ބަދުއަޚުލާގީ ފޮޓޯ އުފައްދާތީ އިންޑޮނޭޝިއާ އާއި މެލޭޝިއާއިން ގްރޮކް މަނާކޮށްފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 13, 2026

އިލޮން މަސްކްގެ އެކްސް އޭއައި ކުންފުނިން އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް ’ގްރޮކް‘ ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ބަދުއަޚުލާގީ ފޮޓޯތައް އުފައްދަމުންދާ މައްސަލައިގައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް އެ އެޕްލިކޭޝަން އިންޑޮނޭޝިއާ އާއި މެލޭޝިއާއިން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އާދައިގެ ލިޔުންކޮޅެއް ބޭނުންކޮށްގެން ހަގީގީ ފޮޓޯތަކާ އެއްގޮތް ފޭކު ފޮޓޯ އުފެއްދުމުގެ ގާބިލުކަން މި ޓޫލްއަށް ލިބިފައިވުމުން، އޭގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑޮނޭޝިއާ ސަރުކާރުން  ހޮނިހިރު ދުވަހު ގްރޮކް ބްލޮކްކޮށްފައިވާއިރު، މެލޭޝިއާއިން އެ ފިޔަވަޅު އަޅާފައިވަނީ އާދީއްތަ ދުވަހުއެވެ. ދެ ގައުމުގެ ރެގިއުލޭޓަރީ އިދާރާތަކުން ހާމަކުރި ގޮތުގައި، ގްރޮކްގައި މިހާރު ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ މިފަދަ ބަދުއަޚުލާގީ ތަސްވީރުތައް އުފެއްދުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޫނެވެ.

އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު ހާފިޒް ވިދާޅުވީ، ”އިޒުނައަކާ ނުލައި އޭއައި ބޭނުންކޮށްގެން އުފައްދާ ޖިންސީ ފޮޓޯތަކަކީ އިންސާނީ ހައްގުތަކާއި، އިންސާނާގެ ކަރާމާތާއި، ޑިޖިޓަލް ދުނިޔޭގައި އެމީހުންގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް“ ކަމަށެވެ. މި ނިންމުމުގެ މައިގަނޑު މަގްސަދަކީ އަންހެނުންނާއި ކުޑަކުދިން މިފަދަ ނޭދެވޭ އަމަލުތަކުން ސަލާމަތްކުރުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މެލޭޝިއާގެ މުވާސަލާތީ އިދާރާއިން ބުނީ އެކްސް އަދި އެކްސް އޭއައި ކުންފުންޏަށް މިކަމާ ގުޅޭގޮތުން އިންޒާރު ދިނުމުންވެސް، އެ ކުންފުނިން ބަރޯސާވަނީ ހަމައެކަނި ޔޫޒަރުން ރިޕޯޓްކުރާ ނިޒާމަކަށް ކަމަށެވެ. އެހެންކަމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެންނާއި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅެންދެން ގްރޮކް ބޭނުންކުރުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ މީޑިއާ ރެގިއުލޭޓަރު ’އޮފްކޮމް‘ އިންވެސް ވަނީ އެކްސް ޕްލެޓްފޯމް ތަހުގީގު ކުރަން ފަށާފައެވެ. އެ އިދާރާއިން ބުނި ގޮތުގައި ގްރޮކް ބޭނުންކޮށްގެން މީހުންގެ އޮރިޔާން ފޮޓޯ އުފައްދާކަމުގެ ރިޕޯޓްތައް ލިބެމުންދާތީ، އެއީ ގާނޫނާ ޚިލާފު އަމަލެއްތޯ ބަލާނެއެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއަރް ސްޓާމާ މިކަމާ ގުޅިގެން ވިދާޅުވީ ގްރޮކްއިން އުފައްދާ ފޮޓޯތަކަކީ ”ފަކުރުގަންނަ ފަދަ އަދި ޣައިރު ގާނޫނީ“ އެއްޗެހި ކަމަށާއި، އެކްސް އިން މި ޗެޓްބޮޓް ކޮންޓްރޯލް ކުރަންޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން އޮފްކޮމްއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ