ދުބާއީގެ ލަގްޒަރީ ހޮޓާތަކުގައި އަންހެނުން ސިއްރުން ފިލްމުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކާ ގުޅިގެން ބޮޑު ހައިޖާނެއް އުފެދިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ދުބާއީ ފުލުހުންގެ ކުރީގެ ވެރިޔާ ދާހީ ޚަލްފާން ތަމީމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އަރަބި ބަހުން ޝާއިރުކުރާ ”މަޖައްލާ މީމް“ އިން އެކްސް ގައި އާންމުކުރި ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ދުބާއީގައި ހިންގަމުންދާ މި އަމަލަކީ ޖެފްރީ އެޕްސްޓީންގެ މައްސަލައާ އެއްފަދަ ބޮޑު ޖަރީމާއެކެވެ. މި ޕޯސްޓާއެކު އާންމުކޮށްފައިވާ 2.5 މިނެޓުގެ ވީޑިއޯ ކްލިޕެއްގައި، ހޮޓާތަކުގެ ސިއްރު ތަންތަނުގައި ކެމެރާ ހަރުކޮށްގެން އަންހެނުން ގެ މަންޒަރު ރެކޯޑުކުރާ ކަމުގެ ހެކި ހުރި ކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި ދާހީ ޚަލްފާންގެ މައްޗަށް ތުހުމަތުތައް އަމާޒުވެފައިވަނީ، މީގެ ކުރިން އޭނާ ކުރެއްވި ކަމަށް ބުނާ ޓްވީޓަކާ ގުޅުވައިގެންނެވެ. އެ ޓްވީޓުގައި މުސްލިމް އަންހެނުންގެ އޮރިޔާން ފޮޓޯ އާންމުކުރާނެ ކަމުގެ އިންޒާރު އޭނ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރު ފެންމަތިވެފައިވާ ސިއްރު ކެމެރާގެ މައްސަލައަކީ އެ އިންޒާރުތަކުގެ އަމަލީ ސިފަ ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި ޚަބަރާއެކު އަރަބި ދުނިޔޭގެ ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ގިނަ ބަޔަކު މި އަމަލު ކުށްވެރިކޮށް، މިއީ ”ލަދުވެތި އަދި ޖިނާއީ“ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި ޔޫއޭއީ ބޮއިކޮޓް ކުރުމަށާއި، އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
މީގެ އިތުރުން، ބައެއް މީހުން ވަނީ ދުބާއީއަށް ދަތުރުނުކުރުމަށް އާއިލާތަކަށް އިންޒާރު ދީފައެވެ. މި މައްސަލަ ފެންމަތިކުރި ”މަޖައްލާ މީމް“ އަކީ އަރަބި ދުނިޔޭގެ އިޖުތިމާއީ އަދި ސަގާފީ މައްސަލަތަކަށް ބަހުސްކުރާ މަޖައްލާއެކެވެ. މި ޕޯސްޓަށް މިހާތަނަށް މިލިއަން ވިއުސް ލިބިފައިވާއިރު، މި މައްސަލައިގައި ޔޫއޭއީގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.






