ޕާކިސްތާނުގައި ޑިޖިޓަލް ސެންސަރޝިޕް ވަރުގަދަކޮށް، ރައްޔިތުންގެ މުއާމަލާތްތައް ބެލެހެއްޓުން ފުޅާކޮށްފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 17, 2026

ޕާކިސްތާނުގެ ސަރުކާރުން އެގައުމުގެ ޑިޖިޓަލް ނިޒާމުގެ ތެރެއަށް އަތްގަދަކޮށް، ރައްޔިތުންގެ އިންޓަނެޓް ބޭނުންކުރުމާއި މުއާމަލާތްތައް މޮނިޓަރކުރުން އިންތިހާއަށް އިތުރުކޮށްފިއެވެ. މިއީ އެގައުމުގެ ތާރީޚުގައިވެސް ޑިޖިޓަލް މިނިވަންކަމަށް އެންމެ ބޮޑަށް ހުރަސްއެޅިގެންދާ ދުވަސްވަރުގެ ގޮތުގައި މުހައްލިލުން ފާހަގަކުރެއެވެ.

2024 ވަނަ އަހަރުން ފެށިގެން ޕާކިސްތާނު ސަރުކާރުން ވަނީ ޗައިނާގެ އެހީގައި ތައްޔާރުކޮށްފައިވާ ”ނޭޝަނަލް އިންޓަނެޓް ފަޔަރވޯލް“ އެގައުމުގައި ގާއިމުކުރަން ފަށާފައެވެ. މި ނިޒާމުގެ ދަށުން ”ޑީޕް-ޕެކެޓް-އިންސްޕެކްޝަން“ ޓޫލްތައް ބޭނުންކޮށްގެން އިންޓަނެޓްގެ ސްޕީޑް ދަށްކުރުމާއި، ވަކިވަކި ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ޓެލެކޮމް އޮޕަރޭޓަރުންގެ މައްޗަށް ވަނީ ”ލޯފުލް އިންޓަރސެޕްޓް މެނޭޖްމަންޓް ސިސްޓަމް“ ގާއިމުކުރުން މަޖުބޫރުކޮށްފައެވެ. މި ސިސްޓަމްގެ ސަބަބުން އެގައުމުގެ ޖާސޫސީ އިދާރާތަކަށް ކޯޓު އަމުރަކާ ނުލައި ރައްޔިތުންގެ ފޯނު ކޯލްތަކާއި، މެސެޖުތަކާއި، އިންޓަނެޓް ބްރައުޒިންގ ހިސްޓްރީ އަދި އެންމެހައި މުއާމަލާތްތަކެއް ވަގުތުން ބަލައި ދިރާސާކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

ކޯޓުގައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި، ޕާކިސްތާނުގެ ޓެލެކޮމް ޚިދުމަތް ބޭނުންކުރާ މީހުންގެ ތެރެއިން 2 އިންސައްތަ ނުވަތަ ހަތަރު މިލިއަނަށްވުރެ ގިނަ މީހުންގެ މުއާމަލާތްތައް އެއްވެސް ބެލެހެއްޓުމެއް ނެތި ކޮންމެ ވަގުތެއްގައިވެސް މޮނިޓަރ ކުރެވެއެވެ.

އިސްލާމްއާބާދު ހައިކޯޓުން މިކަން ސިފަކޮށްފައިވަނީ ”ބިރުވެރި އަދި ކަންބޮޑުވާންޖެހޭ“ ކަމެއްގެ ގޮތުގައެވެ. އަދި މިއީ ޖޯޖް އޯވެލްގެ މަޝްހޫރު ފޮތް ”1984“ ގައި ސިފަކޮށްފައިވާ ފަދަ ހަރުކަށި ފާރަވެރިވުމުގެ ނިޒާމެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ރައްޔިތުންގެ ޒާތީ މިނިވަންކަން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެގައުމުގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

މި ލިޔުމާ ގުޅޭ