ދެކުނު ކޮރެއާގައި މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު އިއުލާންކުރަން ކުރި މަސައްކަތް ނާކާމިޔާބުވި މައްސަލައިގައި، އެ ގައުމުގެ ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް ފަސް އަހަރަށް ޖަލަށް ލުމަށް ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހުކުރު ދުވަހު ހުކުމްކޮށްފިއެވެ.
ޔޫންގެ މައްޗަށް މި ހުކުމް އައީ، އޭނާ އިއުލާންކުރި މާޝަލް ލޯއާ ގުޅިގެން ތަހުގީގު ހިންގުމަށް ކޯޓުން ނެރުނު ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރުމަށް ހުރަސްއެޅި މައްސަލައިގައެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، ގާނޫނީ އަމުރަށް ހުރަސް އެޅުމަށްޓަކައި ޔޫން ވަނީ ރިޔާސީ ސަލާމަތީ ހިދުމަތްތައް ނެރެ، ކަމާބެހޭ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އަޅުއްވާފައެވެ.
މީގެ އިތުރުން، ރަސްމީ ލިޔެކިޔުންތައް އުފެއްދުމާއި، މާޝަލް ލޯ އިއުލާން ކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ މަރުހަލާތަކަށް އަމަލުނުކުރުމުގެ ދައުވާ ވެސް ޔޫންގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ޔޫން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރު 3،000 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި މަގާމުގައި ހުންނެވި ރައީސަކު މިފަދަ ގޮތަކަށް ހައްޔަރުކުރެވުނު ފުރަތަމަ ފަހަރެވެ.






