އެމެރިކާއިން އިންޑިއާއާއެކު އޮންނަ ގުޅުން އަވަސް ފުރުސަތެއްގައި ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށާއި، އެހެންނޫންނަމަ ދުނިޔޭގެ ޖިއޯޕޮލިޓިކަލް މައިދާނުގައި ނުފޫޒުގަދަ ”ގްލޯބަލް ސްވިންގް ސްޓޭޓް“ އެއްގެ ގޮތުގައި ބެލެވޭ އިންޑިއާގެ އެއްބާރުލުން ގެއްލިދާނެ ކަމަށް އެމެރިކާގެ ތަޖުރިބާކާރުން އިންޒާރު ދީފިއެވެ. ރިޗަޑް ފޮންޓެއިން އަދި ލީސާ ކާޓިސް ތައްޔާރުކުރި މި އެނަލިސިސްގައި ބަޔާންކޮށްފައިވަނީ މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ މަސްރަހުގައި ނުހަނު ނާޒުކު ވަގުތެއް ކަމަށެވެ.
ފޮރިން އެފެއާޒް މަޖައްލާގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވައިޓް ހައުސްއަށް ވަޑައިގެންނެވި އިރު، އެމެރިކާ އާއި އިންޑިއާގެ ގުޅުން އޮތީ ފާއިތުވި ދަހަރުތަކުގައި ވެސް ނުދެކޭހާ ވަރުގަދަ ފަންތިއެއްގައެވެ. މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާއިން އެމެރިކާއަށް ކުރި ޝައްކުތަކާއި، ވަކި ފަރާތަކަށް ނުޖެހި އޮތް ސިޔާސަތާ އަޅާބަލާއިރު އައިސްފައިވާ ބޮޑު ބަދަލެކެވެ.
ޗައިނާއާއެކު އޮތް ބައިނަލްއަގުވާމީ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިންޑިއާގެ އިސްތިރާޖީ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް މި އެނަލިސިސްގައި ބުނެފައިވެއެވެ. އިންޑިއާއަކީ މިހާރު އިގްތިސާދީ ގޮތުން ނުފޫޒުގަދަ، އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުން ގުޅުން ބަދަހިކުރަން ބޭނުންވާ ގައުމަކަށް ވާއިރު، އެމެރިކާއިން އެ ގައުމާއެކު އޮތް ގުޅުން ހީނަރުވިޔަދީގެން ނުވާނެ ކަމަށް ލިޔުންތެރިން ގަބޫލުކުރެއެވެ.
ފޮންޓެއިން އަދި ކާޓިސް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އިންޑިއާގެ ބައިވެރިކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއިން މެދުނުކެނޑި ޑިޕްލޮމެޓިކް ސަމާލުކަން ދޭންޖެހެއެވެ. އަދި އިންޑިއާގެ ސްޓްރެޓެޖިކް މިނިވަންކަމަށް އިހުތިރާމްކުރުމާއެކު، އެމެރިކާއިން ބޭނުންވާ ކޮންމެ ކަމަކަށް އިންޑިއާއިން ދީލާނުލާނެކަން ދެނެގަނެގެން ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.






