވާ ގޮތުން އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން، ތެހެރާންގެ އަސްކަރީ ނޫން އަމާޒުތަކަށް ހަމަލާދިނުމުގެ އިޚްތިޔާރުތަކާ ބެހޭގޮތުން ރައީސް ޓްރަމްޕަށް ވަނީ ބަޔާނެއް ދީފައެވެ.
ނިއުޔޯކް ޓައިމްސްއިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، އީރާނަށް ހަމަލާދިނުމާ މެދު ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވި ނަމަވެސް، އީރާނު ސަރުކާރުން މުޒާހަރާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ރައްދު ދިނުމުގެ ގޮތުން އަސްކަރީ ފިޔަވަޅެއް އެޅުމުގެ ހުއްދަ ދިނުމާ މެދު އޭނާ ގެންދަވަނީ ސީރިއަސްކޮށް ވިސްނަވަމުންނެވެ.
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް މިހާރު 13 ދުވަސް ވެފައިވާއިރު، މިހާތަނަށް ހިނގި ކުރިމަތިލުންތަކުގައި 15 ސަލާމަތީ ބާރުގެ މެންބަރުން ހިމެނޭހެން 65 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އެމެރިކާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ޓައިމް މެގަޒިންއިން ދައުވާކުރާ ގޮތުގައި މި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 217 އަށް އަރާފައެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިން މަރަމުންދާނަމަ އީރާނުގެ ލީޑަޝިޕަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ”އީރާނު މިހާރު އޮތީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ މިނިވަންކަމަކަށް ބޭނުންވެފައި“ ކަމަށާއި، އެކަމުގައި އެހީތެރިވުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ.






