އިސްލާމްދީނުގައި އިޞްލާޙްކުރުމަކީ ފަސާދަ ފެތުރިފައިވާ މުޖުތަމަޢުތަކުގައި ޢަދުލުވެރިކަމާއި، ޙައްޤުގޮތާއި، ހަމަހަމަކަން އަލުން ޤާއިމުކުރުމެވެ. ކީރިތި ޤުރުއާނުގައި އިޞްލާޙްކުރުމަށް މަސައްކަތްކުރާ މީހުންނާއި ސުލްޙަވެރިކަން އިސްކުރާ މީހުންނަށް މަތިވެރި ދަރަޖައެއް ދެއްވާފައިވެއެވެ. ނަމަވެސް، މިއަދުގެ ދުނިޔޭގައި ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީ ނަތަންޔާހޫ ފަދަ ލީޑަރުން އަމިއްލަ މުޖުތަމައުތައް ފަސާދަކުރުމަށްފަހު މި ނިކުންނަނީ މުސްލިޙޫންގެ ގޮތުގައި އީރާން އިސްލާޙު ކުރާށެވެ.
މިމީހުންނަކީ އެމީހުންނާ މެދު ބަޤަރާ ސޫރަތުގައިވެސް ބަޔާން ވެގެންވާ މީހުންނެވެ.
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١﴾ އަލްބަޤަރާ
އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ އިޞްލާޙު ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
މޫސާގެފާނާއި ފިރުޢައުނުގެ ވާހަކައަކީ އިޞްލާޙަށް ގޮވާލުމުގެ މަތިވެރި މިސާލެކެވެ. މޫސާގެފާނު ފޮނުއްވުނީ އަމިއްލަ ނަފްސަކީ ކަލެއްކަމަށް ދަޢުވާކޮށް، ބާރުދައްކައި ބަލިކަށި މީހުންނަށް އަނިޔާވެރިވަމުންދިޔަ ފިރުޢައުނުގެ ގާތަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށް އަމުރުކުރެއްވިއެވެ.
اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ﴿٤٣﴾ ތާހާ
ފިރްޢައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ.
މި މިޝަނަކީ ހަމައެކަނި އިސްރާއީލުގެ ދަރިކޮޅު މިނިވަންކުރުމެއް ނޫނެވެ. އެއީ ބޮޑާކަމާއި އަނިޔާވެރިކަމުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ގޮންޖަހައި، އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުމަށް ގޮވާލައި، މުޖުތަމަޢު އިޞްލާޙްކުރުމަށް މޫސާގެފާނު ދެއްވި ދަޢުވަތެކެވެ.
ކީރިތި ޤުރުއާނުގައި އިޞްލާޙްކުރުމާ މެދު ދެކޭގޮތަށް ބަލާއިރު، ދުނިޔޭގެ ތަބީޢީ ޙާލަތަކީ އަމާންކަމާއި ތަރުތީބެވެ. އިންސާނުން އެ ތަރުތީބު ފަސާދަކޮށްގެން ނުވާނެއެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾ އައްލަޢުރާފް
”ބިން އިޞްލާޙު ކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި ބިރުވެތިވެ، އެދުންވެ ތިބޭ ޙާލު، އެކަލާނގެއަށް ތިޔަބައިމީހުން ދުޢާ ކުރާށެވެ! ހަމަކަށަވަރުން، ﷲގެ ރަޙްމަތްފުޅުވަނީ، އިޙްސާންތެރިންނާ ގާތުގައެވެ.“
ޙަޤީޤީ އިޞްލާޙްކުރާ މީހުންނަކީ ފަސާދައާ ދެކޮޅަށް ތެދުވެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ މީހުންނެވެ.
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ ﴿١١٠﴾ އާލަޢިމްރާން
މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ.
މިއީ ﷲގެ ޚަލީފާއިންނަށް އެކަލާނގެ އަމުރުފުޅެވެ. މުސްލިމުން ދުނިޔެއަށް ގެއްލުމުން ޓްރަމްޕާއި ނަތަންޔާހޫ މި ފާޅުވެ އިޘްތިހާރު ވަނީ ސުލްޙަވެރިންގެ ގޮތުގައެވެ. އަދި އެމީހުންގެ ޖަރީމާތަކާއި ދެފުށް ދެގޮތް ސިފައާ ބެހޭ ގޮތުން މުސްލިމުންނަށް ބަހެއް ބުނެވޭނެހައި ހިތްވަރެއްވެސް ނެތެވެ.
ފަލަސްޠީނުގެ ބިންތަކުގައި ޖެނޮސައިޑް ހިންގަން ހަތިޔާރުދީ އެކަމަށް ވާގިވެރިވެ ލޭއޮހޮރުވުން ކުރިއަށްގެންދާ ޓްރަމްޕާއި ނަތަންޔާހޫ ފަދަ މީސްމީހުންގެ އަމަލުތަކަކީ މުސްލިމުންނަށް އިޞްލާޙެއް ނޫނެވެ. އެއީ ފާޅުކަން ބޮޑު ފަސާދައެކެވެ.
މި ނުކުތާގައި ވާހަކަ ދައްކާއިރު އެންމެ ހެއްވާކަމަކީ އިސްލާމީ ދިދަ ނަގާ ޕާކިސްތާނުގެ ވެރިން ޓްރަމްޕަށް ސުލްހައިގެ އިނާމު ދިނުމަށް ފައިވިއްދައި އެކަމަށް ވަކާލާތު ކުރި ކުރުމެވެ.
މުސްލިމުން ހޭލާނީ ކޮން އިރަކުން ހެއްޔެވެ؟
އިޞްލާޙްކުރާ މީހުންގެ ސިފަތައް ބަޔާންކުރައްވަމުން ﷲ ވަޙީކުރައްވާފައިވެއެވެ.
وَالَّذِينَ يُمَسِّكُونَ بِالْكِتَابِ وَأَقَامُوا الصَّلَاةَ إِنَّا لَا نُضِيعُ أَجْرَ الْمُصْلِحِينَ ﴿١٧٠﴾ އަލްޢައުރާފް
ފޮތުގައި ހިފަހައްޓައި، ނަމާދު ޤާއިމް ކޮށް އުޅުނު މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އިޞްލާޙު ކުރާމީހުންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.






