ޤުރުއާނަކީ ހަމައެކަނި ބަރަކާތް ހޯދުމަށް އޮތް ފޮތެއް ހެއްޔެވެ؟

އިބްރާހީމްް ސަމީރު
ޖެނުއަރީ 16, 2026

ކީރިތި ޤުރުއާނަކީ މާތްﷲ އިންސާނިއްޔަތަށް ފޮނުއްވި އެންމެ މަތިވެރި ނޫރެވެ. އެއީ ހިދާޔަތާއި، އިލްމާއި، ޙިކުމަތުގެ ކަނޑެކެވެ. ނަމަވެސް، މިއަދުގެ މުސްލިމު މުޖުތަމައުތަކަށް ބަލާއިރު، ޤުރުއާނާ މެދު އަހަރެމެން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

ގިނަ ފަހަރަށް އަހަރެމެންނަށް ޤުރުއާން ތަޞައްވުރު ކުރެވެނީ ހަމައެކަނި ބަރަކާތް ހޯދުމަށް ގޭގައި ބާއްވާ ނުވަތަ މީހުން މަރުވީމަ ކިޔަވާލަން އޮންނަ ފޮތެއްގެ ގޮތުގައެވެ. ޤުރުއާނަކީ މަގުދައްކައިދޭ އަދި އިލްމު އުނގަންނައިދޭ ފޮތެއްގެ ގޮތުގައި ދެކޭ މިންވަރު މިއަދުގެ މުސްލިމުންގެ މެދުގައި މިވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

އަހަރެމެން ޤުރުއާނުގެ މުޤައްދަސްކަމަށް އީމާންވަމުއެވެ. އެ ފޮތަށް ނުހަނު އިޙްތިރާމް ކުރަމުއެވެ. ނަމަވެސް، ޤުރުއާނަކީ އަހަރަމެންގެ ކަންކަން ކަނޑައެޅުމަށް އޮތް ތަންފީޒީ ބާރަށް ނުވަތަ އޭގެ ބާރުވެރިކަމާއި ނުފޫޒަށް އީމާންވާ މިންވަރު ކުޑައެވެ.

އަހަރެމެން ޤުރުއާނުގެ ނަތީޖާއަށް ފުރިހަމައަށް އީމާންވާ ނަމަ، މިއަދު ޔުނިވަރސިޓީތަކާއި، ދިރާސާކުރާ މަރުކަޒުތަކާއި، ސައިންޓިފިކް އިދާރާތަކުން ޤުރުއާނުގެ އަލީގައި ކަންކަން ހޯދައި ބަލަމުންދާނެއެވެ. އެހެނަސް، ހިތާމައަކީ އަހަރެމެން ޤުރުއާން މި ބާއްވަނީ އެއީ ހަމައެކަނި ހިތުން ދަސްކުރާ ކިލާސްތަކުގައި ކިޔަވަން އޮންނަ އެއްޗެއްގެ ގޮތުގައެވެ.

ޤުރުއާނުގެ އަކުރުތައް ރީތިކޮށް ކިޔަވައި، އޭގެ ބޭރުފުށުގެ ސިފަތަކަށް އަހަރެމެން ނުހަނު ލޯބިކުރަމުއެވެ. ނަމަވެސް، އޭގެ އެތެރޭގެ ފުން މާނަތަކާއި، އޭގައިވާ ފުން އިލްމުތަކާ ހަމައަށް ދާންޖެހުމުން، އަހަރެމެން އެކަމުން ރެކެން މަސައްކަތް ކުރަމުއެވެ. އެއަށް އަމަލު ކުރަން އަހަރަމެންނަށް އުދަގޫ ވެއެވެ. އޭގައި ހުރި ޙުކުމްތަކުގެ ވާހަކަ ދެއްކުމުން ކަންފަތަށް އުދަގޫ ވެއެވެ.

މިއީ މިކަން އޮންނަންވީ ގޮތް ހެއްޔެވެ؟

މިއަދު ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ދަރިންނަށް ކުޑައިރު ޤުރުއާން ކިޔަވައިދީ، ހިތުދަސްކުރުވަން ބޭނުންވެއެވެ. އެއީ ނުހަނު މަތިވެރި އަދި މުހިންމު ކަމެކެވެ. ސަރުކާރުން އިނާމު ލިބޭނެ ކަމެކެވެ. ނަމަވެސް، އެ ކުދިން ބޮޑުވެ ޔުނިވަރސިޓީތަކުގެ މަރުހަލާއަށް ދާއިރު، އެކުދިން އުނގެނޭ މާއްދާތަކުންނާއި ކުރާ ދިރާސާތަކުގައި ޤުރުއާނުގެ ދައުރެއް ނުފެނެއެވެ. ޤުރުއާންގެ އިލްމާއި ޙިކުމަތް ތަންފީޒު ކުރާތަނެއް ނުފެނެއެވެ.

މުޖުތަމައުގެ އިލްމާނީ ލާދީނީ އޮއިވަރާއެކު ތަޢުލީމީ މުއައްސަސާތަކުން ބުނަނީ ޤުރުއާނަކީ ހަމައެކަނި ދީނީ ފޮތެއް ކަމަށެވެ. އެތަންތާނގައި ތިބި މީހުންނަކީވެސް އެއަށް އަހުލުވެރިވެފައިވާ ބަޔެއް ނޫނެވެ. އަދި އެމީހުން ދެކެނީ ސައިންސާއި ޓެކްނޮލޮޖީއަކީ އެއާ ވަކިން އޮތް އެއްޗެއް ކަމަށެވެ.

ޤުރުއާނަކީ ސައިންސާ ވާދަކުރަން ބާވައި ލައްވާފައިވާ ފޮތެއް ނޫނެވެ. އަދި ސައިންސާ ދެކޮޅު އެއްޗެއްވެސް ނޫނެވެ.

ޙަޤީޤަތަކީ، ޤުރުއާނަކީ ސައިންސަށް މަގުދައްކައިދޭން އޮތް ފޮތެއް ކަމެވެ. ސައިންސަކީ ކަންކަން ހިނގާ ގޮތް   ހޯދައިދޭ އެއްޗެއް ކަމުގައިވާނަމަ، ޤުރުއާނަކީ އެކަންކަން ހިނގުމުގެ މަޤްޞަދާއި، އޭގެ ޙަޤީޤީ އިލްމު އަންގައިދޭ ފޮތެވެ. އެހެންކަމުން، ޤުރުއާނަކީ ހަމައެކަނި ހުކުރު ދުވަހު ކިޔަވާލައި ބަރަކާތް ހޯދަން އޮތް ފޮތެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެއީ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް މަގުދައްކައިދޭ، އަދި އިލްމީ ހޯދުންތަކުގެ އަސާސް ކަމުގައި ހަދަންޖެހެއެވެ. ޤުރުއާނުގެ ހިދާޔަތަކީ އިންސާނާގެ ޢަޤްލާއި ފިކުރު ތަރައްޤީކޮށްދޭ އެންމެ ވަރުގަދަ ބާރެވެ.

 

 

މި ލިޔުމާ ގުޅޭ